ޚަބަރު

"ގެދޮރުވެރިން" ޕޯޓަލްގެ އެކްސެސް މިނިސްޓްރީން އޭސީސީއަށް ދީފި


  • އެކްސެސް ދިނުމާއެކު، މިމައްސަލައިގެ ތަޙުޤީގުގައި އިތުރަށް ބަލަންޖެހޭ ކަންކަންވަނީ ފަށާފައި

  • ތަހުޤީގަށް ހުރަސްނޭޅޭ ގޮތަށް މައްސަލައާ ގުޅޭ މަޢުލޫމާތު ކޮމިޝަނުން ހިއްސާކުރައްވާނެ

ފްލެޓާއި ގުޅޭ މައްސަލަ ތަޙުޤީޤުކުރުމަށް، "ގެދޮރުވެރިން" ޕޯޓަލްގެ މަޢުލޫމާތު ބެލުމުގެ އެކްސެސް، ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދީފިއެވެ.

4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ފާހަގަވެ، އެކަމުގެ ތެރެއަށް އޭސީސީން ވަދެ އެ މައްސަލަ ދަނީ، ޚާއްސަ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންނެވެ.

އޭސީސީން މިއަދު ވިދާޅުވީ، ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާންކުރި 4000 ފުލެޓާއި ގުޅިގެން ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައިގެ ތަހުޤީގުގެ ބޭނުމަށް "ގެދޮރުވެރިޔާ ޕޯޓަލް"ގެ އެކްސެސް, މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިކޮމިޝަނަށް މިހާރު އެ ކޮމިޝަނަށް ދީފައިވާކަމަށެވެ.

އެކްސެސް ދިނުމާއެކު، މި މައްސަލައިގެ ތަޙުޤީގުގައި އިތުރަށް ބަލައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފަށާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ވިދާޅުވީ މައްސަލައިގެ ތަޙުޤީގު ކުރިއަށްދާ މިންވަރަކުން ތަހުޤީގަށް ހުރަސްނޭޅޭ ގޮތަށް މައްސަލައާ ގުޅޭ މަޢުލޫމާތު ކޮމިޝަނުން ހިއްސާކުރައްވަމުން ގެންދަވާނެކަމަށެވެ.

ފްލެޓްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ކަންކަމުގެ ބައެއް މަޢުލޫމާތު އޭސީސީން ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މަޢުލޫމާތު ހިއްސާކުރައްވަމުން އޭސީސީންވަނީ ޕޯޓަލް ތެރެއިން ޕޮއިންޓް ބަދަލުކޮށްފައިވާކަން ހާމަވާކަމަށެވެ.

އެގޮތުން ޕޯޓަލްގެ ތެރެއިން އޮޓޮމެޓިކުން ލިބޭ ޕޮއިންޓާއި ކުޅެ، ޕޯޓަލްގެ ތެރެއިން ބައެއް މީހުންނަށް ޕޮއިންޓް އިތުރުކޮށްފައިވާކަމަށެވެ.
ދަރިން ނެތް މީހުންނާއި، މާލޭގެ ދިރިނޫޅޭކަން ޔަގީންކުރެވޭ ވަރަށް މަޢުލޫމާތު ހުރި މީހުންނަށްވެސް ޕޯޓަލް ތެރެއިން އެބައިބަޔަށް ޕޮއިންޓް އިތުުރުކޮށް ދީފައިހުރި ކަމަށެވެ.

މިކަމުގައި މައްސަލަ ބޮޑަށް ގޯސްވެގެންދިޔައީ، ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލް، ފޯމު ހުށައެޅި މީހުންނާއި ކުރީގެ މިނިސްޓްރީން ހިއްސާކޮށްފައި ނުވާތީއެވެ.

އޭސީސީންވަނީ ދެފަހަރެއްގެ މަތިން، ކުރީގެ ގެދޮރުވެރިކަމާބެހޭ މިނިސްޓްރީއަށް ވަދެ ފްލެޓާއި ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުކޮށްގެން ނޫނީ، ފްލެޓްދިނުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް އަންގަވާފައެވެ.

މިކަމަށް އަވަސް ޙައްލެއް ގެނައުމަށް، އޭސީސީއާއި މިސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.