ޚަބަރު

ޕާކުކުރާނެ ޖާގަ ހުއްޓަސް، އެކަށީގެންވާގޮތުގައި ބޭނުމެއްނުކުރޭ


  • ވެހިކަލް ޕާކުކުރާނެ އެކަށީގެންވާ ޖާގަ މާލޭގައި ނެތްކަން ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރައްވާ

  • ޕާކިންގ ހުރި ދިމަދިމާލުގައިވެސް ޢާއްމުންގެ ބައެއް މީހުން ޕާކުނުކުރޭ

  • ރިންގް ރޯޑުގައި ޓޭކްއަވޭ ކޮފީ ނެގުމަށް ކާރާއި ސައިކަލު އެކި ދިމަ ދިމާލުގައި ޕާކުކުރޭ

މާލޭގެ ޕާކިންގއަށް އެކަށީގެންވާ ޖާގަނެތް ވާހަކައަކީ ދޮގުވާހައެއް ނޫނެވެ. އެހެންނަމަވެސް ހުރި ދިމަދިމާލުގައި ޖާގަ ހުރިކަން އެއީވެސް ޙަގީގަތެކެވެ.

ހިތާމައަކީ އެޙަގީގަތާއި ކުރިމަތިލާން ޢާއްމުންގެ ތެރެއިން ބައެއް ފަރާތްތަކުން ބޭނުން ނުވާކަމެވެ. ތިމާގެ ވަގުތީ އުފަލަކަށްޓަކައި ބައެއް ސަރަޙައްދުތަކުގައި މަޑުކޮށްލައިގެން ތިބޭއިރު އޭގެ ސަބަބުން ތިމާއާއި އަނެކުން މިހުށައެޅިގެންދަނީ ކިހާވަރެއްގެ ނުރައްކަލަކަށްކަމެއް އެއްވެސްވަރަކަށް ވިސްނައެއް ނުލެވެއެވެ.

މާލޭގެ ވަށައިގެންވާ ރިންގް ރޯޑުގައި ތާރުއަޅާ ހުޅުމާލޭ ބްރިޖާއެކު އެސަރަޙައްދުގެ ޓްރެފިކަށް ބަދަލު ގެންނެވުމަށްޓަކައި ޚާއްސަ ކޮމިޓީއަކުން މުހިއްމު ގިނަ ނިންމުންތަކެއްވަނީ ނިންމަވާފައެވެ.

އެގޮތުން ކަމާއި ގުޅޭ ހުރިހާ އިދާރާއެއްގެ ބޭފުޅުން ޝާމިލުވާ ކޮމިޓީގެ އޭރުގެ ޗެއަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ނިންމެވި އެންމެ މުހިއްމު އެއް ނިންމެވުމަކީ ރިންގ ރޯޑް ހިމެނޭ ސަރަޙައްދު 4 ލޭނަށް ދުއްވޭގޮތަށް ހަމަޖައްސާ، އެސަރަޙައްދުގައި އެއްވެސްގޮތަކަށް ޕާކު ނުކުރެވޭ ގޮތް ހަމަޖެއްސުމަށެވެ. އެއީ ވަރަށް ގިނަ ގޮތްގޮތުން ވިސްނެވުމަށްފަހުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިކޮމިޓީގައި އޭރު ހުންނެވި އަދި މިހާރު ފުލުހުންގެ ހެންވޭރު ޕޮލިސް އޮޕަރޭޝަންގެ ކޮމާންޑަރ މުޙައްމަދު ޙަސަން ވިދާޅުވީ، އެ ސަރަޙައްދުގައި ޕާކުނުކުރެވޭ ގޮތަށް ހަމަޖެއްސުމަކީ ޢާއްމުންގެ ރައްކާތެރިކަމަށް ނިންމި ނިންމުމެއްކަމަށެވެ.

"ޢިއްޒުއްދީން މަގާއި ކޭކޭ ކުރިމަތިން އައިސް މޫންލައިޓް ހިނގުމާއި ހިސާބުން އަރޓިފިޝަލް ބީޗްއާއި ހިސާބަށް އެއީ ޕާކު ނުކުރެވޭ ސަރަޙައްދެއްގެ ގޮތުގައި ހަމަޖެއްސީ. އެއީ ވަރަށް ކާރޫ ބާރޫ ބޮޑު މަގެއްކަމަށްވެފައި ހިނގަފާނެ ނުރައްކާތެރި އެކްސިޑެންޓަކަށް ބަލާފައި ނިންމި މިންމުމެއް." މުޙައްމަދު ޙަސަން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން އޭރު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ބެލެހެއްޓި ސަރަޙައްދެއްގެ ގޮތުގައި މާލޭގެ ރިންގ ރޯޑް ހިމެނެއެވެ. ގަވާއިދާ ޚިލާފަށް އެތަންތަނުގައި ޕާކުކުރާ ފަރާތްތަކާއިމެދު ފިޔަވަޅެއްގެ ގޮތުން އޭރުވަނީ ސްޓިކާ ޖަހާ ވެހިކަލް ޓޯކުރުން ފަދަކަންކަން ކޮށްފައެވެ. އެހެންނަމަވެސް މިއަދު ޢާއްމުން މި ފިޔަވަޅުތަކާއި ދޭތެރޭ ދެކޭ ގޮތްވަނީ ބަދަލުވެފައެވެ.

ސްޓިކާއާއި ޖޫރިމަނާއަކީ މާފުކުރެވޭ އެއްޗެއްކަން ރައްޔިތުންނަށް ޤަބޫލުކުރެވިއްޖެ!

އެއްބަޔަކު މިއީ ސަރުކާރުން ޢާމްދަނީ ހޯދުމަށް ކުރި މަސައްކަތެއްގެ ގޮތުގައި އެއްއިރެއްގައި ސިފަކުރިއެވެ. އަދި އަނެއް ބަޔަކު ސްޓިކާ ޖެހުމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި ޤަބޫލެއް ނުކުރެއެވެ. އެއިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކު މާފުކުރައްވަން ބޭނުންފުޅުވުމުން ދެވެން އޮންނަ މާފެއްކަމާއި ސިޔާސީ ހަލަބޮލިކަމުގައި އެމަގު އޮތްކަން ރައްޔިތުންނަށް މިއަދު ދަސްވެއްޖެއެވެ. މިއީ މިއަދު ފުލުހުންގެވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

ހަމައެއާއެކު ދެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ ރައްކާތެރިކަމެވެ. 4 ލޭން އޮތް މާލޭ ރިންގ ރޯޑުގެ ބައެއް ސަރަޙައްދުތަކުގައި މިހާރު އުޅަނދު ދުއްވުމަށް ބޭނުންކުރެވެނީ 2 ލޭނެވެ. އެއީ ދެފަރާތަށް ދުއްވޭ މަގުތަކުގެ ދެފަރާތުގައި 4 ފުރޮޅުލީ އުޅަނދުތަކާއި، ސައިކަލުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުންނެވެ. ހެންވޭރު ޕޮލިސް އޮޕަރޭޝަންގެ ކޮމާންޑަރ މުޙައްމަދު ޙަސަން ވިދާޅުވީ، އެގޮތަށް ޕާކުކޮށްފައި ހުރުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށެވެ.

"މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުންނައިރު މިއީ ބްރިޖާއި ގުޅިފައިވާ މަގުތައް. ބާރު ސްޕީޑުގައި ދާއިރު ނުރައްކާތެރި ޙާދިސާއެއް ހިނގުމުގެ ފުރުސަތު އެބައޮވޭ. އަނެއްކާ ހަމަ އެގޮތަށް ދާއިރު މިއިން ވެހިކަލްއެއްގެ ދޮރުފަތް ހުޅުވޭ ދަނޑިވަޅުގައި ނުފެނި އަންނަ އެއްޗެއްގައި ޖެހިގެންވެސް ބިރުވެރި ޙާދިސާއެއް ހިނގާފާނެ." މުޙައްމަދު ޙަސަން ވިދާޅުވިއެވެ.

ރިންގ ރޯޑުގައި ހަދާފައިވާ ޓޭކްއަވޭ ބައެއް ތަންތަނުގެ ކައިރީގައި ބޮޑެތި ޕާކިންގ ޒޯންތައް ހުންނަ އިރުވެސް މަގުމަތީގައި ޕާކުކުރާކަން ފުލުހުން ފާހަގަކުރެއެވެ. އެގޮތުން އެންމެ ބޮޑަށް މި މައްސަލަ ދިމާވާ ސަރަޙައްދުތަކަށް ބަލާއިރު ސެނެހިޔާ ކުރިމައްޗާއި، ސަލްމާން މިސްކިތް ކައިރީ ހުންނަ ޓޭކްއަވޭ ތަންތަނާއި، ރާޅުގަނޑާއި ދިމާލުގައި ހުންނަ ޓޭކްއަވޭ ތަންތާ ކައިރި ފުލުހުން ފާހަގަކުރައްވައެވެ.

ޕާކުކުރެވޭނެ ޖާގަނެތް ތަންތާ ނެތަސް، ހުރި ތަންތާވެސް ބައެއް ޢާއްމުން ޕާކުނުކުރޭ!


ޕާކުކުރަން ޖާގަނެތް ތަންތަން މާލޭގައި އެބަހުއްޓެވެ. އެކަން ކަމާބެހޭ ފަރާތްތަކުންވެސް ޤަބޫލުކުރައްވައެވެ. އެހެންނަމަވެސް ޖާގައޮތް ބޮޑެތި ޕާކިންގ ޒޯނުތައް ކުރިމަތީގައި ހަދާފައިވާއިރު، އެޒޯނުތަކުގައި ޕާކުނުކޮށް ޓޭކްއަވޭ ތަންތަނުގެ ކުރިމަތީ މަގުގެ އަނެއް ފަޅީގައި ދުއްވަން އޮންނަ ޖާގަ، ގެއްލޭގޮތަށް ތިބުމަކީ މައްސަލައެކެވެ. އެއީ ތަނެއް ނެތިގެން ޖެހިގެން އުޅޭ މައްސަލައެއް ނޫނެވެ.

އެހެންކަމުން އެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. ތިމާ ޓޭކްއަވޭ ކޮފީއެއް ނަގަން ދާއިރު ސައިކަލު ޕާކުކުރަނީ ކޮންތަނެއްގައިކަމާއި، އޭގެ ސަބަބުން އަނެކުންނަށް ގެއްލުމެއްވޭތޯ ޔަޤީންކުރުމަކީ ތިމާގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.