މާލޭގައި ޢާއްމު ބަހުގެ ދަތުރުފަތުރުގެ ޚިދުމަތް ފެށުމަށްޓަކައި މައި ބައެއް މަގުތަށް ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ. މިގޮތުން ޓްރެފިކަށާއި، މަގުމަތީގެ ޕާކިންގއާއި މިފަދަ ބައެއްކަންކަމަށްވަނީ ބަދަލު ގެނެސްފައެވެ. ބޭނުމަކީ ޢާއްމުންގެ އިތުބާރު އޮތް ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށް މާލޭގައި ވެހިކަލް ތޮއްޖެހުން ކުޑަކުރުމުގެ ބޮޑު ޕްލޭނެވެ. މިގޮތުން މާލެ ތެރޭގައި ދުއްވާނެ ބަސްތައް ތަޢާރަފްކޮށް ބަހުގެ ރޫޓުތައް ކަނޑައެޅީ އެމަގުތަކުގެ ދެފަރާތުން ޒަމާނުއްސުރެ ޕާކުކުރަމުންދިޔަ ސަރަޙައްދުތައް ނެގުމަށްފަހުގައެވެ. މިކަމަށްޓަކައި އަމީނީ މަގާއި މަޖީދީ މަގުގައި ޚާއްސަ ޕާކިންގ ޒޯންތަކެއް ތަރައްޤީކޮށްބަހުގެ ރޫޓަށް ބުރުނާރާނެހެން މިދެމަގަކީވެސް ޕާކުކުރުން މަނާ ދެމަގުގެ ގޮތުގައިވަނީ ހަމަޖައްސާފައެވެ.
މިއީ ޢާއްމުން ބޭނުންކުރާ ޢާއްމުންގެ ދަތުރުފަތުރުގެ ނިޒާމު ފަސޭހަކޮށް ގަޑިއަށް ތަންތަނަށް ދެވޭނެހެން ނިންމި މުހިއްމު ނިންމުމެކެވެ. ނަމަވެސް ހިތާމައަކީ މިނިޒާމަށް އިޙްތިރާމްނުކުރާ މީހުން އިތުރުވަމުންދިޔުމެވެ. އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަގުގެ 10 ސެގްމަންޓު ނިމިގެން ހުޅުވާލިއިރު ޕޭވްމަންޓަށް ޖާގަދީ މަގުމަތިން ދުއްވަން ލިބޭ ޖާގަވަނީ ހަނިކޮށްފައެވެ. އެހެންކަމުން ދެކޮޅަށް ދުއްވޭ މިމަގުގައި ދުއްވާތަކެއްޗަށް އޮތް ޖާގަ ހަނިވުމުން މަގުގައި ޕާކުކުރެވޭނެ އިންތިޒާމެއް ނެތެވެ. ވުމާއެކު މި މަގަކީ ޕާކުކުރުން މަނާތަނެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
"އަމީނީ މަގު ތަރައްޤީކޮށް ހުޅުވާލިއިރު، މަގުގެ ދެފަޅިން ފޫޓެއްހާވަރު މިވަނީ ގެއްލިފައި. އެގޭ ސަބަބުން ދުއްވަން އޮތް ޖާގަ ކުޑަވުމުން، މަގުމަތީގައި ދެފަރާތުގައި ޕާކުކުރީމަ ދުއްވަން އެންމެ ލޭނެއްވެސް ނުލިބޭ ބައެއް ދިމަދިމާއިން." ހެންވޭރު ޕޮލިސް އޮޕަރޭޝަންގެ ކޮމާންޑަރ މުޙައްމަދު ޙަސަން ވިދާޅުވިއެވެ.
އަމީނީ މަގުގެ ދަރުބާރުގެއާއި ދިމާލުންނާއި ފުރުޤާނު މިސްކިތްކުރިމަތިންނާއި، މާފަންނު ސްޓޭޑިއަމް ކައިރި އަދި ފުޑް ކޯޓުކައިރިން ޕާކިންގވަނީ ހަމަޖައްސާފައެވެ. މަޖީދީ މަގުގައި ހީނާމާގެއާއި، މާފަންނު ސަހަރާކައިރިންވަނީ ޕާކިންގއަށް ޚާއްސަ ސަރަޙައްދުތައް ކަނޑައަޅާފައެވެ.
މިސަރަޙައްދުތަކުގައި ބައެއް ފަރާތްތަކުން ޕާކުކުރުމަށް ބޭނުންކުރާކަންވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް އަމީނީ މަގާއި މަޖީދީ މަގުގެ ދެފަރާތުގައި ޕާކުރާ މީހުންގެ ޢަދަދު ފަހަކަށް އައިސްވަނީ އިތުރުވެފައެވެ. ބަހަކީ މިހާރު ޢާއްމުން ތަންތަނަށް ދިޔުމަށް ބަރޯސާވާ ނިޒާމަކަށްވެފައިވާއިރު، ގަޑިއަށް ތަންތަނަށް ދިޔުމުގައި ބަހުގެ ރޫޓުގައި ޓްރެފިކް ޖެހޭނަމަ ބުރުއަރާނެއެވެ. ކަން މިހެން އޮތްއިރުވެސް މަޖީދީ މަގާއި އަމީނީ މަގުގެ ދެފަރާތުގައި ވަގުތީގޮތުންވެސް އަދި ގިނަ ވަގުތުތަކެއް ވަންދެންވެސް ހަތަރުފުރޮޅުލީ އުޅަނދުތަކާއި ސައިކަލުވެސް ގިނަ ޢަދަދަކަށް ޕާކުކޮށްފައި ހުރެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބަހުގެ ރޫޓުގެ ގޮތުގައި ކަނޑައަޅާފައިވާއިރު ޢާއްމުންގެ ސަބަބުން ބަހުގެ ޚިދުމަތްހޯދާ ޢާއްމުންނަށް ދަތިވުމެވެ. އަދި ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހިނގާފާނެ ނުރައްކާތެރި ޙާދިސާއަކާއި މެދުވެސް ފުލުހުން ކަންބޮޑުވެއެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް މިއީ، ޢާއްމު ދަތުރުފަތުރުގެ ޚިދުމަތަށް ބުރުއަރާހެން މަގުގެ ދެފަރާތުގައި ޕާކުކުރުން ހުރިހާ ބޭފުޅުންވެސް ހުއްޓަލުމަކީ. ބައެއް ސަރަޙައްދުތަކުގައި ކޯން ޖަހައިގެން މިހާރު މިދަނީ ބަލަމުން.އަޅުގަނޑުމެން ބޭނުމެއް ނޫން ފިޔަވަޅު އަޅާކަށް. އެންމެ އެކައްޗެއް ކިޔައިފިނަމަ ޙައްލުވާނެކަމެއް މިއީ." ހެންވޭރު ޕޮލިސް އޮޕަރޭޝަންގެ ކޮމާންޑަރ މުޙައްމަދު ޙަސަން ވިދާޅުވިއެވެ.
މާލޭގެ ކާރޫ ބާރޫ ބޮޑު ދެމަގެއްގައި ބަހަށް ޚާއްސަ ރޫޓެއްގޮތަށް ކަނޑައަޅާ މިއީ ކުރެވިދާނެކަމެއްތޯ އޭރުވެސް ގިނަ ބަޔަކުވަނީ ސުވާލުއުފައްދާފައެވެ. އޭރު ފުލުހުންވެސް ދިން ޔަގީންކަމަކީ މިކަން ތަންފީޒުކުރެވޭނެކަމުގެ ޔަގީންކަމެވެ. ވަރުގަދަ ޢާއްމު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރެވޭނެކަމުގެ ޔަގީންކަމެވެ. އެހެންނަމަވެސް މިއަދު ތަންފީޒުކުރަމުންދާއިރު ފެންނަ މަންޒަރަކީ ބަހުގެ ރޫޓަށް ބުރުއަރާގޮތަށް ބަގުގެ ދެފަރާތުގައިވެސް ޕާކުކޮށްފައި ހުންނަ މަންޒަރެވެ.
އޭގެ ސަބަބުން ބަހަށް ނުދެވި މަޑުކުރަންޖެހުމާއި މަސް ބަޑުކުރާ "ބަސް ހުއްޓި" ތައް ކައިރީގައި ޕާކުކޮށްފައި ހުރުމުގެ ދަތިކަންވެސް ބަހަށް ކުރިމަތިވެއެވެ. އާޚިރުގައި މިހުރިހާ ތަކުލީފެއްވެސް ޖެހެނީ ބަހުގެ ޚިދުމަތަށް ބަރޯސާވެގެން ވަކި ގަޑިއަކަށް އޮފީހަށާއި ސްކޫލް ޔުނިވަރސިޓީތަކަށްދާ ދަރިވަރުންނާއި އެނޫންވެސް ޢާއްމުންނަށެވެ. އެހެންކަމުން މިގޮތަށް ޕާކުކުރާ ފަރާތްތަކުން އެޢަމަލު ހުއްޓާލައިގެން ނުވަތަ ކަމާބެހޭ ފަރާތްތަކުންވެސް މިކަމާއި މެދު މިހާރަށްވުރެ ބޮޑަށް ސަމާލުވެ ޙައްލެއް ގެންނަން އެބަޖެހެއެވެ.