މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ ޕާކް ކުރާނެ ސަރަހައްދަކާއެކު 7 ފަންގިފިލާއަށް ކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ އެކްޓިން މޭޔަރ އަހްމަދު ނަރީޝް ވިދާޅުވީ ރާއްޖޭގެ ހުރިހާ މާރުކޭޓެއް އެއްފުރާޅެއްގެ ދަށަށް ގެނައުމަށްޓަކާ ކުރަންޖެހޭ އިދާރީ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި މަސައްކަތް ކޮށްދޭނެ ފަރާތެއް އިޢުލާންކޮށްގެން ކުރިން ހޯދާފައިވާ ކަމަށާއި، މަސައްކަތް ނުފެށި އޮތީ ކުރީގެ ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީގެން ކަމަށެވެ. އަދި 19 ފަހަރެއްގެ މަތިން ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ހުށައެޅުނު ނަމަވެސް އޭރުގެ ސަރުކާރުން އެޕްލޭން ފާސްކޮށްދީފައި ނުވާކަން ނަރީޝް ފާހަގަ ކުރެއްވިއެވެ.
ނަރީޝް ވިދާޅުވީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭ މާރުކޭޓް އިމާރާތް ކުރެވޭނީ ޕާކްކުރެވޭނެ ސަރަހައްދަކާއެކު ކަމަށެވެ.
"ޖުމްލަ 7 ފްލޯއެއް މިއިންނަނީ. އިންނައިރުގަ އެންމެ ބޭސްމެންޓުގަ އިންނާނީ ޕާރކިންގ، ގްރައުންޑްގަ މަސްމާރުކޭޓް، 3،2،1 ގަ އިންނާނީ ވެޖް މާކެޓް، ދެން އެންމެ މަތީގަ އިންނާނީ ކޯލްޑް ސްޓޯރޭޖާއި އެއްކޮން އިންނަ މާކެޓެއް އިންނާނެ އެއީ އެންމެ މަތި، ދެން އޭގެ މައްޗަށް އިންނާނީ ފުޑްކޯޓުތަކެއް. ބޭރު ގައުމުތަކުގަ ހުންނަ ފުޑް ކޯޓުތަކުގެ ސްޓައިލަށް އިންނަ ފުޑްކޯޓެއް މިތަނުގަ ހުންނާނީ. ފުދޭ ވަރަކަށް ބޮޑު ޗޭންޖެއް އަންނާނެ މިތަނަށް." ނަރީޝް ވިދާޅުވިއެވެ.
ކުރިއަށް އޮތް 7 ހަފްތާގެ ތެރޭގައި ވަގުތީ މާރުކޭޓަށް ގޮޅިތައް ބަދަލްކުރެވި އައު މާރުކޭޓު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މާރުކޭޓު ހެދުމުގެ އަމަލީ މަސައްކަތް ފެށޭތާ 8 މަސް ދުވަހުގެ ތެރޭގައި އެތަނުން އާންމުންނަށް ޚިދުމަތް ލިބެން ފަށާނެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. އަދި މަސައްކަތް ނިމޭވަރަކުން ފަންގިފިލާތައް ކައުންސިލާއި ހަވާލު ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ އެންމެ ފުރަތަމަ އެތަނުގައި ހުޅުވޭނީ މަސް މާރުކޭޓު ކަމަށާއި އެއަށްފަހު މިހާރުގެ މަސްމާރުކޭޓު ހުރި ސަރަހައްދަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހަމައެގޮތަށް ދަތުރުވެރިންގެ މާރުކޭޓުވެސް ބަދަލުކުރެވުމުން އެސަރަހައްދަށް ވެސް ބަދަލު ގެނެވޭނެކަން ނަރީޝް ފާހަގަ ކުރެއްވިއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވޭ މާރުކޭޓް ހަދަން ނިންމާފައިވަނީ ޖާގައިގެ ގޮތުން ތަނަވަސް 15000 އަކަފޫޓުގެ ބިމެއްގައި ކަމަށްވުމުން މިހާރު މާރުކޭޓު ހިންގުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ޖާގައިގެ ދަތިކަން މިއާއެކު ހައްލުވެގެންދާނެކަން ނަރީޝް ފާހަގަކުރެއްވިއެވެ.
މިމާރުކޭޓް ފަރުމާކޮށްފައިވާނީ އިންޓަރނޭޝަނަލް މިންގަޑުތަކަށް އަދި ރާއްޖޭގެ ފުޑް އެން ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭގެ މިންގަނޑަށް ފެތޭ ގޮތަށެވެ.
މާލޭގެ މާރުކޭޓުތަކުގެ ޚިދުމަތް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެ ކަމަށާއި، އަދި މިއީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ދެކުނު ވަރަށް ބޮޑު ހުވަފެނެއް ކަމަށްވެސް ނަރީޝްވަނީ ވިދާޅުވެފައެވެ.