ޚަބަރު

ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް، ފެށޭ އަހަރު ޢަމަލީ މަސައްކަތް ފަށާނެ


  • ފެށޭ އަހަރު ޢަމަލީ މަސައްކަތް ފަށާނެ

  • ގިނަވެގެން 3 އަހަރުގެ ތެރޭ ޚިދުމަތް ދޭން ފަށާނެ

  • ޢިމާރާތްކުރަނީ ތިމާވެށްޓާ ރައްޓެހިގޮތަކަށް

  • ތަރައްޤީކުރާނީ ޓާޝިއަރީ ފެންވަރަށް

ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް މި ފެށޭ އަހަރުގެ ތެރޭގައި އަޅަން ފަށްޓަވާނެކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.


ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައި ވަނީ މި ފެށޭ އަހަރުއެވެ. އަދި 3 އަހަރު ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ނިންމާ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. ޗައިނާ ސަރުކާރުގެ އިސް ވަފްދެއް މިއަދު ވަނީ ވިލިމާލޭ ހޮސްޕިޓަލަށް މިއަދު ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިއްޙީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މައިގަނޑު ބޭނުމަކީ ވިލިމާލޭގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ދާން ޖެހޭ ތަކުލީފުކުޑަކޮށް، މާލޭގައި ހުރި ހޮސްޕިޓަލްތަކަށް ބާރު ކުޑަކުރުންކަމަށެވެ.

ވަޒީރު ވިދާޅުވީ ވިލިމާލޭގައި އަލަށް އަޅާ ހޮސްޕިޓަލަކީ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްކަމަށާއި، މުހިއްމު ބަލިތަކަށް ފަރުވާދެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ. އަދި މި ފެށޭ އަހަރު ހޮސްޕިޓަލްގެ ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްފަހު ގިނަވެގެން 3 އަހަރުގެ ތެރޭގައި ހޮސްޕިޓަލްގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް ގެންދަވާނެކަމަށެވެ. އަދި އަވަހަށް ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ. ވިލިމާލޭގައި އަޅާ އައު ހޮސްޕިޓަލަކީ ތިމާވެއްޓާ ރަށްޓެހި ކޮންސެޕްޓަކަށް ތަރައްޤީކުރާ ހޮސްޕިޓަލެކެވެ.

"ރައީސްގެ ވަރަށް ބޮޑު އަމާޒެއް އެއީ މިރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުން. މިތަނުގައި ޓާޝަރީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދެވޭނެ. ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްއެއް ޤާއިމްކުރެވިގެންދާއިރު ހޮސްޕިޓަލްއެއްގައި ހުންނަން ޖެހޭ ހުރިހާ ޚިދުމަތެއް ހުންނާނެ. ކިޑްނީ ބަލީގެ ޚިދުމަތް، ހިތުގެ ބަލީގެ ޚިދުމަތް ފަދަ މުހިއްމު ޚިދުމަތްތައް ލިބޭނެ. ތިމާވެށްޓާ ރައްޓެހި ހޮސްޕިޓަލްއަކަށް މި ހޮސްޕިޓަލް ވާނެ." ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

މިވަގުތު ވިލިމާލެ ހޮސްޕިޓަލް ހިންގަމުންދަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ބެލުމުގެ ދަށުންނެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ޙަލީމް ވިދާޅުވީ މިހާރު ހުރި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމުން ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ. ޙަލީމް ވިދާޅުވީ ހޮސްޕިޓަލް ޢިމާރަތް ކުރުމުގެ މަސައްކަތް ފަށްޓަވާނީ ވިލިމާލޭގެ ރައްޔިތުންނަށް އަސާސީ ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހުގައިކަމަށެވެ. އަދި އިމަޖެންސީ ހާލަތައް ސީ އެންބިއުލާންސެއް ބާއްވާނެކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

"ލެބޯޓަރީގެ ޚިދުމަތާއި އެންއައިސީއާއި އޮޕަރޭޝަން ތިއޭޓަރަކާ، އައިސީޔޫގެ އިތުރުން ޕްރައިވެޓް ރޫމާއި ވޯޑް ހުންނާނެ. ޢިމާރާތުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ލިބުމުގެ މަގު ބަންދެއް ނުވާނެ. އިމަޖެންސީކޮށްވެސް ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސާނެ." އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގް ޙަލީމް ވިދާޅުވިއެވެ.

ވިލިމާލެ ހޮސްޕިޓަލްއަކީ 24 ގަޑިއިރަށް ޚިދުމަތްދޭ ހޮސްޕިޓަލެއް ނަމަވެސް އެތަނުން ލިބެމުން އަންނަނީ މަދު ޚިދުމަތްތަކެކެވެ. މިވަގުތު އެ ހޮސްޕިޓަލްގައި ޚިދުމަތްދެނީ 5 އެނދުގެ އިމަޖެންސީ ރޫމަކާއި، ބަލިމީހުން ބެލުމަށް ޚާއްޞަ 3 ކޮޓަރިއާއެކުއެވެ. އެ ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރެއްވެސް ނެތެވެ.

ޚާއްޞަ ބަލިތަކުގެ ޚިދުމަތް ދެނީ އައިޖީއެމްއެޗްގެ ސްޕެޝަލިސްޓުން އެ ހޮސްޕިޓަލަށް ގޮސްގެންނެވެ. ކުއްލި ފަރުވާ ދޭންޖެހޭ ޙާލަތެއްގައި ޚިދުމަތް ދިނުމަށް ބަލިމީހާ ފޮނުވަނީ އައިޖީއެމްއެޗަށެވެ. އެހެންނަމަވެސް އައު ހޮސްޕިޓަލާއެކު މިކަންކަމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.