ތަރައްގީގެ އަމާޒުތަކަށް ވާސިލްވުމަށް އެހީ ފޯރުކޮށްދޭ މަޝްރޫއުތަކަށް ބިޑަކާނުލައި އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހުގައެވެ.
މާލީ ވުޒާރާއިން ގެޒެޓްކޮށްފައިވާ މާލިއްޔަތު ޤަވައިދަށް ގެނައި ފުރަތަމަ އިސްލާހުގައި ވަނީ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ސަރުކާރުން އިއުލާނު ނުކުރާ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭނެގޮތް ޢާންމުކުރައްވާފައެވެ. އެގޮތުން ޑައިރެކްޓު އުސޫލުން އަދި ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓިވްގެ ދަށުން މަސައްކަތް ހަވާލު ކުރެވޭނީ މަސައްކަތުގެ ބާވަތާއި އަގު، އަދި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭހެން އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ އެ މަސައްކަތެއް އެވޯޑުކުރަން ނިންމި ސަބަބު މާލީ ވަޒީރާ ހިއްސާކުރެއްވުމަށްފަހު ވަޒީރުގެ ލަފާފުޅާއެކުގައެވެ.
މި އިސްލާހުގައި ވަނީ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް ކުރިއަށް ގެންދިޔުމަށް ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީ އަކުން ނިންމިދާނެކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ ޕްރޮޕޯސަލް އަކީ ސަރުކާރުގެ ވަކި މަޝްރޫއުއަކަށް ނުފެތުނު ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލްވެވޭނެ މަޝްރޫއުއަކާ ގުޅޭ ޕްރޮޕޯސަލްއަކަށް ވާންޖެހެއެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޮޕްމެންޓު ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އީޖާދީ އަދި ފުދުންތެރި ގޮތުގައި ހާސިލްކުރުުމަށް މަގުފަހިވާ ނަމަ ޕްރޮޕޯސަލް ހުށައެޅިދާނެއެވެ.
ސަރުކާރުން ކުރިއަށް ގެންދަން އިއުލާނު ކޮށްފައިވާ ނުވަތަ ރާވާފައިވާ މަޝްރޫއުއެއް ނަމަ، އެފަދަ ޕްރޮޕޯސަލްއެއް ހުށައެއްނޭޅޭނެކަމަށް އިސްލާހްގައިވެއެވެ. އަދި އެ ހުށަހަޅާ މަޝްރޫއުއަކީ ސަރުކާރުން އެފަދަ މަޝްރޫއުއެއްގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މަސައްކަތް ފަށާފައިވާ މަޝްރޫއުއަކަށް ވެސް ވެގެން ނުވާނެއެވެ.
އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓު މޯލްޑިވްސް ކުންފުންޏަށެވެ. އެފަދަ ގޮތަކަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުން 3 މަރުހަލާއެއްގައި ކުރިއަށްދާނެކަމަވެސް އިސްލާހުގައި ބުނެއެވެ. އަދި ތިންވަނަ މަރުހަލާގައި އިންވެސްޓުމެންޓު ނުވަތަ މަސައްކަތް ކުރިއަށްގެންދާ ކުންފުނި ރަޖިސްޓްރީކޮށް އެއްބަސްވުމުގައި ސޮއިކުރާނެކަމަށް މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހުގައިވެއެވެ.
ބިޑަކާ ނުލާ ނުވަތަ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތައް ކުރިއަށްް ގެންދިޔުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތް ހަމަޖައްސާފައިވާއިރު ބިޑުގެ ދައުވަތަކާ ނުލާ ޕްރޮޕޯސަލް ހުށަހެޅުމަށް މީގެ ކުރިން އެކުލަވާލާފައިވާ އުސޫލު ވަނީ އުވާލައިފައެވެ.