ޚަބަރު

ރައީސްގެ ވަޢުދާ އެއްގޮތަށް ސޯޝަލް ހައުސިންތަކުގެ ޖޫރިމަނާ މަޢާފްކޮށްދީފި


  • ރައީސް ވަނީ ސޯޝަލް ހައުސިންގތަކުގެ ޖޫރިމަނާ މަޢާފްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި

  • ޖޫރިމަނާ ފައިސާ ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވޭ

ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލިނުދެއްކުމުގެ ސަބަބުން މިމަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

ޖޫރިމަނާ މަޢާފްކޮށްދޭން ނިންމާފައިވާކަން އިޢުލާންކޮށް އެޗްޑީސީން ނެރުނު ނޫސްބަޔާނުގައިވަނީ ޖޫރިމަނާ މަޢާފްކުރުމަށްފަހު ބާކީ ނުދެއްކި ހުރި ފައިސާގެ އަދަދު ބަހާލައިގެން ދެއްކޭނެ ނިޒާމެއްވެސް ހަމަޖައްސާފައިވާކަމަށެވެ.

އެޗްޑީސީން ބުނީ ސޯޝަލް ހައުސިން ޔުނިޓްތަކުގެ އެއްބަސްވުމަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި، އެއްބަސްވުމަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި އިސްލާމީ އުޞޫލްތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

މިއާއެކު ފައިސާ ދިނުން ލަސްވެގެން ނަގާ ޖޫރިމަނާއަކީ %1 ކަމުގައި ކަނޑައެޅިގެންދާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި ދުވަހުން ދުވަހަށް ޖޫރިމަނާ އިތުރުނުވެ ޖޫރިމަނާ ނަގާ އަދަދު ދުރާލާ ދެފަރާތައްވެސް އެނގިގެންދާނެއެވެ. މީގެ އިތުރުން ޖޫރިމަނާއަށް ކުރިން އަހަރަކަށް %18 ދައްކަންޖެހޭއިރު މި ބަދަލާއެކު ދެން ޖޫރިމަނައަށް މަހަކު ނަގާނީ %1 ކަމަށާއި، މިފައިސާ ސަދަގާތް ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

އިސްލާމީ އުޞޫލްތަކާ އެއްގޮތަށް އެއްބަސްވުން ބަދަލުކުރުމަށާއި، ދައްކަންޖެހި ނުދައްކާވާ ފައިސާ ބަހާލައިގެން ދެއްކުމަށް އެދޭ ފަރާތްތަކުން ޖެނުއަރީ 10 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދޭ ފޯމް ފުރިހަމަކުުރުމަށްފަހު ހުށައެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލިނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެއްވުމަށް އެކޯޕަރޭޝަނުން ޖޫރިމަނާ މަޢާފްކޮށްދިނުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ14ގެ މަގު ޗާޓްގެ ދަށުން ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.