ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ހިމެނިފައިވާ ޤައުމެކެވެ. މިހާހިސާބަށް ދިޔައިރު ރާއްޖެއިންވަނީ ގައިންގަޔަށް އަރާ ގިނަ ބަލިތަކަކުން އަރައިގަނެ ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް ފެންނަންއޮތް އަނެއް ޙަޤީގަތަކީ ގައިންގަޔަށް ނާރާ ބޮޑެތި އަދި ދާއިމީ ގިނަ ބަލިތަކެއް ރާއްޖޭގައި އިންތިހާއަށް އިތުރުވަމުންދާކަމެވެ.
ރާއްޖޭގައި މީހުން މަރުވާ މައިގަނޑު އެއްސަބަބަށް ގައިންގަޔަށް ނާރާ މިފަދަ ބޮޑެތި ބަލިތައް ވެފައިވާއިރު މިކަން މިގޮތަށް ދިމާވުމަށް މެދުވެރިވާ އެކި ސަބަބުތަކެއްވެސް އެބަހުރެއެވެ. އެގޮތުން ބަލި ހުރިކަން ނޭނގި ދިގުލައިގެންގޮސް ބަލީގެ ފަހު ސްޓޭޖުތަކުގައި ބަލި ދެނެގަނެވުމަކީ މީގެއެއް ސަބަބެވެ.
އެހެންކަމުން ދުރާލާ ބަލި ހުރިތޯ ދެނެގަތުމަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މުހިއްމުކަމެއްކަމުގައި ނިންމަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ އެއްކަމަކީ އާސަންދަ މެދުވެރިކޮށް ހެލްޔު ޗެކަޕް ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. މިކަން ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިވަނީ ފަށާފައެވެ.
މިއާއެކު ހުޅުމާލޭ ހޮސްޕިޓަލްގައިވެސް މި ޚިދުމަތް މިވަނީ ރަސްމީކޮށް ފައްޓަވާފައެވެ. ހުޅުމާލޭ ހޮސްޕިޓަލުން މި ޚިދުމަތް ދެމުންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 16 ގައި ޤާއިމުކޮށްފައިވާ ހެލްތު ކްލިނިކުންނެވެ.
މިގޮތުން ހެނދުނު 10 އަކުން 12 ޖެހުމާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު މި ޚިދުމަތް އެ ކްލިނިކުން ލިބެމުންދާނެކަމަށް ހުޅުމަލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ ހެޑް އޮފް ޕްރޮކިއުމަންޓް، ހުޝާމް ޢަބްދުލްޙަކީމް ވިދާޅުވީ، މީގެކުރިންވެސް މެޑިކަލްގެ ޚިދުމަތް ފޯރުކޮށްދޭކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ އައު ސިޔާސަތާއެކު މެޑިކަލްއަށް ޚާއްސަ އިސްކަމެއްދެވިގެން ވަކި އެޕޮއިންޓްމަންޓް އުޞޫލުން ޚިދުމަތް ފޯރުކޮށް ދެއްވާނެކަމަށެވެ.
"މެޑިކަލް ހެއްދެވުމަށް އެއްވެސް ބޭފުޅަކު މިކޮޅަށް ގުޅާ ހިސާބުން އަޅުގަނޑުމެން އެބޭފުޅަކު އެބަ ނޯޓުކޮށްލަން. އެހާހިސާބުން އެބޭފުޅަކު ނުޖެހޭނެ ގުޅުއްވާކަށް. އަޅުގަނޑުމެން އެބޭފުޅަކަށް ގުޅާ އެޕޮއިންޓްމަންޓް ހަމަޖެހޭ ގަޑި އަންގާ ހަދާނެ." ހުޝާމް ވިދާޅުވިއެވެ.
މި ޚިދުމަތް ރާއްޖޭގައި ފެށުމަށް އެންމެ ފުރަތަމަ ޓެސްޓުކޮށްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ރާއްޖޭގައި މިފަދަ ޚިދުމަތެއް ފެށިގެން ދިޔުމާއި ގުޅިގެން އެފަރާތުންވަނީ ޝުޢޫރު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވާފައެވެ.
"އާޅުގަނޑު މިކަމުގައި ކޮންމެވެސް ވަރަކަށް އުޅޭ މީހެއްވީމަ އަޅުގަނޑަށް އިނގޭ ރައްޔިތުން މެޑިކަލް ހެއްދުމަށް އުފުލާ ތަކުލީފު. އެހެންވީމަ ސަރުކާރުގެ ތެރެއިން މިކަން ހަމަޖެހިގެން ދިޔުމަކީ މިއީ ވަރަށް ބޮޑު ލުޔެއް އަސްލު ރައްޔިތުންނަށް ލިބިގެންދިޔަ. ސަރުކާރަށް ހަމަ ވަރަށް ބޮޑަށް ޝުކުރިއްޔާ." އޭނާ ފާހަގަކުރިއެވެ.
އާސަންދަ މެދުވެރިކޮށް މެޑިކަލް ހެދޭނެ އިންތިޒާމު ހަމަޖެހިގެން ދިޔައިރު ފުރަތަމަ މިޚިދުމަތް ހުޅުވާލީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހުރިހާ ޢުމުރަކަށްވެސް ހުޅުވާލާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.