ކުއްލި ޙާލަތްތަކުގައި ބަލިމީހުންނަށް ފަރުވާދިނުމަށްޓަކައި މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންމެބިއުލާންސްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މި ޚިދުމަތް ފެށުމުގެ ގޮތުން ސިއްޙީ ވުޒާރާއާއި ދަރުމަވަންތައް ހޮސްޕިޓަލާ ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރައްވާފައިވަނީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ހަލީމެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ސީއެންބިއުލާންސްގެ ރަމްޒީ ތަޅުދަނޑި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯއާ ހަވާލުކޮށްދެއްވާފައެވެ.
ވިލިމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރަށް ޚިދުމަތްދޭ ހޮސްޕިޓަލެއް ނަމަވެސް އެތަނުން ލިބެމުން އަންނަނީ މަދު ޚިދުމަތްތަކެކެވެ. މިވަގުތު އެ ހޮސްޕިޓަލުގައި ޚިދުމަތްދެނީ 5 އެނދުގެ އިމަޖެންސީ ރޫމަކާއި، ބަލިމީހުން ބެލުމަށް ޚާއްޞަ 3 ކޮޓަރިއާއެކުއެވެ.
ޚާއްޞަ ބަލިތަކުގެ ޚިދުމަތް ދެނީ އައި.ޖީ.އެމް.އެޗްގެ ސްޕެޝަލިސްޓުން އެ ހޮސްޕިޓަލަށް ގޮސްގޮސްގެންނެވެ. ކުއްލި ފަރުވާ ދޭންޖެހޭ ޙާލަތެއްގައި ޚިދުމަތް ދިނުމަށް ބަލިމީހާ ފޮނުވަނީ އައި.ޖީ.އެމް.އެޗަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް ބަލިމީހުން އުފުލުމަށްޓަކައި ސީއެމްމެބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދީފައެއްނުވެއެވެ.
ސީއެންބިއުލާންސް ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚާލީލް ވިދާޅުވީ، މާލެއާއި ވިލިމާލެއާ ދެމެދު ބޭނުންކުރާ ސީ އެންމެބިއުލާންސްއަކީ ރާއްޖޭގައި ބޭނުންކުރާ އެހެން ސީއެންބިއުލާންސްތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އެންބިއުލާންސްއެއް ކަމަށެވެ. އަދި އެންބިއުލާންސްގެ ޚިދުމަތް ފުޅާ ކުރުމަށްޓަކައި އިތުރު ވަޞީލަތްތައް ހަރުކުރަންޖެހިއްޖެނަމަ އެ ވަޞީލަތްތައްވެސް ހަރުކުރައްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އެންބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެއިރުވެސް، އަދި ހޮސްޕިޓަލްގެ ޚިދުމަތް ފޯރުކޮށްދެއިރުވެސް ބޭނުންވާ ޚިދުމަތްތަކާއި ދިމާވާ ދަތިތައް ހިއްސާކުރުން މުހިންމު. ވިލިމާލެ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި 100 އެނދުގެ އައު ހޮސްޕިޓަލް އަޅަން ޑިޒައިން ކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. ލަސްތަކެއް ނުވެ މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެތަން ފެންނާނެ" ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މާލެއާއި ވިލިމާލެއާ ދެމެދު ސީ އެންބިއުލާންސްގެ ޚިދުމަތް މީގެ އެތައް އަހަރެއްކުރުން ފެށިފައި އޮންނަންޖެހޭކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެ ޚިދުމަތް ނުފެށި އޮތުމަކީ ހިތާމަކުރަންޖެހޭ ކަމެއްކަމަށާއި، އަލަށް ފެށި ޚިދުމަތާއެކު ރައްޔިތުން މީގެ ކުރިން އުފުލަމުން އައި ތަކުލީފު ކުޑަވެ ދަތުރުކުރުން ފަސޭހަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ލޯންޗަކީ ޖާގަ ތަނަވަސް ރަނގަޅު ލޯންޗެއް. މާލެއާއި ވިލިމާލެއާ ދެމެދު އެމަޖެންސީ ހާލަތްތަކުގައި ދަތުރުކުރުމަށް ރަނގަޅު ލޯންޗެއް މިއީ." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހޯމް އަބްދުއްރައްޒާޤު ހަލީމް ވިދާޅުވީ، މި ޚިދުމަތް ފެށުމަކީ ބަލި މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަމަށެވެ. އަދި ޚިދުމަތް ފަށާފައިވަނީ އެއާ ގުޅިގެން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ހަމަޖެއްސުމަށްފަހުގައިކަމަށް ޙަލީމް ވިދާޅުވިއެވެ.
"މި ޚިދުމަތް މިފެށީ ވިލިމާލެ ހޮސްޕިޓަލުން އެކަށީގެންވާވަރަށް ޚިދުމަތް ފޯރުކޮށް ނުދެވި، އެމެޖެންސީ ޙާލަތުގައި މާލެއަށް ބަލިމީހުން ގެންދިޔުމަށް ފަސޭހަ ކުރުމަށްޓަކައި. ސީ އެމްބިއުލާންސް ބާއްވަން ނިންމާފައި ވަނީ ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ބެލުމުގެ ދަށުގައި." ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއެވެ.
ވިލިމާލެއަކީ މާލޭގެ އަވަށެއްނަމަވެސް ގަދަ ކަނޑެއްގައި ދަތުރުކުރުމަކީ ރައްޔިތުންނަށް އެތަކެއް އުނދަގުލާ ކުރިމަތިލާންޖެހޭ ކަމެއްކަން އެރައްޔިތުން ފާހަގަކުރެއެވެ.