ޚަބަރު

ރޯދައަށް ހުކުރު މިސްކިތުގެ މުންނާރު ޒީނަތްތެރި ކުރަނީ


  • މިމަސައްކަތް ކުރަނީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން

  • ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރާނެ

  • ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ ފަންނީ ދައުރު ފުޅާ ކުރަނީ

މިއަހަރުގެ ރަމަޟާން މަހަށް މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަޙައްދާއި ހުކުރު މިސްކިތުގެ މުންނާރު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން ވިދާޅުވީ ސްޓެލްކޯއާއެކު ހުކުރު މިސްކިތް ހިމެނޭ ސަރަހައްދާއި ހުކުރު މިސްކިތުގެ މުންނާރު ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތާއި އެމިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރޯދަ މަހަށް އެސަރަޙައްދު ޒީނަތްތެރިކޮށް ނިންމާނެކަމަށެވެ. މިމަސައްކަތް ކުރުމަށްޓަކައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީގެ އިތުރުން ދެ މުއައްސަސާގެ ކަމާބެހޭ އިސްވެރިން ބައްދަލު ކުރައްވައި މަޝްރޫޢާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިމަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކަމާ ގުޅުންހުރި އެހެނިހެން މުއައްސަސާތައްވެސް ހިމެނޭ ޚާއްޞަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފޯރުކޮށްދޭ މިފަދަ ޚިދުމަތްތައް ފުޅާކޮށް، ޚާއްސަކޮށް ތަރިކަ ހިމާޔަތް ކުރުމުގެ މަސައްކަތްތަކުގައި ސްޓެލްކޯގެ ފަންނީ ދައުރު އިތުރުކުރުމަށް ތަރިކައާ ބެހޭ ވުޒާރާއާއެކު ވަނީ މަޝްވަރާކޮށްފައެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމަކީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. މިއަހަރު ފަށާ މަސައްކަތުގެ ތެރޭގައި މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި އެތަނުގައި ހުރި ބައެއް އެހެނިހެން އާސާރުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މުންނާރުގެ އެތެރެއާއި ބޭރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް އާބާތުރަ ފިލުވުމާއި، ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިން ކުރަމުން ދިޔަ ފަރާތުން އެތަނުގައި ބަހައްޓާފައި ހުރި ކޮންޓެއިނަރ ނެގުމާއި ކޮނެފައި ހުރި އުވަ ވަޅު ސާފުކޮށް ފަސްއެޅުން ފަދަ ކަންކަން ހިމެނެއެވެ. މި މަސައްކަތްތައް ކުރާނީ ސްޓެލްކޯގެ ޚާއްޞަ ފަންނީ ޓީމަކުންނެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މޫސުން ތަންދިންހާ އަވަހަކަށް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މަސައްކަތް ނިމޭއިރު އެސަރަޙައްދު އޮންނާނީ އާސާރުތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރި ކުރެވިފައި ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި ރަމަޟާން މަހުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ޢީދުފަދަ އިސްލާމީ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމަށް އެސަރަޙައްދު ސާފުކޮށް ޒީނަތްތެރިކުރުމުގެ ކަންކަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާކަމަށްވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މުންނާރުގެ މަރާމާތާއި އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވާތީ މިހާރު އެއްބަސްވުން މުރާޖަޢާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ މަސައްކަތަށް އެކުލަވާލެވޭ ކޮމިޓީގައި ސިޓީ ކައުންސިލާއި އެމް.އެން.ޑީއެފް ފަދަ މުއައްސަސާތައް ހިމެނޭނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސްޓެލްކޯގެ ފަންނީ އެހީއާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަސައްކަތް ފުޅާ ކުރުމަށް ރާވާފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.