ޚަބަރު

3000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް އެފްޑީސީން ސޮއިކޮށްފި


  • މި 3000 ހައުސިންގ ޔުނިޓު ތަރައްޤީކުރާނެ ސަރަޙައްދު އަދި ކަނޑައެއްނައަޅާ

  • މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުސޫލުން ކުރާގޮތަށް

  • ލަންކާ އަދި ދިވެހި ދެކުންފުންޏަކާއި އެފްޑީސީ ގުޅިގެން

ޖޮއިންޓް ވެންޗަރ އުސޫލުން ތިންހާސް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެފްޑީސީގެ ފަރާތުން މިމަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ، ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްއާ ގުޅިގެންންކަމަށް އެފްޑީސީއިން ބުނެއެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގައި 3000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސް ކުރުމާއި ޢިމާރާތްކުރުމުގެ މަސައްކަތްކުރާނީ ހަވާލުކުރެވިފައިވާ ޖޮއިންޓް ވެންޗާރއިންކަމަށް އެފްޑީސީއިން ބުނެއެވެ.

އެހެންނަމަވެސް މިމަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓު ތަރައްޤީކުރާ ސަރަޙައްދުތަކެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އެފްޑީސީއިން ބުނީ، މިމަޝްރޫއު ކުރިޔަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ އެކޯޕަރޭޝަނާއި ސަރުކާރުން ކަނޑައަޅާ ސަރަޙައްދުތަކުގައިކަމަށެވެ.

މިއެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ. އަދި ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް، އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ހުސެންކަމަށް އެފްޑީސީއިން ބުނެއެވެ.

އެފްޑީސީއިން މިހާރުވެސް އަންނަނީ އިންޑިއާގެ 2 ކުންފުންޏަކާއި ޙަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން މިއަހަރުގެ މާރިޗު ހިސާބުގައި 3 ޓަވަރެއްގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމޭނެކަމަށް އެފްޑީސީއިން ބުނެއެވެ. އަދި ބޯހިޔަވަހިކަމާއި ގުޅޭ ވުޒާރާގެ ފަރާތުން ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ޙަވާލުކުރެއްވިހާ އަވަހަކަށް އެގްރިމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަމަށް އެފްޑީސީއިން ބުނެއެވެ. އެގޮތުން މިކަމަށް ބޭނުންވާ ޕޯޓަލް އާއި އެހެނިހެން އިދާރީކަންކަން ތައްޔާރުކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.