ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 6 ބިލިއަނުން 12 ބިލިއަން ޑޮލަރަށް ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅު ޙަގީގަތަކަށް ހެއްދެވުމަށް ވީއައިއޭ މަޝްރޫޢަކީ އެންމެ މުހިއްމު މަޝްރޫޢުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ނާޒުކު ޙާލަތެއްގައި އޮތް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ އިޤްތިޞާދީ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ޖައްސަވަފައިވާ ހިސާބެއްކަމަށެވެ.
މިގޮތުން 2003 ވަނަ އަހަރުން ފެށިގެން 2022 ހާއި ހަމައަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދެމެދު އޮތް ގުޅުމަށް ބަލާއިރު 95 އިންސައްތަ ރަނގަޅު ހިސާބެއްކަން ސަޢީދުވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ މަޝްވަރާތަކާއެކު ފައްޓަވާ މިމަޝްރޫޢުއަކީ ރާއްޖެއަށް އިންޤިލާބީ ބަދަލު ގެނުވާނެ މަޝްރޫޢެއްކަމަށް ސަޢީދު ވިދާޅުވިއެވެ.
"ރައީސްގެ ވަޢުދުފުޅެއް ރާއްޖޭގެ ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ. މިހާރު ގާތްގަނޑަކަށް 4 ޕަސެންޓްގެ ގްރޯތެއް އަޔަސް މިހިސާބުތަކުން ބުނެދެނީ 12 ބިލިއަނަށް ޖެއްސުމަށް ގާތްގަނޑަކަށް 4 ނުވަތަ 5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވެންޖެހޭކަން. އެކަންކުރުމަށް މިއީ މުހިއްމު މަޝްރޫޢެއް." އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ފަތުރުވެރިކަމާއި އޭވިއޭޝަން ސިނާޢަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެބަހުރިކަމަށެވެ. އެގޮތުން އެއަރލައިންތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ވީއައިއޭއިން ފިއުލް ގަންނަންލިބޭ އަގު ބޮޑުވުމުގެ ކަންބޮޑުވުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ފާހަގަކުރަމުންދިޔައީ ފަތުރުވެރިންގެ ނިސްބަތް އިތުރުވީނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ދަށްވުމުގެ ވާހަކަތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ ރާއްޖެއިން މިމަސައްކަތް ނުފަށާ މަޑުޖައްސާލައިފިނަމަ، ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާއިރު އިޤްތިޞާދު އާރާސްތުކޮށް ފުޅާނުކުރާނަމަ ދައުލަތަށް ނުއުފުލޭނެ މާލީ ބުރައަކަށްވާނެކަމަށެވެ.
ސަޢީދުގެ ވަހަކަފުޅުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުއާއެކު އެއަރލައިންތަކަށް ދޫކުރާ ފިއުލްގެ އަގު ހެޔޮވެގެންދާނެކަމަށާއި، ރާއްޖެއިން ބޭރުކުރާ ކާގޯ އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވިޒިޓަރ ބޭސްޑް އިކޮނޮމީއެއް ކަށަވަރުވެގެންދާނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. މިއާއެކު މިސަރަޙައްދުގައި ނެތްވަރުގެ ޓްރާންސިޓް ޕޮއިންޓަކަށް ވީއައިއޭ ވެގެންދާނެކަމަށާއި، މިކަން ކަށަވަރުކުރުމަށް އެހެން ޓްރާންސިޓް މަންޒިލްތަކަށް ނުލިބޭ ފައިދާ ރާއްޖެއަށް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.