މި 5 އަހަރު ނިމޭއިރު މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެންމެ ރައްޔިތަކުވެސް ނުހުންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، މާލޭގައި އޮތް ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ގެދޮރުގެ މައްސަލަ އެންމެ ބޮޑީ މާލޭގައިކަމަށެވެ. މި މައްސަލަ ޙައްލުކުރެއްވުމަށް ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ދުވަހެއްވެސް ބޭކާރުކޮށްނުލައި މަސައްކަތް ފަށްޓަވައިގެން ކުރިއަށް ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލަ ޙައްލުކުރުމަށް ގުޅިފަޅާއި، ހުޅުމާލެއާއި، ގިރާވަޅުފަޅާއި އަދި ރަސްމާލެ ހިއްކަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މި 4 ބިން ހިއްކާ ނިންމުމަށްފަހު ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު މާލޭގައި ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް ނުހުންނާނެކަމުގެ ސައްތައިންސައްތަ ޔަޤީންކަން ދެއްވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމަށް ސަރުކާރުން ގެންގުޅުއްވާ ތަސްވުރު ތަކުރާރުކުރައްވަމުން ރައީސް ވަނީ %5 އިންޓްރެސްޓް ރޭޓުގައި ދޫކުރާ ލޯނުތަކުން މިތަންތަނުގައި ގެދޮރު އިމާރާތްކުރުމަށް ފަސޭހަކަން ލިބިގެންދާނެކަމަށްވެސް ވިދާޅުވެފައެވެ.
"މިދެންނެވި 4 ބިމުން ގޯތިލިބޭ ފަރާތްތަކަށް ވަރަށް އަވަހަށް އެތަންތަނުގައި ގެދޮރު ބިނާކުރުމުގެ ފުރުސަތު އެބަ ލިބިގެންދޭ. ނަތީޖާއަކަށް ވާނީ އަޅުގަނޑު 100 ޕަސެންޓް ޔަޤީންކަން އަބަދުވެސް ދޭކަމެއް. ހަމަ ޔަޤީންކަން މިރޭވެސް ދޭނީ ހަމަ 100 ޕަސެންޓަށް އަޅުގަނޑުމެންގެ މި ދައުރުގެ 5 އަހަރު ނިމުމުގެ ކުރީގައި މިދެންނެވި 4 ބިމުން އުފެދޭ ޖާގައާއި އެކީގައި ޖާގައިން އެލިބޭ ގޯއްޗާއި ފްލެޓް ލިބިގެންދިޔައީމަ މި މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކުވެސް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތައް ތެދުވެރިކަމާއިއެކު ވަޢުދުތައް ދުއްދަވާނެކަމަށެވެ. ހަމަމިއާއެކު މާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރުމާއި، ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެއްވުން ފަދަ ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން އެ ގޮތުގައި ރައްޔިތުންނަށް ފުއްދަވައިދެއްވުމަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.