ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު 5 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ރަށްރަށާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، އެވުޒާރާގެ ބެލުމުގެ ދަށުން މިވަގުތު ކޮންޓްރެކްޓް ކުރެވިގެން ރާއްޖޭގެ އެކި ސަރަހައްދުގައި 5 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މި މަޝްރޫޢުތައް ނިންމުމަށް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ބޭނުންވާނެކަމަށް ނުބެލެވޭކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
"މި މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން މިހާރު ކުރިއަށްދަނީ 5 އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް. މި މަސައްކަތްތައް ކުރިއަށްދަނީ އެކި މަރުހަލާތަކުގައި. އަދި މި މަޝްރޫއުތައް ނިންމުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ބޭނުންވާނެކަމަށް ނުބެލެވޭ. ނަމަވެސް ލ. އިސްދޫ ކަލައިދޫގެ މަޝްރޫއު އަދި ކޮންޓްރެކްޓް ކުރެވިފައި ނުވާތީ އެ މަޝްރޫއަށް ބޭނުންވާ 600 މިލިޔަން ރުފިޔާ މިހާރު ވަނީ ބަޖެޓްގައި ހިމަނައި ހަމަޖައްސާފައި". ވަޒީރު ވިދާޅުވިއެވެ.
މިވަގުތު މަސައްކަތް ކުރިއަށްދާ 5 އެއާޕޯޓަކީ އައްޑޫ ގަން އެއާޕޯޓް، ހދ. މަކުނުދޫ އެއާޕޯޓް، ފ. މަގޫދޫ އެއާޕޯޓް، ރ. އަލިފުށީ އެއާޕޯޓް އަދި އިސްދޫ ކަލައިދޫ އެއާޕޯޓެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި އެއާޕޯޓް ތަރައްޤީކުރުމަށް 540 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫއުތަކަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.