ޚަބަރު

މުނިސިޕަލް ޚިދުމަތް ބަދަލުކުރިނަމަވެސް މުވައްޒަފުންގެ އިނާޢަތަށް އެއްވެސް ބަދަލެއް ނާންނާނެ: ރައީސް


  • ބައެއް މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

  • ރައީސް ދެއްވި ޔަޤީންކަމަކީ މުވައްޒަފުންނަށް ދެރަގޮތެއް ނުވާނެކަން

  • މުނިސިޕަލް ހިދުމަތް ބަދަލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި

ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދަށުން މާލެ ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރި ނަމަވެސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެއްވެސް އުނިކަމެއް ނެތި އެގޮތުގައި ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވާފައިވަނީ މި ޚިދުމަތް މާލެ ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރުމާއި ގުޅިގެން ބައެއް މުވައްޒަފުންގެ ހުރި ކަންބޮޑުތަކާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެޗްޑީސީގެ ދަށުން ހިންގަމުން އައި ހުޅުމާލެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށައް ބަދަލުކުރުމާއި ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ފަރާތުން ކަންބޮޑުވުން ލިބިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ މުސާރައާއި، އިންޝުއަރެންސްއާއި، އަދި އެނޫންވެސް އިނާޔަތްތައް އެއްވެސް އުނިކަމެއް ނެތި ލިބޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިކަން ޔަޤީންކުރެއްވުމަށް ސަރުކާރުން މެކޭނިޒަމެއް ޤާއިމްކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް މާލެސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި މިހާރު ވަނީ މާލީ ވުޒާރާއާއި، އެޗްޑީސީއާއި އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި މިއީ ރައީސްގެ ހަފްތާ14ގެ ދަށުން ކުރުމަށް ނިންމަވާފައިވާ އެއް މަސައްކަތްވެސްމެއެވެ. ހުޅުމާލޭ މުނިސިޕަލް ޚިދުމަތް މާލެ ސިޓީގެ ދަށަށް ބަދަލުކުރައްވާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މިމަޝްރޫޢުގެ ދަށުން ސަރުކާރުންވަނީ މުނިސިޕަލް ޚިދުމަތްދޭ އޮފީހާއި މެޝިނަރީތަކާއި ބިންތަކާއި މުވައްޒަފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކޮށް ނިމޭނެކަމަށް ވިދާޅުވެފައެވެ.