ޚަބަރު

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓުތަކުގެ ކުލިން %20 ކުޑަކޮށްދެއްވައިފި


  • ފޭސް 1ގެ ފްލެޓުތަކުގެ ކުއްޔަކީ 6000 އާއި 7000ރ

  • ރައީސް ނިންމެވީ ކުލިން %20 ކުޑަކޮށްދެއްވުމަށް

  • ހުރިހާ ފްލެޓެއްގެ ކުލި އަންނަ މަހުން ފެށިގެން ކުޑަވާނެ

  • ލުއި ދިނީ އިގްތިސާދީ ހާލަތަށް ބަލައި

  • ރައީސް ވަނީ ފްލެޓުތަކުގެ ޖޫރިމަނާވެސް މަޢާފްކޮށްދެއްވާފައި

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސޯޝަލް ހައުސިންގެ ހުރިހާ ފްލެޓެއްގެ ކުލިން 20 އިންސައްތަ ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު އެކަން އިޢުލާންކުރެއްވީ ހުޅުމާލޭ ފޭސް 1ގައި އޮތް ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ހުޅުމާލޭގެ އަސާސް ކަމަށެވެ. ހުޅުމާލޭގެ ގެދޮރުވެރިކަން އަތްފޯރާ ފަށަށް ގެނައުމަށް ބޭނުންފުޅުވަނީވެސް އެ ސަބަބާހުރެ ކަމަށާއި، ފްލެޓުތަކުގެ ޖޫރިމަނާ ކުޑަކުރުމަށް މި ސަރުކާރުން ނިންމީ ވެސް އެހެންވެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓުތަކުން ދޭން ނިންމަވާފައިވާ ލުއި އަންނަ މަހުން ފެށިގެން ލިބިގެންދާނެއެވެ.

"މި ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓުތަކުގެ މަހުން މަހަށް ދައްކަން ޖެހޭ އަދަދަކަށް ސަރުކާރުން އަދި ލުޔެއް ނުދޭ. ގާތްގަނޑަކަށް 4000 ރުފިޔާއިން ގޮސް 7000 ރުފިޔާއަށް ނުވަތަ 6000 ޕްލަސް މެއިންޓެނެންސް ފީ މި ފޭސް އެކެއްގެ ފްލެޓުތަކަށް މި ދައްކަން ޖެހެނީ. އަޅުގަނޑު މިއަދު އިއުލާން ކޮށްލަން ބޭނުންވަނީ މި ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓަކުން މިއަންނަ މަހުން ފެށިގެން 20 ޕަސެންޓް އަގު ކުޑަވެގެންދާނެއޭ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ލުއި ދޭން ނިންމެވީ ރާއްޖޭގެ އިގްތިސާދު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހީނަރުވެ، އާމްދަނީ ދަށްވެފައިވާތީ ސަރުކާރުން އެކަމުގައި ރައްޔިތުންނަށް އެހީތެރިވާން ބޭނުންވާތީ ކަމަށެވެ. ފްލެޓުތަކުގެ ކުލިން ލުއިކުރާ 20 އިންސައްތަ ސަރުކާރުން މެނޭޖް ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުއެއްގެ ފްލެޓުތަކުގެ ޖޫރިމަނާ މި ސަރުކާރުން ވަނީ އުވާލާފައެވެ. އަދި ނުދެއްކި ހުރި ކުލި ދެއްކުމަށް ފަސޭހަ ގޮތްތަކެއް، ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ ލުއިތަކާ އެއްގޮތަށް، ނުދެއްކި ހުރި ކުލި ދެއްކުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލެ މޭޔަރު އިންތިޚާބުގެ ކުރިން އެ ބަދަލު ގެންނެވީ އަމާނާތްތެރިކަމާއި އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ކަމަށެވެ.