އަމީނީމަގުގެ ފަހު 2 ސެގްމަންޓުން ބައެއް ޢާންމުންނަށް މިއަދު ހުޅުވާލާފިއެވެ.
މިއަދު ހުޅުވާލީ އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ޖަންކްޝަނާއި، ކަނބާ އައިސަރަނި ހިނގުމާއި އަމީނީ މަގު ގުޅޭ ޖަންކްޝަނެވެ. މި ދެ ސަރަޙައްދުވެސް މިއަދު ހެނދުނު 6 އަކުން ފެށިގެން ޓްރެފިކަށް ވަނީ ހުޅުވާލާފައެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. އެގޮތުން މިމަގުގެ ޢަމަލީ މަސައްކަތް އާރުޑީސީ އާއި ޙަވާލުކޮށްގެން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މަގުގެ މަސައްކަތް ޖުމްލަ 13 ސެގްމެންޓަކަށް ބަހާލާގެން ކުރަމުން ދިޔައިރު، މަގުގެ މަސައްކަތް މިދިޔަ ރިޔާސީ އިންތިޚާބަށް މެދުކަނޑާލިއެވެ. އޭރު 2 ސެގްމެންޓެއްގެ މަސައްކަތް ނުނިމި އޮތެވެ.
މި 2 ސެގްމެންޓުގެ މަސައްކަތް އަލުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ފަހު 2 ސެގްމެންޓުގެ މަސައްކަތް ކޮށްފައިވަނީ ކުރީގެ ސެގުމެންޓުތަކަށްވުރެ މަގު ފުޅާކޮށް، ސްކޯޕަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން އެ 2 ސެގުމެންޓުގައި 4 ލޭން އޮންނާނެއެވެ.
އަމީނީމަގު ފަހު 2 ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީއިން ނިންމާލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މި މަސައްކަތް އެކުންފުނިން ފުރިހަމަކޮށްފައިވަނީ މަސައްކަތް ފެށިތާ 28 ދުވަހުންނެވެ. މިހާރު ކުރަމުންދާނީ މަގުތަކުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި އަމީނީމަގުގެ ސެގްމަންޓް 12 އަދި 13 ޢާންމުންނަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހުޅުވާލާނެއެވެ.
އަމީނީމަގުގެ މަސައްކަތް އާރްޑީސީން ކުރަމުން އަންނަނީ މަގުގައި އެތައް އަހަރެއްވަންދެން އެކި ގޮތްގޮތަށް ވަޅުލާފައިވާ ހޮޅިތަކާއި ކޭބަލްތައް ރަނގަޅުކޮށް ވަކި އިންތިޒާމެއްގެ ދަށުން ވަޅުލުމުގެ މަސައްކަތްތަކާއި އެކީގައެވެ. އަދި ޒަމާނީ ފެންވަރަށް ފެން ހިންދާ ނިޒާމެއްގެ މި މަސައްކަތް ނިމޭއިރު ޤާއިމުވެގެންދާނެއެވެ.
އަމީނީ މަގަކީ މާލޭގެ ގިނަ މަގުތަކެއް ގުޅޭ މަގެކެވެ. އަދި އެ މަގަކީ ސްކޫލްތަކާއި ސަރުކާރުގެ އެކި އިދާރާތައްވެސް ހުންނަ މަގެކެވެ. އެހެންކަމުން މި މަސައްކަތް ފުރިހަމަކުރުމަށްފަހު މަގު އެއްކޮށް ހުޅުވާލުމުން، ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން 13 ސެގްމަންޓަކަށް ބަހާލައިގެން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ވަނީ ތާރުއަޅާފައެވެ. މި މަސައްކަތަށް 84.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.