އެއަރ ޓްރެފިކް މޫވްމަންޓްގެ އައު ރެކޯޑެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޤާއިމްކޮށްފިއެވެ.
އެއަރ ޓްރެފިކް މޫވްމަންޓް ނުވަތަ އޭޓީއެމްގެ ގޮތުގައި ގުނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ނައްޓާލާ އަދި ޖައްސާ ފްލައިޓްތަކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެއަޕޯޓުގެ އެއަރ ޓްރެފިކް މޫވްމަންޓް 925 އަށް އަރާފައިވާކަމަށެވެ. އޭގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އެއަރޓްރެފިކްގެ މޫވްމަންޓްގެ ގޮތުގައި ރެކޯޑް ކޮށްފައިވާ އަދަދަކީ 861އެވެ.
ހޮނިހިރުދުވަހު އެއަރ ޓްރެފިކް މޫވްމަންޓް 925 އަށް އަރާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ބައިނަލްއަގުވާމީ 104 ދަތުރާއި އެތެރޭގެ 116 ދަތުރާއި، ސީ ޕްލޭންގެ 672 ދަތުރެވެ. އަދި ޕްރައިވެޓް ޖެޓުތަކުގެ 33 ދަތުރުވެސް އޮތްކަމަށް އެއަރޕޯޓުން މައުލޫމާތު ދެެއެވެ.
މިިދިޔަ ހަފުތާގެ އަންގާރަ ދުވަހު 659 ދަތުރާއެކު ވީއައިއޭގެ ސީޕްލޭން ދަތުރުތަކުގެ އާ ރެކޯޑެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
ކޮންމެ އަހަރަކުވެސް އައު އަހަރާއި ފިނި މޫސުމުގެ ޗުއްޓީއާ ދިމާކޮށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޖެޓުތަކުގައި އަންނަ ފަތުރުވެރިންވެސް ހިމެނެއެވެ. އަމިއްލަ ޖެޓްތަކުގައި ފަތރުވެރިން ރާއްޖެ އަންނަ ނިސްބަތް އިތުރުވުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ޖެޓްތައް ޕާކްކުރާނެ ޖާގަވެސް އިތުރުކޮށްފައެވެ.
2023 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.8 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރު ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.