ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފަސިންޖަރ ޓާމިނަލް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ގަން އިންޓަރނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން ބުނީ ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ޕްރޮޖެކްޓްގެ ސައިޓް މޮބިލައިޒޭޝަންގެ މަސައްކަތްތައް ނިންމާ ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތްތަކަށް ބޭނުންވާ ސާމާނުތައް ސައިޓަށް ގެންގޮސްފައިވާކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން އޭޓީސީ، އެއަރޕޯރޓް ފަޔަރ ސްޓޭޝަން އަދި އެޑްމިން އިމާރާތުގެ މަސައްކަތްތައް އަންނަނީ ކުރަމުންކަމަށާއި އެގޮތުން ފައުންޑޭޝަން މަސައްކަތްތައް ނިމި، ކޮލަމް ޖެހުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން ބުނީ އެއަރޕޯޓު މަޝްރޫޢުގެ ދަށުން ޕަސިންޖަރ ޓާމިނަލްގެ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. މި ޓާމިނަލްއަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، ޒަމާނީ ވަސީލަތްތަކާ އެކުގައި ތަރައްޤީކުރާ ޓާމިނަލް އެކެވެ. އަދި އެއަރޕޯޓްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓުގައި ހިމެނޭ ގަމުގެ ޖެޓީ ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. އަދި ބޭރު ތޮށިލުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %70 ވެސް ވަނީ ނިންމާލާފައެވެ.
ގަމުގެ މަގުތައް ހެދުމުގެ މަސައްކަތަށް ބަލާއިރު މަގު ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހިމެނޭ އިމާރާތްތައް ރޫޅާލުމާއި ތެޅުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން ބުނެއެވެ. އަދި މުޅިން އަލަށް ގާއިމުކުރެވޭ ޕާރކިންގ ޒޯނުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ ރޭނާޓަސްއާ ހަވާލާދީ އޭ.އައި.އޭއިން ބުނީ އެ މަޝްރޫޢޫގެ ހުރިހާ މަސައްކަތެއް 2025 ވަނަ އަހަރުގެ މާރޗްމަހަށް ނިންމާލާނެކަމަށެވެ.
މި ޕްރޮޖެކްޓްގައި ރަންވޭގެ މަސައްކަތެއް ނުހިމެނޭނެއެވެ. ނަމަވެސް މީގެކުރިން 2016 ވަނަ އަހަރު ހިންގި މަޝްރޫޢެއްގެ ދަށުން އޭ-380 މަރުކައިގެ މަތިންދާބޯޓު ފިޔަވައި، އެހެން ހުރިހާ ވައިޑް ބޮޑީ އެއަރ ކްރާފްޓްތަކަށް ޖެއްސޭވަރުގެ ރަންވޭއެއް ވަނީ ގަމުގައި ތަރައްޤީކޮށްފައެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިއަން އެގްޒިމް ބޭންކުން ދޫކޮށްފައިވާ 29.7 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.