ޚަބަރު

ރަސްމާލެއާއި ގުޅިފަޅުގައި މުނިސިޕަލް ޚިދުމަތްދިނުމަށް ޗައިނާގެ ކުންފުންޏަކަށް


  • އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސްގެ ދަތުރުފުޅުގައި

  • ގުޅިފަޅު އަދި ރަސްމާލޭގައި މުނިސިޕަލް ޚިދުމަތްތައް ޤާއިމްކޮށްދޭނެ

  • މިއީ ރާއްޖޭގައި މަޝްރޫޢުތައް ހިންގާ ކުންފުންޏެއް

ރަސްމާލެ އަދި ގުޅިފަޅުގައި މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯޕަރޭޝަން (ސީއެމްއީސީ)އާއެކުއެވެ. ރާއްޖޭގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޢުމްރާނީ ތަރައްޤީއާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުއެވެ. ސީއެމްއީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ރައީސް ފަންގް ޔަންޝުއީއެވެ.

މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލް އަދި ސަރުކާރުން ހާމަނުކުރައްވައެވެ.

ރަސްމާލެއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސްވުރުގައި ހިމެނޭ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ޖުމްލަ ހައްލެވެ. އެތަނުގައި ފަސްދޮޅަސް ފަސް ހާސް ހައުސިންގ ޔުނިޓު އެޅުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާ ސަރުކާރުން ވަނީ އެތަނުގައި ތިރީސް ހާސް ހައުސިންގ ޔުނިޓު އެޅުމަށް އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ތަރައްޤީކުރާ ރަސްމާލޭގެ މަސައްކަތް ކުރަމުންދަނީ އެޗްޑީސީންނެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް 1150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގުޅިފަޅުވެސް އިތުރަށް ހިއްކާ އެތަނުންވެސް ބޯހިޔާވަހިކަން ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.