ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން އިސްވެ ޙަމަލާދޭން ފަށައިފިއެވެ. ޙަމަލާތައް ދޭން ފަށައިފައި ވަނީ ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުކުރާ އާގުބޯޓުތަކަށް ޙޫޘީން ޙަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން އެ ޙަމަލާތައް ދޭން ފަށައިފައި ވަނީ އެ ޤައުމުގެ ރައީސް ޖޯ ބައިޑެންގެ ޢަމުރުފުޅަށެވެ. އެ ޙަމަލާތަކަކީ އެމެރިކާއިން އަމިއްލަ ދިފާޢުގައި ދޭ ޙަމަލާތަކެއް ކަމަށް ބައިޑެން ވިދާޅުވިއެވެ. އަދި ޙަމަލާތައް ދެނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ބަޙްރެއިންނާއި ކެނެޑާއާއި ނެދަލޭންޑްސްގެ ތާއީދާއެކު ކަމަށް ވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ.
ޙޫޘީންނަށް ޙަމަލާ ދިނުމަށް ރަތް ކަނޑުގައި ޙަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޯޓުތަކާއި ކަނޑުގެ ސިފައިންގެ ސަބްމެރިންތައް ބައިވެރިވެފައިވެއެވެ. އެ ގޮތުން ޔަމަނުގެ 60 އަމާޒަކަށް އެމެރިކާއިން 100 އަށްވުރެ ގިނަ ޙަމަލާ ދީފައިވެއެވެ.
ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރަމުންދާ އާގުބޯޓުތަކަށް އަމާޒުކޮށް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 27 ޙަމަލާ ޙޫޘީން ދީފައިވެއެވެ. އަދި ރަތް ކަނޑުން ދަތުރުކުރާ ބޯޓުތަކަށް ޙޫޘީން ދެމުންދާ ޙަމަލާތަކުން ދިފާޢުވުމަށް އެމެރިކާ އިސްވެ ޑިސެމްބަރު 19 ވަނަ ދުވަހު ވަނީ އަސްކަރީ އިއްތިޙަދެއް އެކުލަވައިލައިފައެވެ.
ޙޫޘީންގެ ޙަމަލާތަކުގެ ސަބަބުން ދުނިޔޭ ގިނަ ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުގެ ބަދަލުގައި ދުރުގައި އޮންނަ ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން ދަތުރުކުރަން ފަށައިފައެވެ.