ޚަބަރު

ސައުދީއަށް ހޫޘީން ދިން ޙަމަލާތައް ސަރުކާރުން ކުށްވެރިކުރައްވައިފި


  • މި ދަނޑިވަޅުގައި ދިވެހިރާއްޖޭ އޮތީ ސަޢުދީއާއެކުކަމަށް ވިދާޅުވި

  • ސަޢުދީގެ ސިޔާދަތާއި އިސްތިގުލާލު ދަމަހައްޓަން އަޅާ ފިޔަވަޅަށް ތާޢީދުކުރާނެކަންވެސް ހާމަކުރެއްވި

ސައޫދީ އަރަބިއްޔާއަށް ހޫޘީން ދިން ޙަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސަޢުދި އަރަބިއްޔާގެ އަބްހާއާއި ޚަމީސް މުޝައިތުއާއި ޖާޒާން އަދި ނަޖުރާނުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިޤުތިސާދީ ވަސީލަތްތަކަށް ދިން ޙަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

މި ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމުންގެ ގިނަ ބަޔަކު ޒަޚަމްވެފައިވާއިރު، މިއީ ސަޢުދި އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ދިން ޙަމަލާތަކެއް ކަމަށް ރާއްޖެއިން ވަނީ ސިފަކުރައްވާފައެވެ.

މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ސައުދި އަރަބިއްޔާގެ ސަރުކާރާއި އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަމުގެ ޔަގީންކަން އަރުވާ ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ ޤައުމުގެ ސިޔާދަތާއި އިސްތިގުލާލު ނަގަހައްޓައި ސަރަހައްދުގައި ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް އެ ޤައުމުން އަޅުއްވާ ފިޔަވަޅުތަކަށް ރާއްޖެއިން ފުރިހަމައަށް ތާޢީދު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސައޫދީގެ އެނާޖީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި ހަކަތަ އުފައްދާ ބައެއް މަރުކަޒުތަކަށް ހޫޘީން ވަނީ ޙަމަލާދީފައެވެ. މި ޙަމަލާތަކުގެ ސަބަބުން އެކި ތަންތަނުގައި އަލިފާން ރޯވެ، ބައެއް މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނުއިރު އާންމުންގެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.