އެމެރިކާއާއި އިނގިރޭސިިވިލާތަކީ އަދި އެ ޤައުމުތަކުގެ މަސްލަޙަތު ހިމެނޭ ހުރިހާ ތަކެއްޗަކީ ހަނގުރާމައިގެ އަމާޒަކަށް ވެފައިވާ ކަމުގައި ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ހޫޘީ ޖަމާޢަތުގެ ސިޔާސީ އެންމެ މަތީ ކައުންސިލުން ކަނޑައަޅައިފިއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގެ އަމާޒުތަކަށް ޙަމަލަދޭނެ ކަމުގެ އިންޒާރު ހޫޘީން ދިނީ އެ ދެ ޤައުމުން ގުޅިގެން ޔަމަނަށް ބޮންއަޅަން ފެށުމުންނެވެ.
ހޫޘީން ބުނީ އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނުގެ ރަށްތަކަށް ދީފައިވާ ޙަމަލާތަކުގައި ފަސް މީހަކު ޝަހީދުވެފައިވާ ކަމުގައެވެ. ހޫޘީންގެ އަސްކަރިއްޔާގެ ތަރުޖަމާނެއް ކަމުގައިވާ ޔަޙްހާ ސަރީޢާ ވިދާޅުވީ ޙަމަލާތަކުގައި އިތުރު ހަ މީހަކު ޒަޚަމުވެފައިވާ ކަމަށާއި ޝަހީދު ކޮށްލާފައިވާ މީހުންގެ މަރުގެ ބަދަލު ހިފާނެ ކަމުގައެވެ.
"ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ތިޔަ ފެށި ހަނގުރާމައިގެ ފުރިހަމަ ޒިންމާ އެމެރިކާއާއި އިނގިރޭސިވިލާތުން އުފުލަން ޖެހޭނެ. އެ މީހުންނަށް ރައްދު ދޭނަން. ޝަހީދު ކޮށްލާފައިވާ މީހުންނަށް ޓަކައި ބަދަލު ހިފާނަން،" ސަރީޢާ ވިދާޅުވިއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނުގެ ފަސް ސަރަޙައްދެއްގައިވާ ހޫޘީންގެ 73 އަމާޒަކަށް ވައިގެ ޙަމަލާތައް ދީފައިވާ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް ހުޅަނގުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ކޮން ތަންތަނަކަށް ކަމެއް ހޫޘީން ހާމަކޮށްފައެއް ނުވެއެވެ.
އެ ޙަމަލަތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހޫޘީންގެ ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޢާބްދުއްސަލާމް ވިދާޅުވީ އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ޙަމަލާ ދޭން ޖެހޭ އެެއްވެސް ޙައްޤު ސަބަބެއް ނެތް ކަމުގައެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ބުނީ އެއީ ރަތް ކަނޑުގައި ދަތުރު ކުރާ އާގުބޯޓުފަހަރަށް ހޫޘީން ޙަމަލަދޭތީ އެ ކަމުގެ ބަދަލުގައި ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. ޢަބްދުއްސަލާމް ވިދާޅުވީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޢުދުވާނާ ގުޅިގެން ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުން ހޫޘީން ހުއްޓައި ނުލާނެ ކަމުގައެވެ.
ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުފަހަރަށް ހޫޘީން ޙަމަލަ ދެނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލަން ޔަހޫދީންނަށް ބާރުއެޅުމަށެވެ. ނަމަވެސް މިހާރު ފެންނަމުން ދަނީ ޔަހޫދީންގެ މަސްލަޙަތު ޙިމާޔަތް ކުރަން އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ތެދުވެފައިވާ މަންޒަރެވެ.