ޚަބަރު

ޔަމަނަށް ބޮން އެޅުމުން އެމެރިކާއާއި އިނގިރޭސިވިލާތަށް ދުނިޔޭގެ ނުރުހުން


ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ފަަށާފައިވާ އަސްކަރީ ޢުދުވާނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ނުރުހުމާ ކުރިމަތިވެއްޖެއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ބުނެފައި ވަނީ އެއީ ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހޫޘީ ޖަމާޢަތަށް އަމާޒުކޮށް ފަށާފައިވާ ޢުދުވާނެއް ކަމުގައެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ވައިގެ ޢުދުވާން ފަށާފައި ވަނީ ރަތް ކަނޑުގައި ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮންނަ އާގުބޯޓުފަހަރަށް ހޫޘީން ދެމުންދާ ޙަމަލާތައް ނުހުއްޓުމުންނެވެ.

ހުޅަނގުގެ ޢުދުވާނާ ގުޅޭ ގޮތުން ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަޚަރްވާ ވިދާޅުވީ އެއީ އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް އެމެރިކާއާއި އިނގިރޭސިވިލާތުން އޮޅުވައިލާ މިންވަރު ހާމަކޮށްދޭ އަމަލެއް ކަމުގައެވެ. އަދި އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ޢުދުވާނެއްގެ ގޮތުގައި ސިފަކޮށް ޒަޚަރްވާ ވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެ ކަން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

އެ ކަމާ ގުޅޭ ގޮތުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު ކިނާނީ ވިދާޅުވީ އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެފައިވާ ކަމުގައެވެ. އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ޢުދުވާނެއް ކަން ފާހަގަކޮށް އޭނާ ވެސް ވަނީ އެމެރިކާއާއި އިނގިރޭސީންގެ ޢަމަލުތަކާ ގުޅިގެން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާފައިވާ ކަމުގައި ވިދާޅުވެފައެވެ.

ލުބްނާނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޙިޒްބުالله ޖަމާޢަތުން ބުނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޢަމަލުތަކުން އެނގި ހާމަވެގެން ގޮސްފައި ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކު ހިންގަމުންދާ ޢުދުވާނެެއް ކަމެވެ.

ސަޢޫދީ ޢަރަބިއްޔާއިން ވެސް ވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޢުދުވާން ކުށްވެރި ކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ޙަމަލަތައް ވަޤުތުން ހުއްޓައިލަން ގޮވައިލާފައިވެއެވެ. އަދި މެދުއިރުމަތީގެ މަސްރަޙު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ރަތް ކަނޑުގެ ސަރަޙައްދުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް ސަޢޫދީ ޢަރަބިއްޔާއިން ބުނެފައިވެއެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ޔަމަނަށް ބޮން އެޅުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރެއް ކަމުގައިވާ ގްރެގޮރީ މީކްސްއެވެ. އޭނާ ވަނީ އެ މައްސަލައަށް ޞުލްޙަވެރި ސިޔާސީ ޙައްލެއް ހޯދުމަށް ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ގޮވައިލައްވާފައެވެ. އަދި މަސްރަޙު އިތުރަށް ހޫނުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ ވަނީ ބައިޑަނަނަށް ބާރު އަޅުއްވާފައެވެ. އެމެރިކާގެ ޤާނޫނުތަކާ އެއްގޮތަށް ޤާނޫނުހަދާ މަޖިލީހާ ގުޅިގެން މެނުވީ އެ ފަދަ އަސްކަރީ ޙަރަކާތެއް ނުހިންގުމަށް ވެސް އޭނާ ވަނީ ބައިޑަންނަށް އިރުޝާދު ދެއްވާފައެވެ.

ޔަމަނަށް ބޮން އަޅަން ފެށުމަކީ އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީން ތާޢީދު ކުރާ ކަމެކެވެ. އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ޔަމަނަށް ޙަމަލަދިނުން ލަސްވެފައިވާ ކަމުގައި ވިދާޅުވެފައެވެ. އެ މޭރުމުން ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި ޤާނޫނުހަދާ މަޖލީހުގެ މަތިގޭގެ މެންބަރެއް ކަމުގައިވާ މިޗް މިކޮނެލާއި ރޮޖަރ ވިކަރ ހިމެނެއެވެ.

ޔަމަނަށް ޙަމަލަށް ދިނުމުގެ ކުރިން ބައިޑަން ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯއްދަވާފައި ނުވާތީ އޭނާއަށް ވަނީ އިތުރު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރެއް ކަމުގައިވާ ރޯ ކަނާ ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް އެމެރިކާއިން ފުންމައިލުމުގެ ކުރިން ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ބައިޑަން ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމުގައެވެ. އޭނާ ވަނީ އެ ކަމާ ގުޅިގެން ބައިޑަންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ބައިޑަންގެ ރިޕަބްލިކަން ޕާޓީ ތަމްޞީލު ކުރައްވާ މެންބަރު ވަލް ހޮއިލް ވިދާޅުވީ ޔަމަނަށް ޙަމަލާ ދިނުމަށް ޤާނޫނު ހަދާ މަޖިލީހުން ޙުއްދަ ދީފައި ނުވާ ކަމުގައެވެ. އަދި އެމެރިކާގެ ޤާނޫނު އަސާސީ ވަރަށް ސާފު ކަމަށާއި އެ ފަދަ އަސްކަރީ ޙަރަކާތެއް ފެށޭނީ ޤާނޫނު ހަދާ މަޖިލީހުގެ ޙުއްދައާ އެކުގައި ކަން ވަރަށް ސާފު ކަމުގައި އޭނާ ވިދާޅުވިއެވެ.

"ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް، މި ފަދަ އަސްކަރީ ހަރަކާތެއް ފެށުމުގެ ކުރިން ކޮންގްރެސްއަށް އައިސް ހުއްދަ ހޯދަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.