ޚަބަރު

ރަތް ކަނޑުގެ ހަމަނުޖެހުމާއެކު ކޮންޓޭނަރު އުފުލުމުގެ އަގުތައް އުފުލިއްޖެ


އެމެރިކާ އިސްވެ ޔަމަނަށް ބޮން އަޅަން ފެށުމުން ރަތް ކަނޑުގެ ހަމަނުޖެހުން ދިގު ދެމިގެން ގޮސްދާނެ ކަމުގެ ބިރު ބޮޑުވެ ކަނޑުމަގުން ކޮންޓޭނަރުގައި މުދާ އުފުލުމަށް ނަގާ އަގުތައް އުފުލިއްޖެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ޙަމަލާ ދޭން ފެށީ ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރާ ބޯޓުފަހަރަށް ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކަމަށް ބުނެއެވެ.

ރަތް ކަނޑު އޮންނަނީ ޔަމަނުގެ ބާބް އަލް މަންދީބު ކަނޑުއޮޅިން ފެށިގެން މިޞްރުގެ ސުއޭޒް ކެނަލްއާ ހަމައަށެވެ. ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ޝިޕިން ކުންފުނިތަކުން ރަތް ކަނޑުގެ ދަތުރުތައް ހުއްޓައިލުމުން ސުއޭޒް ކެނަލުން ދަތުރުކުރާ ބޯޓުތަކުގެ ޢަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެ ގޮތުން މިދިޔަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ސުއޭޒް ކެނަލުން ދަތުރުކުރި ބޯޓުގެ އަދަދު ވަނީ 777ން 544އަށް މަދުވެފައެވެ.

އެމެރިކާއިން ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދޭން ފެށުމުން އެ ސަރަޙައްދުން ދަތުރުނުކުރުމަށް އެމެރިކާއިން ވެސް މިހާރު ވަނީ ޝިޕިން ކުންފުނިތަކަށް ލަފާ ދީފައެވެ. އެއާއެކު ތެލާއި އެނޫން ވެސް މުހިންމު މުދާ ހިފައިގެން ދަތުރުކުރާ ބޯޓުތަކުން ނަގާ ކޮންޓޭނަރުގެ އަގު އުފުލި އިންފްލޭޝަން މަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި ދަތުރުތައް ހުއްޓައިލުމުން މިދިޔަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ސުއޭޒް ކެނަލުން ލިބުނު އާމްދަނީ ވަނީ %40އަށް ދަށްވެފައެވެ.

ހަމަނުޖެހުން ދިގުދެމިގެންދާނަމަ ކަނޑުމަގުން މުދާ އުފުލުމަށް ބުރޫ އަރާނެ ކަމަށާއި ޚަރަދުތައް ވެސް ބޮޑުވާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޔަހޫދީންނާ ގުޅުން އޮންނަ ބޯޓުފަހަރަށް ޙޫޘީން ދެމުންދާ ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބޮޑެތި ޝިޕިން ކުންފުނިތަކުން ރަތް ކަނޑުން ދަތުރުކުރުން ހުއްޓައިލައި ދެކުނު އެފްރިކާ ވަށާލައިގެން ދަތުރުތައް ކުރަން ފެށި ނަމަވެސް އެއީ ވަރަށް ޚަރަދު ބޮޑު ގޮތެކެވެ. ވިލާތާއި އޭޝިއާ ދެމެދު އެ މަގުން ދަތުރުކުރުމަށް ގާތްގަނޑަކަށް 10 ދުވަސް ހޭދަވެއެވެ. އަދި ދަތުރުގެ އެއްކޮޅަށް ދުވާލަކަށް 10 މިލިއަން ޑޮލަރުގެ ތެޔޮ ބޭނުންވެއެވެ.