ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީންގެ އަސްކަރީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާން ހުއްޓުވަން ޢަމަލީ ގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ ޔަމަނުގެ ހޫޘީ ޖަމާޢަތުގެ އިސްވެރިޔާ ޢަބްދުލްމާލިކް އަލް-ހޫޘީއެވެ. ޔަހޫދީންގެ ޢުދުވާން ހުއްޓުވަން ބާރު އެޅުމުގެ ގޮތުން އޭނާ ވަނީ ރަތް ކަނޑު ހުރަސްކޮށް ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށާފައެވެ.
ހޫޘީންގެ ޢަމަލުތަކުގެ ސަބަބުން ޔަހޫދީންނަށް ގެއްލުން ވާން ފެށުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ހިތްޕުޅަށް ކެތެއް ނުވިއެވެ. އެ ކަން ހުއްޓުވަން ފުރަތަމަ ވެސް ރަތް ކަނޑަށް ފޮނުވީ އެމެރިކާގެ އަސްކަރީ މަނަވަރުތަކެވެ. ނަމަވެސް ހޫޘީން އެ ކަމަކަށް ނުސިހުނެވެ. ބިރުން ފަހަތަކަށް ނުޖެހުނެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ފަށާފައިވާ ޙަމަލާތައް މަޑުޖައްސައިލަން އެއްބަހެއް ނުވިއެވެ. އަދި ބައިޑަން ހީކުރެއްވި ގޮތަށް ހަތިޔާރުތައް ގުދަނަށް ލައި ބޮޑު ތަޅެއް ނޭޅުވިއެވެ.
ހުޅަނގުގެ ނޫސްތަކުން ސިފަކުރާ ގޮތުގައި ހޫޘީންނަކީ ޔަމަނުގެ ފަރުބަދަތަކުގެ މަތީގައި ފެން ފައިވާނުގައި އުޅޭ އާދައިގެ ބައިގަނޑެކެވެ. ނަމަވެސް، އެ ބުނާ ބައިގަނޑުން ވަނީ އެމެރިކާގެ ސަރުކާރަށް ސިހުން ގެނުވާފައެވެ. ބައިޑަންގެ ދިރިއުޅުމަށް ގުޑުން ގެނުވާފައެވެ. ޔަހޫދީންނާ ދެކޮޅަށް ހޫޘީން ތެދުވުމުން ރޭގަނޑު ނިދިން ބައިޑަން މަޙުރޫމު ވެއްޖެ ފަދައެވެ. ލޮލުފިޔައެއް ޖަހައިނުލެވި އޭނާ ވަނީ ހޫޘީންނާ ދެކޮޅަށް ތެދުވެވަޑައިގަންނަވާފައެވެ. އެ ބުނާ އާދައިގެ ބައިގަނޑާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފައްޓަވާފައެވެ.
ހޫޘީންނަކީ މެދުއިރުމަތީގެ އެއް ބާރު ކަމުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއަށް ވެސް މައިތިރި ކުރެވުނު ޖަމާޢަތެއް ނޫނެވެ. ސަޢޫދީން އިސްވެ ހޫޘީންނާ ދެކޮޅަށް ފެށި އަސްކަރީ ކެމްޕޭނުގައި ވެސް ޔަމަނުގެ ވެރިރަށް ޞަންޢާއިން އެ މީހުން ބޭލޭ ގޮތެއް ނުވިއެވެ. އީރާނުގެ ވާގިވެރިކަމާ އެކު ޙަރަކާތްތެރިވާ ހޫޘީން މިހާރު ރަތް ކަނޑުގައި ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކާއެކު އެ ސަރަޙައްދުން ޔަހޫދީންގެ މުދާ އުފުލުމަށް ވަނީ ހުރަސް އެޅިފައެވެ.
ޙޫޘީން ހުއްޓުވަން ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކަށް ކަމުގައި ވަކާލާތު ކުރާ އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފައެވެ. އެ މީހުން ތެދުވީ ޔަހޫދީންގެ ދިފާޢުގައެވެ. ހޫޘީންގެ ޢަމަލުތަކުން ޔަހޫދީންނަށް ކުރިމަތިވަމުންދާ ގެއްލުމާއި ގޮންޖެހުންތަކުން ސަލާމަތް ކުރާށެވެ. ނަމަވެސް ހޫޘީން ބުނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޢުދުވާންތައް ހުއްޓައި ނުލަނީސް ރަތް ކަނޑުގައި ހިންގަމުންދާ ޙަރަކާތްތައް ހުއްޓައި ނުލާނެ ކަމުގައެވެ. އަދި ރަތް ކަނޑަށް ފޮނުވާފައިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކަށް ޙަމަލަދޭނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައެވެ.
"ފާއިތުވި އަށް އަހަރު ވެސް ހޫޘީން ސަލާމަތާ އެކު ދެމިއޮތް. އެ ޖަމާޢަތުން ވަނީ ބާރުތައް އިތުރުކޮށް ފުޅާ ކޮށްފައި. މިހާރު އެ ޖަމާޢަތާ ދެކޮޅަށް ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާތަކުން މި ވަނީ ތެދުވެފައި،" މެދުއިރުމަތީގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ރޯޔަލް ޔުނައިޓެޑް ސަރވިސަސް އިންސްޓިޓިއުޓްގެ މެދުއިރުމަތީގެ ސަލާމަތާ ބެހޭ ދާއިރާގެ ސީނިޔަރ ރިސާޗް ފެލޯ ޓޮބާޔަސް ބޯކް ވިދާޅުވިއެވެ.
ހޫޘީންގެ އެންމެ އިސްވެރިޔާ އަދި އިސް ކޮމާންޑަރަކީ ޢަބްދުލްމާލިކް އަލް-ހޫޘީއެވެ. ސަޢޫދީ ޢަރަބިއްޔާއިން އިސްވެ 2015 ވަނަ އަހަރު އުފެއްދި އަސްކަރީ އިއްތިޙާދާ ދެކޮޅަށް ކުރި ހަނގުރާމައިގައި ހޫޘީންގެ ލަޝްކަރުގެ އިސް ސަފުގައި ހުންނެވީ އަލް-ހޫޘީއެވެ. އުމުރުން 40ގެ އަހަރުތައް ގުނަމުންދާ އަލް-ހޫޘީގެ އިރުޝާދުގެ ދަށުން ހޫޘީ ޖަމާޢަތާ އެތަކެއް ސަތޭކަ ހާސް ހަނގުރާމަވެރިން ވަނީ ގުޅިފައެވެ. އެ ޖަމާޢަތުން ވަނީ ބާރުގަދަ ހަތިޔާރު ހޯދާފައެވެ. އޭގެ ތެރޭގައި ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި ޑްރޯން ފަދަ ހަތިޔާރު ހިމެނެއެވެ. ސަޢޫދީންގެ ޢުމްރަނީ ވަސީލަތްތަކަށް ޙަމަލަ ދޭން ހޫޘީން މީގެ ކުރިން އެ ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
"އޭނާ [އަލް-ހޫޘީ] ވަނީ، ފަރުބަދަ މަތީ ހިސާބުތަކުގައި ހަރަކާތްތެރިވާ އާދައިގެ ހަތިޔާރު އެޅި ގުރޫޕެއް، ބޮޑު ލަޝްކަރަކަށް ބަދަލު ކޮށްލައްވާފައި. މިހާރު އެއީ ދަޢުލަތަކަށް ނިސްބަތް ނުވި ނަމަވެސް އެންމެ ކުޅަދާނަ އަދި އެންމެ ބާރުގަދަ އެއް ލަޝްކަރޭ ބުނެވިދާނެ،" މެދުއިރުމަތީގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ އެޗްއައިއެސް މާކިޓްގެ މެދުއިރުމައްޗާއި އުތުރު އެފްރިކާއާ ބެހޭ ޕްރިންސިޕަލް އެނެލިސްޓް ލުޑޮވީކޯ ކަރްލީނޯ ވިދާޅުވިއެވެ.
އަލް-ހޫޘީއަކީ އެއް ތަނެއްގައި ގިނަ ދުވަހު މަޑު ކުރައްވާ ބޭފުޅެއް ނޫނެވެ. އޭނާއަކީ ނޫސްވެރިނާނާ ރަޙުމަތްތެރި ބޭފުޅެއް ވެސް ނޫނެވެ. އަދި ކުރިން ރާވައި ޢިއުލާނުކޮށްގެން ބައްދަލުވުންތަކުގައި ބައިވެރިވާ ބޭފުޅެއް ވެސް ނޫނެވެ. ޔަމަނުގެ ހަނގުރާމައަކީ ސަޢޫދީންނާއި އީރާނާ ދެމެދު ހިނގާފައިވާ ޕްރޮކްސީ ހަނގުރާމައެއްގެ ގޮތުގައި ބެލެވޭއިރު އެ ހަނގުރާމައާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް އަލް-ހޫޘީން ބައިވެރިވެ ވަޑައިގަންނަވާފައެއް ނުވެއެވެ.
ހޫޘީންނަކީ 1962 ވަނަ އަހަރާ ޖެހެންދެން ޔަމަނުގައި ވެރިކަން ކުރި ޝިޢީންގެ ޒަޔީދީ ދަރިކޮޅަށް ނިސްބަތްވާ ޖަމާޢަތެކެވެ. އެ ދަރިކޮޅުގެ ވެރިކަން 1,000 އަހަރަށް ދެމިގެން ދިޔައެވެ. ނަމަވެސް، 1990ން 2012އަށް ޔަމަނުގައި ވެރިކަން ކުރެއްވި ޢަލީ ޢަބްދުالله ޞާލިޙްގެ ސަރުކާރުން އެ ދަރިކޮޅާ މެދު އިހާނެތިކޮށް ހިތާފައިވާ ކަމަށް ހޫޘީން ގަބޫލު ކުރެއެވެ.
2021 ވަނަ އަހަރު ހޫޘީން ތެދުވެ ޔަމަނުގެ ސަރުކާރު ވައްޓައިލާފައި ވަނީ އީރާނުގެ އެހީތެރިކަމާ އެކުގައި ކަމަށް ބެލެވެއެވެ. ހޫޘީންނަކީ މިހާރު އެމެރިކާއާއި ޔަހޫދީންގެ ބާރުވެރިކަމާ ދެކޮޅަށް އީރާނުން އިސްވެ އުފައްދާފައިވާ އަސްކަރީ އިއްތިޙާދެއް ކަމުގައިވާ އެކްސިސް އޮފް ރެސިސްޓެންސްގެ މުހިންމު ބައިވެރިއެވެ. އެ އިއްތިޙާދުގައި ހޫޘީންގެ އިތުރުން ލުބްނާނުގެ ޙިޒްބުالله ޖަމާޢަތާއި ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ހިމެނެއެވެ.