ޔަހޫދީ ރަށްތަކުގެ އުތުރުގައިވާ ސަރަޙައްދުތަކުގައި ޚަންދަޤުތައް ކޮނެ، ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފެށުމަށް ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެއެވެ. ނަމަވެސް އެއީ ޔަހޫދީންގެ އަސްކަރިއްޔާއަށް އައު ކަމެކެވެ. ހަނގުރާމައެއްގައި ދިފާޢީ ގޮތުން ޙަރަކާތްތެރިވުމަކީ ޔަހޫދީންގެ ފައުޖު ދަންނަ ކަމެއް ނޫނެވެ. އެއީ އެ މީހުން ތައްޔާރުވެ، ތަމްރީނުވެފައިވާ ކަމެއް ނޫނެވެ.
ތާރީޚް ދައްކާ ގޮތުގައި ޔަހޫދީ ފައުޖުން އަބަދު ވެސް ފެނިގެން ގޮސްފައި ވަނީ އިސްވެ ޙަމަލަދީ ހަނގުރާމަ ކުރާ ފައުޖެއްގެ ގޮތުގައެވެ. ދިފާޢަކީ އެ ފައުޖުން ވިސްނާ ކަމެއް ނޫނެވެ. ދިފާޢު ކުރުމަކީ އެ މީހުން ދަންނަ ކަމެއް ނޫނެވެ. ޔަހޫދީ ފައުޖުގެ ސިފައިންނަށް ދޭ ތަމްރީނުތަކުގައި ދިފާޢު ކުރުމާ ގުޅޭ ފިލާވަޅު ނަގައިދެނީ މީގެ 68 އަހަރު ކުރިން ޝާއިޢު ކޮށްފައިވާ ދަ ރައިފަލް ޑިޕާޓްމަންޓްގެ ނަން ދީފައިވާ މެނުއަލް ނުވަތަ ފޮތެއް ބޭނުން ކޮށްގެންނެވެ. އެއީ މި ޒަމާނަށް ފެތޭ އެއްޗެއް ނޫނެވެ. އެ ކަން ޔަހޫދީ ފައުޖުގެ އިސްވެރިން ވެސް ޤަބޫލު ކުރެއެވެ.
ނަމަވެސް، އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންގެ ރަށްތަކަށް ދިން ޙަމަލަތަކާ ގުޅިގެން ޔަހޫދީ ފައުޖުން ވަނީ ދިފާޢީ ކަންކަން ހަރުދަނާ ކުރަން ތެޅިގަނެފައެވެ. މީގެ ތެރެއިން އެއް ކަމަކީ 1956 ވަނަ އަހަރު ލިޔެފައިވާ ދަ ރައިފަލް ޑިޕާޓްމަންޓް މެނުއަލްގެ ކޮޕީތައް ނަކަލުކޮށް ޔަހޫދީ ސިފައިންނަށް ބަހަން ފެށުމެވެ. އަދި މުޖާހިދުން ދީފާނެ ޙަމަލާއަކުން ދިފާޢުވާނެ ގޮތްތައް ދަސްކޮށްދޭން ފިލާވަޅު ނަގައިދޭން ފެށުމެވެ.
އެ ފޮތުގައި ކިޔަވައިދޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު އެއް ފިލާވަޅަކީ ޚަންދަޤުގެ މުހިންމު ކަމުގެ ވާހަކަައެވެ. އަދި ޔަހޫދީންގެ ރަށްތަކުގެ އުތުރުގައި ލުބްނާންގެ ސަރަޙައްދީ ރޮނގު ކައިރީގައިވާ ރަށްތަކުގައި ޔަހޫދީ ފައުޖުން ދަނީ ޚަންދަޤު ކޮނެ، ޙިޒްބުاللهން އެއްގަމު މަގުން އަރައި ދީފާނެ ޙަމަލާއަކަށް ތައްޔާރުވަމުންނެވެ.
2006 ވަނަ އަހަރު ވެސް ޔަހޫދީން ވަނީ ޙިޒްބުاللهއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ ޖައްބާރު ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫއާއި ދިފާޢީ ވަޒީރު ވެސް ހަނގުރާމައިގެ މައިދާނުގައި އަލުން ޙިޒްބުاللهއާ ދެކޮޅަށް ތެދުވާކަށް ބޭނުމެއް ނުވެއެވެ. ޙިޒްބުاللهއާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށަން ބޭނުމެއް ނުވެއެވެ. އެ ކަމުން ދޭހަވަނީ ޙިޒްބުاللهއާ ކުރިމަތިލާން ޔަހޫދީ ފައުޖުން ޖެހިލުންވާ ކަމެވެ.
ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ސަރަޙައްދީ ރޮނގު ހުރަސްކޮށް ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ. އެ ޙަމަލާތައް ފަށާފައި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޢުދުވާންތައް ފެށުމުންނެވެ. ދެ ފަރާތުގެ މެދުގައި ބަދަލު ކުރަމުންދާ ޙަމަލަތަކުގައި ޙިޒްބުاللهގެ 140 ހަނގުރާމަވެރިންނާއި ލުބްނާނުގެ ޢާންމުންގެ 25 މީހުން ވަނީ ޝަހީދުވެފައެވެ.
ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއްދީ ޔަހޫދީ ސިފައިންގެ ނުވަ މީހުންނާއި ޢާންމުންގެ އެކަކު މަރައިލާފައެވެ. އެމެރިކާއާއި ހުޅަނގުން ކުރިން ހީކުރަމުން ދިޔަ ގޮތާ ޚިލާފަށް، ޙިޒްބުاللهން މިހާރު ދަނީ އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. މީގެ ތެރޭގައި ބާރުގަދަ މިސައިލްތަކާއި ޑްރޯން ފަދަ ހަތިޔާރު ހިމެނެއެވެ. އެ ޖަމާޢަތާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށަން ޔަހޫދީން ޖެހިލުންވާ އެއް ސަބަބަކީ އެއީ ކަމުގައި ބެލެވެއެވެ.
ޣައްޒާއަށް ޔަހޫދީން ދެމުންދާ ޙަމަލަތަކުގެ ރައްދުގައި ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް ދެމުންދާ ވަރުގަދަ ޙަމަލާތަކާ ގުޅިގެން ޔަހޫދީންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާއި ގެލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ޔަހޫދީ ރަށްތަކުގެ އުތުރުގައި، ލުބްނާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ރަށްތައް މިހާރު އޮތީ ފަޅުވެފައެވެ. އެއީ، ދަނޑުވެރިކަން ކުރާ ސަރަޙައްދެކެވެ. ނަމަވެސް، މިހާރު އެ ސަރަޙައްދުގެ ދަނޑުތައް އޮތީ ހަލާކުވެފައެވެ. އަދި، އެ ސަރަޙައްދުގައި ދިރިއުޅޭ 96,000 އެއްހާ ޔަހޫދީން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އެ މީހުން މިހާރު ދިރިއުޅެނީ ވަޤުތީ ހިޔާތަކުގައެވެ.
ޚަންދަޤު ކޮނެ، ޔަހޫދީ ސިފައިން ދިފާޢީ ގޮތުން ތައްޔާރުވަމުން ދިޔުމަކީ، ޙިޒްބުاللهން އެއްގަމު މަގުން އަރައި ޔަހޫދީންނަށް ދީފާނެ ޙަމަލާއަކަށް ކުރަމުންދާ ތައްޔާރީތަކެއްގެ ގޮތުގައި ބެލުމުގެ ފުރުޞަތު ބޮޑެވެ. ލުބްނާނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހަނގުރާމައެއް ފަށައިފިނަމަ، ރައްދުގައި ޔަހޫދީންނަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ތައްޔާރަށް އޮތް ކަމުގެ އިންޒާރު ޙިޒްބުاللهން ވަނީ ދީފައެވެ.