ޚަބަރު

ބައިޑަން ޔަމަނަށް ބޮންއަޅަން ފެށީ އެމެރިކާގެ ޤާނޫނު އަސާސީއާ ޚިލާފަށްތަ؟


އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ހޫޘީ ޖަމާޢަތުންނާ ދެކޮޅަށް އަސްކަރީ ޙަރަކާތެއް ފަށާފައި ވަނީ ރައީސް ޖޯ ބައިޑަންގެ ޢަމުރަށެވެ. އެއީ ރަތް ކަނޑު ހުރަސްކޮށް ޔަހޫދީންގެ ރަށްތަކަށް މުދާ އުފުލާ އާގުބޯޓުފަހަރަށް ހޫޘީން ދެމުންދާ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި ފަށާފައިވާ އަސްކަރީ ޙަރަކާތެކެވެ. އެ ޙަރަކާތުގެ ދަށުން އެމެރިކާއާއި އިނގިރޭސިވިލާތުން ދަނީ ޔަމަނުގެ ރަށްތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދެމުންނެވެ.

އެ ޙަރަކާތުގެ އަމާޒަކީ ޔަހޫދީންނާ ދެކޮޅަށް ތެދުވާ ކޮންމެ ބަޔަކު ފުނޑައިލާނެކަން ދުނިޔެއަށް ހާމަކުރުމެވެ. ޔަހޫދީންނަށް ކުރިމަތިވާ ހުރިހާ ނުރައްކަލަކުން އެ މީހުން ސަލާމަތް ކުރަން އެމެރިކާއިން ފަސްނުޖެހި ތެދުވާނެކަން ސާފުކޮށް ދިނުމެވެ. ހޫޘީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ޙަރަކާތަށް ކެނެޑާއާއި އޮސްޓްރޭލިޔާއާއި ނެދަރލެންޑްސްގެ އިތުރުން ޢަރަބި ޤައުމެއް ކަމުގައިވާ ބަޙްރައިނުން ވެސް ތާޢީދު ކުރެއެވެ.

އެމެރިކާގެ ޤާނޫނު އަސާސީގެ އެއްވަނަ ބާބުގައި ބުނަނީ ކީކޭ؟

ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ ބައިޑަންގެ ޢަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ބޮން އަޅަން ފަށާފައި ވަނީ އެމެރިކާގެ ޤާނޫނު އަސާސީއާ ޚިލާފަށް ކަމެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް - ކޮންގްރެސްގައި ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީ ތަމްޞީލު ކުރައްވާ މެންބަރުންގެ އިތުރުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް ގެންދަވަނީ އެ ކަމާ ގުޅިގެން ބައިޑަންނަށް ފާޑުވިދާޅުވަމުންނެވެ. އަދި އެމެރިކާގެ ޤާނޫނު އަސާސީގެ އެއްވަނަ ބާބާ ބައިޑަން ޚިލާފުވެވަޑައިގެންފައިވާ ކަމުގައި ވިދާޅުވަމުންނެވެ.

އެމެރިކާގެ ޤާނޫނު އަސާސީގެ އެއްވަނަ ބާބުގައި ބުނަނީ ކީކޭތޯއެވެ؟ އޭގައި ޞަރީޙަ އިބާރާތުން ބުނެފައި ވަނީ އެމެރިކާއަށް އެއްވެސް ހަނގުރާމައެއް ފެށޭނީ ނުވަތަ ހަނގުރާމައެއްގައި ބައިވެރިވެވޭނީ ކޮންގްރެސްގެ ހުއްދައާ އެކުގައި ކަމެވެ. ޔަމަނަށް ބޮން އަޅަން ފެށުމުގެ ކުރިން ބައިޑަންގެ ސަރުކާރުން ވަނީ ހޫޘީންނާ ދެކޮޅަށް އަސްކަރީ ޙަރަކާތެއް ފެށުމަށް ރާވަމުންދާ ކަމުގެ މަޢުލޫމާތު ކޮންގްރެސްއަށް ދީފައެވެ. ނަމަވެސް، އެ ކަމުގެ ޙުއްދައަކަށް އެދިފައެއް ނެތެވެ.

އެމެރިކާގެ ޤާނޫނު އަސާސީގެ އެއްވަނަ ބާބުގެ އަށްވަނަ މާއްދާއާއި 10 ވަނަ މާއްދާގެ ދަށުން އެއްވެސް ހަނގުރާމައެއް ފެށުމާއި ހަނގުރާމައެއްގައި ބައިވެރިވުމުގެ ހުއްދަ އެމެރިކާގެ ސަރުކާރަށް ދިނުމުގެ ބާރު ލިބިގެން ވަނީ ކޮންގްރެސްއަށެވެ. މާނައަކީ އެމެރިކާއަށް އެއްވެސް ޤައުމަކާ ދެކޮޅަށް، ބަޔަކާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރެވޭނީ ނުވަތަ އަސްކަރީ ހަރަކާތެއް ހިންގޭނީ ކޮންްގްރެސްގެ ހުއްދައާ އެކުގައި ކަމެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ނުރުހުން

ކޮންގްރެސްގެ ހުއްދައެއް ނެތި ބައިޑަންގެ ސަރުކާރުން ޔަމަނަށް ބޮން އަޅަން ފަށާފައިވާތީ އެ ކަމާ މެދު ނުރުހުން ފާޅު ކުރައްވާފައިވާ ކޮންގްރެސްގެ މެންބަރުންގެ ތެރޭގައި ޑިމޮކްރެޓިކް ޕާޓީގެ ޕްރަމީލާ ޖައިޕާލްއާއި ކޯރީ ބުޝް ހިމެނި ވަޑައިގަންނަވެއެވެ. ޔަމަނަށް ދެމުންދާ ޙަމަލާތައް ޖައިޕާލް ސިފަ ކުރައްވާފައި ވަނީ "ޤާނޫނުއަސާސީއާ ޚިލާފަށް ހިންގާފައިވާ ބަލައިނުގަނެވޭނެ ފަދަ" ޢަމަލެއްގެ ގޮތުގައެވެ.

"ޓެކުސް ފައިސާއިން ޚަރަދު ކޮށްގެން ނިމުމެއް ނެތް ހަނގުރާމައެއް ފަށައި [އެހެން ޤައުމެއްގެ] ޢާންމު ރައްޔިތުން މެރުމަކީ އެމެރިކާގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން. ޔަމަނަށް ބޮން އެޅުން ވަޤުތުން ހުއްޓައިލާ،" ކޯރީ ބުޝް ވިދާޅުވިއެވެ. މީގެ އިތުރުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަމުގައިވާ ރަޝީދާ ޠުލީބާއި މާކް ޕޮކާން އަދި ރޯ ކަނާ ވެސް ވަނީ ޔަމަނަށް ބޮން އެޅުމާ ދެކޮޅަށް އަޑު އުފުއްލަވާފައެވެ. އެ ބޭފުޅުން ވެސް ސިފަ ކުރައްވާ ގޮތުގައި ޔަމަނަށް ބޮން އަޅަން ފަށާފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށެވެ.

"ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތް ނަމަވެސް ޤާނޫނުއަސާސީގެ އަގެއް އޮންނަން ޖެހޭނެ،" ބައިޑަނަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމުގައިވާ މައިކް ލީ ވިދާޅުވިއެވެ. ހޫޘީންނާ ދެކޮޅަށް ބައިޑަން ފައްޓަވާފައިވާ އަސްކަރީ ކެމްޕޭނަށް ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުން ތާޢީދު ކުރައްވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް، ގިނަ މެންބަރުން ގެންދަ ވަނީ ބައިޑަންގެ އަސްކަރީ ކެމްޕޭން ފައްޓަވާފައި ވަނީ "ކާކުގެ ހުއްދައަކާ އެކު"ތޯ ސުވާލު އުފައްދަވަމުންނެވެ.

ހަނގުރާމައިގެ ބާރުތަކާ ބެހޭ ޤާނޫނު

އެމެރިކާގެ ހަނގުރާމައިގެ ބާރުތަކާ ބެހޭ ޤާނޫނު ފާސްކޮށްފައި ވަނީ 1973 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެ ޤާނޫނުގެ ދަށުން ހަނގުރާމަ ފެށުމުގެ ބާރު އެމެރިކާގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވައެވެ. ނަމަވެސް ހަނގުރާމަ ފަށާތާ 48 ގަޑިއިރުގެ ތެރޭގައި އެ ކަން ކޮންގްރެސްއަށް އަންގަން ޖެހޭނެއެވެ. އަދި 60 ދުވަހުގެ ތެރޭގައި ކޮންގްރެސްސުން އެ ހަނގުރާމައަކަށް ހުއްދަ ނުދީފިނަމަ ހަނގުރާމަ ހުއްޓައިލަން ޖެހޭނެއެވެ.

ނަމަވެސް ބައިޑަންގެ ޢަމުރަށް ޔަމަނަށް ބޮން އަޅަން ފަށާފައި ވަނީ އޭނާގެ އަމިއްލަ ރިޔާސީ ވަޢުދަކާ ވެސް ޚިލާފަށެވެ. 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެމެރިކާގެ ނޫހެއް ކަމުގައިވާ ދަ ނިއު ޔޯކް ޓައިމްސުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައިޑަން ވަނީ ކޮންގްރެސްގެ ޙުއްދައެއް ނެތި އެއްވެސް ހަނގުރާމައެއް އޭނާ ނުފައްޓަވާނެ ކަމަށް ވިދާޅުވެ ވަޢުދުވެ ވަޑައިގަންނަވާފައެވެ.

2007 ވަނަ އަހަރު ވެސް ބައިޑަން އެ ފަދައިން ވިދާޅުވެފައިވެއެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ ބޮސްޓަން ގްލޯބުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބައިޑަން ވިދާޅުވީ އެމެރިކާގެ ޤާނޫނުއަސާސީ ވަރަށް ސާފު ކަމަށާއި، ހަނގުރާމަ އިޢުލާނު ކުރުމުގެ ހުރިހާ ބާރެއް ލިބިގެން ވަނީ ކޮންގްރެސްއަށް ކަން އޭނާ ގަބޫލު ކުރައްވާ ކަމުގައެވެ.

މިއީ އެމެރިކާގެ ރައީސަކު އަލަށް ކޮށްގެން އުޅޭ ކަމެއް ނޫން

ތިން ވަނަ އަހަރުގެ ޑިސެންބަރު މަހު ވެސް ބައިޑަން ވަނީ ކޮންގްރެސްގެ ހުއްދައާ ނުލައި ޢިރާޤަށް ބޮން އަޅާފައެވެ. އެއީ، އީރާނާ ގުޅުން އޮންނަ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ކަތާއިބު ޙިޒްބުاللهއާ ދެކޮޅަށް ދީފައިވާ ޙަމަލަތަކެކެވެ. 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހު ވެސް ބައިޑަން ވަނީ ކޮންގްރެސްގެ ހުއްދައާ ނުލައި ސޫރިޔާއަށް ބޮން އަޅަން އަމުރު ކުރައްވާފައެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީ މަހު، އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް، ޢިރާޤުގެ ވެރިރަށް ބަޣްދާދަށް ބޮން އަޅައި އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އިސް ކޮމާންޑަރު ޤާސިމް ސުލައިމާނީ ޝަހީދު ކޮށްލާފައި ވަނީ ވެސް ކޮންގްރެސްގެ ހުއްދައެއް ނެތިއެވެ. އެ ޙާދިޘާއާ ގުޅިގެން ޓްރަމްޕަށް ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީގެ ނުރުހުމާއި ފާޑު ކިޔުންތަކާ ކުރިމަތިލާން ޖެހުނެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ވެސް މި ފަދައިން އަމަލު ކުރައްވާފައިވެއެވެ. އެ ގޮތުން، 2011 ވަނަ އަހަރުގެ މާރިޗު މަހު އޭނާ ވެސް ވަނީ ކޮންގްރެސްގެ ހުއްދައެއް ނެތި ލީބިޔާއަށް ބޮން އަޅަން އެމެރިކާގެ އަސްކަރިއްޔާއަށް ޢަމުރު ކުރައްވާފައެވެ. 1999 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން ވެސް ވަނީ އެ ފަދައިން އަމަލު ކުރައްވާފައެވެ. އޭނާގެ އަމުރަށް އެމެރިކާ ސިފައިން ވަނީ ކޮސޮވޯގެ ސަރބިޔާއަށް ބޮން އަޅާފައެވެ.