ޙޫޘީ ޖަމާޢަތުން އަމާޒުކޮށް އެމެރިކާއިން ޔަމަނަށް ދިން ޙަމަލާގެ ސަބަބުން ކަނޑު ދަތުރުތަކަށް ނުރައްކާވެފައިވާ ކަމަށް ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އިސްވެރިޔާ ސައްޔިދު ޙަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ.
ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާ ގުޅިފައިވާ އާގުބޯޓުތަކަށް ޙަމަލާދިނުން ޙޫޘީން ހުއްޓައިލާނެ ކަމަށް އެމެރިކާއިން ޤަބޫލުކުރުމަކީ ގޯހެއް ކަމަށް ވެސް ނަޞްރުﷲ ވިދާޅުވިއެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަނަށް ޙަމަލާ ދިނުމަކީ މޮޔަ ކަމެއް ކަމަށް ސިފަކުރައްވައި ނަޞްރުالله ވިދާޅުވީ ޔަހޫދީންގެ ރަށްތަކަށް ރަތް ކަނޑުން ދަތުރުކުރާ ބޯޓުތަކަށް ޙޫޘީން ދެމުންދާ ޙަމަލާތައް ހުއްޓައިނުލާނެ ކަމަށެވެ.
ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން އިސްވެ ޙަމަލާތައް ދޭން ފަށައިފައި ވަނީ ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރާ ބޯޓުފަހަރަށް ޙޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެމެރިކާއިން އެ ޙަމަލާތައް ދޭން ފަށައިފައި ވަނީ އެ ޤައުމުގެ ރައީސް ޖޯ ބައިޑެންގެ ޢަމުރުފުޅަށެވެ. އެ ޙަމަލާތަކަކީ އެމެރިކާއިން އަމިއްލަ ދިފާޢުގައި ދޭ ޙަމަލާތަކެއް ކަމަށް ބައިޑެން ވިދާޅުވިއެވެ. އަދި ޙަމަލާތައް ދެނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ބަޙްރެއިންނާއި ކެނެޑާއާއި ނެދަލޭންޑްސްގެ ތާއީދާއެކު ކަމަށް ވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ.
ޙޫޘީންގެ ޙަމަލާތަކުގެ ސަބަބުން ދުނިޔޭ ގިނަ ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުގެ ބަދަލުގައި ދުރުގައި އޮންނަ ދެކުނު އެފްރިކާގެ ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން ދަތުރުކުރަން ފަށައިފައެވެ.