ތައިވާނުގެ މިނިވަން ކަމަކަށް އެމެރިކާއިން ތާއީދުނުކުރާ ކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. އޭނާ އެ ގޮތަށް ވިދާޅުވީ ތައިވާނުގެ ރައީސް ކަމަށް ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ)ގެ އިސްވެރިޔާ ވިލިއަމް ލާއީ އިންތިޚާބުވެވަޑައިގަތުމުންނެވެ.
ބައިޑެން އެ ގޮތަށް ވިދާޅުވެފައި ވަނީ ލާއި އިންތިޚާބުވެވަޑައިގަތުމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ލާއީއަށް މަރުޙަބާ ދަންނަވާފައިވަނިކޮށެވެ. އެމެރިކާއާއި ތައިވާނާއި ދެމެދު އޮތް ނުރަސްމީ ގުޅުން ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ބްލިންކެން ވަނީ ވިދާޅުވެފައެވެ.
ތައިވާނުގެ މިނިވަންކަމާ މެދު ގެންގުޅުއްވާ ފިކުރުތަކުގެ ސަބަބުން ލާއި އިންތިޚާބު ކާމިޔާބު ކުރުމަކީ ޗައިނާއިން ވެސް ހިތްހަމަޖެހުނު ކަމެއް ނޫނެވެ. ޗައިނާގެ ބާރުގެ ދަށަށް ތައިވާނު ގެނައުމަށް އެ ޤައުމުން އެއްވެސް ވަރަކަށް ބާރުގެ ބޭނުމެއް ނުކުރެއެވެ. ނަމަވެސް ލާއީގެ ވެރިކަމުގައި ތައިވާނުގެ އަމިއްލަ މިނިވަން ދަޢުލަތެއް ޤާއިމުކޮށްފާނެ ކަމާމެދު ޗައިނާއިން ކަންބޮޑުވެއެވެ.
ތައިވާނަކީ ޗައިނާގެ ބައެއް ކަމަށް ޗައިނާއިން ދަޢުވާ ކުރެއެވެ. ޚުދުމުޚުތާރު ވެރިކަމަކާ ދެކޮޅަށް އެތައް ދުވަހެއް ވަންދެން މަސައްކަތްކުރުމަށްފަހު ތައިވާނުން ވަނީ އެ ޤައުމުގެ ރިޔާސީ އިންތިޚާބެއް ފުރަތަމަ ފަހަރަށް 1996 ވަނަ އަހަރު ބާއްވައިފައެވެ.
ތައިވާނުގެ މިނިވަން ކަމަށް ތާޢިދު ނެތް ކަމަށް ބުނި ނަމަވެސް އެ ޤައުމަށް އެއްވެސް ޙަމަލާއެއް އަމާޒުވެއްޖެނަމަ، ތައިވާނުގެ ދިފާޢުގައި ތެދުވާނެ ކަމަށް އެމެރިކާއިން މީގެ ކުރިން ބުނެފައިވެއެވެ. އެއާއެކު ޗައިނާއިން ވަނީ އެކަމާ ހިތްހަނުޖެހުން ފާޅުކޮށްފައެވެ.
ތައިވާނުގައި މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް އެމެރިކާގެ ތާއީދު ނެތް ކަމަށް ބައިޑެން ވިދާޅުވީ ތައިވާނާއެކު އެމެރިކާއިން ރަސްމީ ގުޅުން ޤާއިމުކޮށްފައި ނުވާ ކަމަށާއި ތައިވާނަކީ މިނިވަން ޤައުމެއްގެ ގޮތުގައި އެމެރިކާއިން ބަލައިނުގަންނާނެކަން ޗައިނާއަށް ކަށަވަރުކޮށްދިނުމަށެވެ.
ގުޅުން ގޯސްވެފައިވާ ޗައިނާއާއި އެމެރިކާއާއިމެދު އޮތް ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ހުރި ޚިޔާލު ތަފާތުވުންތަކާމެދު މަޝްވަރާ ކުރުމަށް ނޮވެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބައިޑެން ބޭއްވި ބައްދަލުވުމެއްގައި އެއްބަސްވެވަޑައިގަތެވެ.
މިނިވަން ޤައުމެއްގެ ގޮތުގައި ތައިވާނުގެ ބަދަލުގައި ޗައިނާ އެމެރިކާއިން ބަލައިގަތީ 1979 އަހަރުއެވެ. ތައިވާނުން ރަސްމީކޮށް މިނިވަންކަން އިޢުލާނުކުރުމަށް ތާއީދު ނުކުރާ ކަމަށް އެމެރިކާއިން ބުނި ނަމަވެސް ތައިވާނާއެކު އެމެރިކާއިން ނުރަސްމީ ގުޅުންތައް ބާއްވައެވެ.