ޚަބަރު

އިނގިރޭސިވިލާތުން ޔޫކްރެއިނަށް 3.2 ބިލިޔަން ޑޮލަރުގެ އެހީ ފޮނުވަނީ


ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން މި އަހަރުގެ ތެރޭގައި 3.2 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކުރާނެކަން އެ ޤައުމުން ހާމަކޮށްފިއެވެ. ޔޫކްރެއިނަށް އިނގިރޭސިވިލާތުން ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަން އިތުރު ކުރަން ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ އެ ޤައުމުގެ ބޮޑުވަޒީރު ރިޝީ ސުނާކް ދާދިފަހުން ޔޫކްރެއިނުގެ ވެރިރަށް ކީވަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން އިތުރު ކުރަން އިނގިރޭސިވިލާތުން ނިންމާފައި ވަނީ އެހީ މަދުވެ، ޔޫކްރެއިންގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ކުރަމުންދާ ހަނގުރާމައަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އެ ޤައުމުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިނގިރޭސިވިލާތުން ޔޫކްރެއިނަށް ފޮނުވަން ނިންމާފައިވާ އަސްކަރީ އެހީގެ ތެރޭގައި ދުރު ރާސްތާ މިސައިލާއި ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ މިސައިލާއި އާޓިލަރީ ބަޑިއަށް ބޭނުންވާ ބޮމާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ ސާމާނު ހިމެނޭނެ ކަމުގައި ސުނާކްގެ އޮފީހުން ހާމަކުރިއެވެ.

"އަޅުގަނޑު މި އައީ އެންމެ މެސެޖަކާ އެކު. އެއީ، އިނގިރޭސިވިލާތުން ފަހަތަަށް ނުޖެހޭނެ ކަން ހާމަ ކުރަން. އަޅުގަނޑުމެން ޔޫކްރެއިނާ އެކު ދެމިތިބޭނަން ސާބިތު ކޮށްދޭން،" ކީވްގައި ވާހަކަފުޅު ދައްކަވަމުން ސުނާކް ވިދާޅުވިއެވެ. އެއީ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސުނާކް ކީވަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެސް އޭނާ ކީވަށް ވަޑައިގެންނެވިއެވެ.

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް ދެވަނައަށް އެންމެ ގިނައިން ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމަކީ އިނގިރޭސިވިލާތެވެ. އެ ލިސްޓުގެ ކުރީގައި އޮތީ އެމެރިކާއެވެ. 2022 އަދި 2023 ވަނަ އަހަރު ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން އިނގިރޭސިވިލާތުން 3.3 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރިއެވެ.

ހަނގުރާމައިގެ ދެކޮޅުގައި ތިބި ރަޝިޔާއާއި ޔޫކްރެއިނުން ވެސް ދަނީ އިތުރު ހަތިޔާރު ހޯދަން މަސައްކަތް ކުރަމުންނެވެ. ކީވުން ބުނީ އުތުރު ކޮރެޔާއިން ހަތިޔާރު ގަންނަން ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ބޮމާއި މިސައިލާއި ޑްރޯން ފަދަ ހަތިޔާރު ހިމެނޭ ކަމުގައި ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. އުތުރު ކޮރެޔާގައި އުފައްދާފައިވާ ބެލިސްޓިކް މިސައިލްތަކެއް ރަޝިޔާއިން ދާދި ފަހުން ގަނެފައިވާ ކަމުގައި ވައިޓް ހައުސްއިން ޖަނަވަރީ 4 ވަނަ ދުވަހު ހާމަކޮށްފައިވާކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވެސް ގެންދަަވަނީ އިތުރު ހަތިޔާރާއި އަސްކަރީ އެހީތެރިކަން ހޯދަން މަސައްކަތް ކުރައްވަމުންނެވެ. ދާދި ފަހުން އޭނާ ވަނީ ބޯލްޓިކްގެ ތިން ޤައުމެއް ކަމުގައިވާ ލިތުއޭނިޔާއާއި އެސްޓޯނިޔާ އަދި ލެޓްވިޔާއަށް ވަޑައިގަންނަވާފައެވެ. އަދި ރަޝިޔާއާ ދެކޮޅަށް ބޭނުން ކުރަން ހަތިޔާރާއި އަސްކަރީ އެހީތެރިކަން ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ. ޔޫކްރެއިނަށް އިތުރު މިސައިލާއި ޑްރޯނާއި، ހޮވިޓްޒާ ބަޑިއަށް ބޭނުންވާ ބޮމުގެ އިތުރުން އާޓިލަރީ ބަޑިއަށް ބޭނުންވާ ބޮން ފޯރުކޮށްދޭން އެ ޤައުމުތަކުން ވަނީ އެއްބަސްވެފައެވެ.

ބާވީސް މަސް ފާއިތުވެފައިވާ ހަނގުރާމަ ފިނި މޫސުމާ ދިމާކޮށް ކޮންމެ ވެސް ވަރަކަށް މަޑުޖެހިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. ނަމަވެސް، ދެ ފަރާތުގެ ފައުޖުތަކުގެ މެދުގައި މެދުކެނޑުމެއް ނެތި ދަނީ ޙަމަލާތައް ބަދަލުކުރަމުންނެވެ. އަދި ރަޝިޔާއިން ދަނީ ޔޫކްރެއިންގެ މައި ރަށްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.

ޑިސެންބަރު 29 އާއި ޖަނަވަރީ 2 ވަނަ ދުވަހާ ދެމެދު ޔޫކްރެއިންގެ މައި ރަށްތަކަށް ޙަމަލާ ދޭން ރަޝިޔާއިން 500އަށްވުރެ ގިނަ ޑްރޯނާއި މިސައިލް ބޭނުން ކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ޒެލެންސްކީ ވިދާޅުވީ ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ މިސައިލްގެ ޢަދަދުތައް ދަށްވަމުން ދިޔުމުން ރަޝިޔާގެ ޙަމަލާތައް ދިފާޢު ކުރަން ޔޫކްރެއިންގެ ފައުޖުތަކުން މިހާރު ނުކުޅެދިފައިވާ ކަމުގައެވެ.

ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސް ސަރަޙައްދުގައި އޮންނަ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ސަރަޙައްދުތައް ހިމެނެއެވެ. ރަޝިޔާގެ އަތްދަށުން މިނިވަން ހޯދުމަށް ޔޫކްރެއިނުން މިހާރު ދަނީ ރައްދު ޙަމަލާތައް ދެމުންނެވެ. ނަމަވެސް އެ ޙަމަލާތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ނުވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.