ޚަބަރު

ޕެރޫން ފެނުނު އޭލިޔަންތަކުގެ ޙަޤީޤަތަކީ ކޮބާ؟


ދެކުނު އެމެރިކާގެ ޤައުމެއް ކަމުގައިވާ ޕެރޫގެ ވެރިރަށް ލީމާގެ ވައިގެ ބަނދަރުން ހުސްވި އަހަރު ފަހުކޮޅު ފެނުނު މަމިފައިކޮށް ނުވަތަ ކުނި ނުވާ ގޮތަށް ރައްކާތެރިކޮށްފައިވާ އޭލިޔަންތަކަކީ އެހެން ޕްލެނެޓެއް ނުވަތަ ދުނިޔެއަކުން އައި ދިރުމެއް ކަމަށް ދެކެވޭ ވާހަކަތައް ސައިންސްވެރިން ދޮގުކޮށްފިއެވެ. އޭލިޔަން މަމީތަކުގެ ތަހުލީލުތަކެއް ހެދުމަށް ފަހު ސައިންސްވެރިން ބުނެފައިވަނީ އެއީ މި ދުނިޔެ މަތީގައި ލައްވާފައިވާ ތަކެތިން ހަދާފައިވާ ބުދުތަކެއް ކަމުގައެވެ.

އެ ކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ސައިންސްވެރިން ބުނީ އެއީ އިންސާނުންނާއި ޖަނަވާރުތަކެއްގެ ހަށިގަނޑުގެ ބައިތައް ބޭނުން ކޮށްގެން ހަދާފައިވާ ބުދުތަކެއް ކަމުގައެވެ. އަދި މަމީތަކާއެކު ފެނިފައިވާ ތިން އިނގިލި ހިމެނޭ އަތްބުރިއަކީ ވެސް އެހެން ޕްލެނެޓަކުން އައި އެއްޗެއް ނޫން ކަމުގައެވެ.

"އެއީ އެހެން ޕްލެނެޓަކުން އައި އެއްޗެއް ނޫން. އެއީ، ޖަނަވާރުތަކެއްގެ ކަށިކޮޅުތަކަކާއި ތެރަސް ބޭނުން ކޮށްގެން ބަޔަކު ހަދާފައިވާ ބުދުތަކެއް. އެއީ އޭލިޔަންތަކެއް ކަމަށް ދައްކާ ވާހަކައަކީ ހަދައިގެން ދައްކާ ވާހަކައެއް،" ބުދުތައް ތަހުލީލު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސައިންސްވެރިއެއް ކަމުގައިވާ ފްލާވިޔޯ އެސްތްރާދާ ވިދާޅުވިއެވެ. އޭނާއަކީ ޕެރޫގެ އިންސްޓިޓިއުޓް ފޯ ލީގަލް މެޑިސިން އެންޑް ފޮރެންސިކް ސައިންސަސްގެ އާކިއޮލޮޖިސްޓެކެވެ.

ލީމާގެ ވައިގެ ބަނދަރުން އެ ބުދުތައް ފެނިފައި ވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުއެެވެ. އެ ތަކެތި އޮތީ ޑީއެޗްއެލް ކުންފުނީގެ ފޮށިގަނޑެއްގެ ތެރޭގައެވެ. އެ ބުދުތައް ފެނުމާ އެކު އެއީ އޭލިޔަންތަކެއްގެ ހަށިތަކެއް ކަމަށް ބުނެ ދުނިޔޭގެ އެކި ނޫސްތަކުން ޚަބަރު ފެތުރިއެވެ.

ހުސްވި އަހަރުގެ ސެޕްޓެންބަރު މަހު ވެސް އެ ފަދަ ދެ ބުދެއް ފެނިފައިވެއެވެ. މެކްސިކޯގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެއްގައި އެ ތަކެތި ދައްކައިލުމުން އެ ކަމަށް ވެސް މީޑިޔާގެ ނަޒަރު ހުއްޓުނެވެ. މެކްސިކޯގެ ނޫސްވެރިއެއް ކަމުގައިވާ ހައިމޭ މައުސާން ބުނީ އެއީ 1,000 އަހަރުވެފައިވާ އޭލިޔަންތަކެއްގެ ހަށިތަކެއް ކަމުގައެވެ. އަދި އެއީ 2017 ވަނަ އަހަރު ޕެރޫން ފެނުނު ހަށިތަކެއް ކަމުގައި ވެސް އޭނާ ބުންޏެވެ. ނަމަވެސް ސައިންސްވެރިން ވަނީ އޭނާގެ ވާހަކަތައް ވެސް ދޮގުކޮށްފައެވެ.