ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުންދާ ކާގޯ ޓަރމިނަލަށްވުރެ ދެ ގުނަ ބޮޑު ކާގޯ ޓަރމިނަލެއް ހުޅުވައިފިއެވެ.
ކާގޯ ހޭންޑްލިންގ ހިދުމަތް ދެމުން އަންނަތާ 40 އަހަރު ވެފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ކާގޯ ޓަރމިނަލެއް ތަރައްޤީކުރަން ފެށީ ކާގޯގެ އަދަދު އެތައް ގުނައެއް އިތުރުވެ، ޓަރމިނަލް ކުޑަވެގެން ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ކެޕޭސިޓީގެ ޓަރމިނަލެކެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އައު ކާގޯ ޓަރމިނަލަކީ އެއަރޕޯޓްގައި މިހާތަނަށް ބޭނުންކުރަމުންދިޔަ 50000 ޓަނުގެ ކެޕޭސިޓީގެ ކާގޯ ޓާމިނަލާއި އަޅާބަލާއިރު 2 ގުނަ ބޮޑު ޓަރމިނަލަކެވެ.
ޓަރމިނަލްގެ ޖާގަ 2 ގުނަ ބޮޑުކުރުމާއެކު، ގަޑިއިރެއްގެ ތެރޭގައި ފްލައިޓްތަކުން މުދާ ކްލިއަރކުރާ މިންވަރުވެސް އިތުރުވެގެންދާނެއެވެ. އެގޮތުން ކުރިން ގަޑިއިރެއްގެ ތެރޭގައި 12 ފްލައިޓުގެ މުދާ ހޭންޑްލްކުރެވުނު ނަމަވެސް، މިހާރު އެއަދަދު ވަނީ ގަޑިއިރެއްގެ ތެރޭގައި 36 ފްލައިޓަށް އިތުރުވެފައެވެ. އެހެންކަމުން މިއީ ކުރިއާ އަޅާބަލާއިރު 3 ގުނަ އިތުރުވުމެކެވެ.
2018 ވަނަ އަހަރު ފެށި އައު ކާގޯ ޓަރމިނަލްގެ މަސައްކަތް ނިންމާލުމަށްފަހު އެތަން ރަސްމީކޮށް ހުޅުވާފައިވާއިރު، އަލަށް ހުޅުވި ކާގޯ ޓާމިނަލްގައި މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް 3 ބުރީގެ އޮފީސް އިމާރާތެއް ވަނީ ހަދާފައެވެ. މި އޮފީސް ޢިމާރާތުގައި އެއަރލައިން ކާގޯ އަދި ކާގޯ ބްރޯކަރުނަށް ޙާއްސަ 55 އޮފީސް ވަނީ ގާއިމުކޮށްފައެވެ. އާ ކާގޯ ޓާމިނަލާއިއެކު ޓާމިނަލުގެ މަސައްކަތްތަކުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ.
ކުރިން ބޭނުންކުރަމުންދިޔަ ޓާމިނަލުގައި 5 އެކްސްރޭ މެޝިން ހުރިނަމަވެސް އައު ޓާމިނަލުގައި 9 މެޝިން ވަނީ ބަހައްޓާފައެވެ. ކުރީގެ ޓަރމިނަލްގައި 2 އިލެކްޓްރޯނިކް ޕްލެޓްފޯމް ހުރިނަމަވެސް އައު ޓަރމިނަލްގައި 7 އިލެކްޓްރޯނިކް ޕްލެޓްފޯމް ހުންނާނެއެވެ.
އެމްއޭސީއެލްއިން ބުނީ އައު ޓާމިނަލްގައި އެކްސްޕޯޓް ލޯޑިންގ ޕްލެޓްފޯމްތައް ގާއިމްކޮށް، ކާގޯ ލިފްޓާސްވެސް ހަރުކުރާނެކަމަށެވެ. އަދި ކާގޯގެ ހިދުމަތް ފުޅާކޮށް ތަރައްޤީ ކުރެވިގެންދާއިރު ޓާމިނަލް ތެރޭގައި ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭ އިލެކްޓްރޯނިކް އުޅަނދުތައްވެސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައު ޓަރމިނަލާއެކު މުދާތައް ކަނޑުމަގުން ގެންދާ ދޯނިތަކަށް ބަރުކުރުމަށް ހާއްސަ ކާގޯ ހާބަރެއް ނުވަތަ ބަނދަރެއް ވަނީ ހަދާފައެވެ. އަދި އެ ސަރަހައްދުގައި 4 ކްރޭން ވަނީ ބަހައްޓާފައެވެ. މީގެ ސަބަބުން ކަނޑުމަގުން ގެންދާ އަދި ގެންނަ މުދާ އަރުވާ ބޭލުމުގައި އިތުރު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.