ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީން ކުރިއަށް އޮތް ޢާންމު އިންތިޚާބުގެ ކެމްޕޭން ފަށައިފިއެވެ. ކެމްޕޭން ފެށުމާ އެކު، އޭނާގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެން) ޕާޓީއަށް ވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވާން ފަށާފައެވެ. އެއީ ޕީއެމްއެލްއެނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގެ ތުހުމަތެވެ.
މިއާއެކު ޕީއެމްއެލްއެނުން އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވެން ވަނީ ފަށާފައެވެ. ޕާކިސްތާނުގެ ޢާންމު އިންތިޚާބު ބާއްވަން ކުރިން ހަމަޖެހިފައި އޮތީ ހުސްވި އަހަރުގެ ނޮވެންބަރު މަހުއެވެ. ނަމަވެސް، އެކި ސަބުބުތަކާ ގުޅިގެން އިންތިޚާބު ވަނީ އަންނަ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހަށް ފަސް ކޮށްފައެވެ. ޝަރީފްގެ ޕާޓީގެ ކެމްޕޭން ރަސްމީކޮށް ފައްޓަވައިދެއްވާފައި ވަނީ އޭނާގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފެވެ. ޝަރީފަށް ފަހު ޕާޓީ ހިންގުމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އޭނާގެ ދަރިކަނބަލުން ކަމަށް ބެލެވެއެވެ.
"ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކުރެވޭނީ މި ޕާޓީއަށް ވޯޓު ދީގެން. ވޯޓު ދޭ މީހުންގެ ޢަދަދާ އެއްވަރަށް ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކުރެވިގެންދާ ތަން ފެންނާނެ،" ޕުންޖާބް ޕުރޮވިންސުގެ އޮކަރާގައި ބޭއްވި ކެމްޕޭން އެއްވުމަށްގައި މަރްޔަމް ނަވާޒް ޝަރީފް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ ތަކެތީގެ އަގުތައް އުފުލުމުގެ މައްސަލައަށެވެ.
ޝަރީފްގެ ޕާޓީއަށް އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅުގައި އޭނާއަށް އިންތިޚާބުގައި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއާއެވެ. ނަމަވެސް، ޚާންގެ ޕާޓީއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެއް ސަބަބަކީ ޕާކިސްތާންގެ އަސްކަރިއްޔާއާ އެ ޕާޓީއާ ދެމެދު އޮތް ހަތުރުވެރިކަމެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ޝަރީފްގެ ޕާޓީއަށް ތާޢީދު ކުރަން ނިންމާފައި ވަނީ، 71 އަހަރުގެ ޚާންއާ ދެމެދު ޖެހިފައިވާ މައްސަލަތަކުގެ ސަބަބުންނެވެ. އަދި، ސަރުކާރުގެ އިދާރާތަކާއި މުވައްސަސާތަކަށް ބާރާއި ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރެވޭ އަސްކަރިއްޔާގެ އިސް ޖެނެރަލުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު އިންތިޚާބު ކާމިޔާބު ކުރުމަށް ނަވާޒްގެ ޕާޓީއަށް ފަސޭހަ ވެގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އެއީ އަސްކަރިއްޔާއިން ދޮގު ކުރާ ތުހުމަތުތަކެކެވެ.
އަރުވައިލެވިގެން ހުންނެވުމަށް ފަހު 74 އަހަރުގެ ޝަރީފް އެނބުރި ޕާކިސްތާނަށް ވަޑައިގަންނަވާފައި ވަނީ ހުސްވި އަހަރުގެ ތެރޭގައެވެ. އާންމު އިންތިޚާނުގެ ކޭމްޕޭނަށް އޭނާ ހުށަހަޅުއްވާފައިވާ އެންެމެ ބޮޑު އެއް ވަޢުދަކީ، ޕާކިސްތާނުގެ 350 ބިލިޔަން އެމެރިކާ ޑޮލަރުގެ އިޤުތިޞާދު އަލުން އާރާސްތު ކުރުމެވެ.
ޝަރީފްގެ ޕީ.އެމް.އެލް.އެނާއި ޚާންގެ ޕީޓީއައިގެ އިތުރުން ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ން ވެސް ވަނީ ކުރިއަށް އޮތް ޢާންމު އިންތިޚާބުގެ ކެމްޕޭން ފަށާފައެވެ. ނަމަވެސް، މިހާތަނަށް ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެ ޕާޓީއަށް ކުރިއެރުންތަކެއް ހޯދޭ މަންޒަރު ފެންނާކަށް ނެތެވެ.
ޕާޓީތަކުން އިންތިޚާބުގެ ކެމްޕޭން ފަށާފައިވީ ނަމަވެސް، ޚާންގެ ޕީޓީއައިން ބުނީ ކެމްޕޭން ކުރުމަށް އަސްކަރިއްޔާއިން ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމުގައެވެ. އަދި، އެ ޕާޓީއަށް ކެމްޕޭން ކުރުމުގެ ފުރުޞަތު ގެއްލުވައިލާފައިވާ ކަމުގައެވެ. 2018 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބު ޕީ.ޓީ.އައިން ކާމިޔާބު ކޮށްފައި ވަނީ އަސްކަރިއްޔާގެ އެއްބާރުލުމާ އެކުގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް، ޕާކިސްތާންގެ ސަރުކާރުން އެ ޕާޓީގެ ކެނޑިޑޭޓުންނަށް ހުރަސް އަޅައި، ކެނޑިޑެސީ ބާޠިލު ކުރަމުންދާ ކަމަށް އެ ޕާޓީން ތުހުމަތު ކުރެއެވެ.