ޚަބަރު

ކުރީގެ މެންބަރ ނާޒިމް އެހެން ޤައުމަކަށް ވަޑައިގެންފައިވޭތޯ ބަލަނީ


މަކަރާއި ޙީލަތުގެ ކުށް ސާބިތުވެ 25 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނާޒިމު، ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގަތުމަށް ޓްރެވަލް ޑޮކިއުމެންޓެއް ދޫކުރެއްވިކަމަށާއި އޭނާ އެހެން ޤައުމަކަށް ދަތުރުކުރައްވާފައިވާ ކަމަށް ވާހަކަދެކެވޭތީ އެ މައްސަލަ ބައްލަވަމުން ގެންދަވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ޙަސަން ޚަލީލު ވިދާޅުވީ، އަޙްމަދު ނާޒިމު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކިއުމެންޓެއް ދޫކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން އެދިގެންކަމަށާއި، އެ އިދާރާއިން ދިން ލިޔުމެއްގައި ނާޒިމް އެހެން ޤައުމަކަށް ވަޑައިގެންފައިވާ ކަމަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ދެކެވެނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެހެންނަމަވެސް އެ ފަދަ ވާހަކަ ފެތުރިފައިވާތީ ފޮރިންގ މިނިސްޓްރީއާ ގުޅިވަޑައިގެން އެމައްސަލަ ބައްލަވަމުން ގެންދަވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ވަދެފައިވާކަމަށް ދެކެވޭ ވާހަކަވެސް އެއިދާރާއިން ވަނީ ދޮގުކުރައްވާފައެވެ.

އަޙުމަދު ނާޒިމް އިނގިރޭސިވާތަށް ދިޔަކަމަށް ދެކެވޭ ވާހަކަތައް ކަރެކްޝަނަލް ސަރވިސުން ބަލަމުން ގެންދާކަން އެ އިދާރާއިންވެސް ވަނީ ހާމަކުރައްވާފައެވެ.