ޚަބަރު

"ދެ އަސީރުން ވެސް މަރައިލީ ޔަހޫދީ ފައުޖުން އަމިއްލައަށް"


އޮކްޓޫބަރު 7 ވަނަ ދުވަހު ޙަމާސުން ރަހީނު ކުރި ޔަހޫދީންގެ ތެރެއިން ދެ އަސީރެއްގެ މަރުވެފައިވާ ހަށިގަނޑު ފެންނަ ވީޑިޔޯއެއް ޢާންމު ކުރުމަށްފަހު، އެ ދެ މީހުން ވެސް މަރައިލާފައި ވަނީ ޔަހޫދީ ފައުޖުން ދިން ޙަމަލާތަކެއްގައި ކަމަށް ޙަމާސުން ބުނެފިއެވެ. އެ ދެ މީހުންނަކީ ޖަނަވަރީ 14 ވަނަ ދުވަހު ޙަމާސުން އާންމު ކޮށްފައިވާ ވީޑިޔޯއިން ފެންނަ ތިން މީހުންގެ ތެރެއިން ދެ މީހެކެވެ. އެ ދުވަހު ޙަމާސުން ބުނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާންތައް ހުއްޓައިނުލައިފި ނަމަ، އެ ތިން މީހުން މަރުވެދާނެ ކަމުގައެވެ.

ޙަމާސުން ފަހުން ޢާންމު ކުރި ވީޑިޔޯގައި، މަރުވެފައިވާ ދެ މީހުންގެ ހަށިގަނޑުގެ އިތުރުން ފުރަތަމަ ވީޑިޔޯގައި ފެންނަ ތިންވަނަ މީހާ ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. ވީޑިޔޯގައި އޭނާ ބުނެފައި ވަނީ، އަނެއް ދެ އަސީރުން މަރުވެފައި ވަނީ ޔަހޫދީންގެ ޙަމަލާތަކުގައި ކަމުގައެެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި، އަސީރުން ތިބި ކަމަށް ބެލެވޭ އެއްވެސް ޢިމާރާތަކަށް ޙަމަލާ ދީފައި ނުވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުނެއެވެ.

ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މަރައިލާފައި ވަނީ ޔަހޫދީ ފައުޖުން ބެލުމެއް ނެތި ދެމުންދާ ޙަމަލާތަކުގައި ކަމަށް އެ ޖަމާޢަތުން ބުނަމުންދާ ދަނޑިވަޅެއްގައި އަސީރުންގެ ޢާއިލާތަކުން ވެސް އެ ކަން ގަބޫލު ކުރާ ކަމަށް ބެލެވެއެވެ. އަސީރުންގެ ޢާއިލާތަކުން ބުނަނީ، އެ މީހުން މިނިވަން ކުރަން ޔަހޫދީ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމުގައެވެ. އަދި، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ.

އަސީރުން މިނިވަން ކުރުމުގެ ނަމުގައި ޔަހޫދީ ފައުޖުން ކުރަމުންދާ ހަރުދަނާ އެއްވެސް މަސައްކަތެއްގެ މަޢުލޫމާތު އަސީރުންގެ ޢާއިލާތަކާ ހިއްސާ ކޮށްފައި ނުވާ ކަމުގައި ވެސް، އެ މީހުންގެ ޢާއިލާތަކުގެ ތެރެއިން މީޑިޔާއާ ވާހަކަ ދައްކާފައިވާ މީހުން ބުނެފައިވެއެވެ. އަދި، އަސީރުންގެ ޢާއިލާތަކުން ދަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމަށް ފަހު، އަސީރުންތައް މިނިވަން ކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގޮވައިލަމުންނެވެ. މި ކަމަށް ގޮަވައިލާ އަސީރުންގެ ޢާއިލާތަކުން ގުޅިގެން ތެލް އަވީވުގެ މަގުތަކުގައި މިހާރު ދަނީ އެއްވުމަށް ބާއްވަމުންނެވެ.

ނަމަވެސް، ޔަހޫދީ ސަރުކާރުން އެ މީހުންގެ އާދޭހަށް ދީފައި ވަނީ ބީރު ކަންފަތެކެވެ. އަދި، ޢުދުވާން ހުއްޓައިލުމަށް މުޅި ދުނިޔެއިން ގޮވަމުންދާ އަޑެއް ވެސް ޔަހޫދީ ފައުޖަކަށް އަދި ސަރުކާރަކަށް ނީވެއެވެ. އަދި، ތިން އަސީރުންގެ ވީޑިޔޯ ޙަމާސުން އާންމު ކުރުމާ އެކު، ޔަހޫދީ ފައުޖުގެ ޢުދުވާންތައް އެތަކެއް ގުނައަކަށް ވަރުގަދަ ކޮށްފައިވާ ކަމުގައި ޣައްޒާގެ ރައްޔިތުން ބުނެއެވެ.

އިރުއޮއްސުމާ އެކު، ޔަހޫދީ އަސްކަރީ މަތިންދާބޯޓުތަކުން ބޮން އެޅުން އިތުރު ކޮށްފައިވާ ކަމުގައި އެ މީހުން ބުންޏެވެ. އަދި، ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ބޭނުން ކޮށްގެން ޣައްޒާގެ ރަށްތަކަށް ދެމުންދިޔަ ޙަމަލަތައް އިތުރު ކޮށްފައިވާ ކަމުގައި ވެސް އެ މީހުން ބުންޏެވެ.

ޔަހޫދީންގެ އެންމެ ވަރުގަދަ ޙަމަލަތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރަޔިޖް ރެފިއުޖީ ކޭމްޕަށެވެ. މީގެ ތެރެއިން އެއް ޙަމަލާގައި ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމުވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނެއެވެ. އަދި، އުތުރުގައި އޮންނަ ޣައްޒާ ސިޓީގެ ތަލް އަލް-ޙަވާއަށް ދިން ޙަމަލައެއްގައި ދެ މީހުން ޝަހީދުވި ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ.

އަދި، ޣައްޒާގައި އެންމެ އުތުރުގައި އޮންނަ ރަފަޙަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮން އަޅާފައެވެ. އެއީ، ގެދޮރު ނެތިފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކު މި ވަގުތު ދިރިއުޅެމުންދާ ރަށެކެވެ. އެ ރަށުގައި ހުންނަ އާންމުންގެ ގެއަކަށް ބޮންއަޅައި، ޔަހޫދީ ފައުޖުން ވަނީ އެ ގޭގައި ދިރިއުޅޭ ޢާއިލާގެ 12 މެންބަރުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލަތަކުގައި ފަލަސްޠީނުގެ 158 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. މިއާ އެކު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މި ވަނީ 24,285 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 61,154 އަށް އަރާފައެވެ.