ޚަބަރު

ޢިރާޤާއެކު ސަލާމަތީ ގުޅުން ބަދަހިކުރުމަށް އެމެރިކާއިން ހުށަހަޅައިފި


ޢިރާޤުގެ އުތުރުގައި އޮންނަ އިރްބީލަށް އީރާނުން ދިން ޙަމަލާތަކާ ގުޅިގެން ސަލާމަތީ ގޮތުން އިތުރަށް އެއްބާރުލުން ދިނުމަށް އެމެރިކާއިން ޢިރާޤުގެ ސަރުކާރަށް ހުށަހަޅައިފިއެވެ.

އެމެރިކާއިން އެ ގޮތަށް ހުށަހެޅީ އެ ޤައުމުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޢާ އަލް ސުދާނީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދެ ބޭފުޅުން ބައްދަލުކުރައްވައިފައި ވަނީ ސުވިޓްޒަލޭންޑުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އިޤްޠިޞާދާ ބެހޭ ފޯރަމުގެ ތެރެއިންނެވެ. އީރާނުން ޢިރާޤަށް ދިން ޙަމަލާ އެމެރިކާއިން ވަނީ ކުށްވެރިކޮށްފައެވެ.

އެ ބައްދަލުކުރެއްވުމުގައި ޢިރާޤާއި ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް ދޭ ޙަމަލާތައް ހުއްޓުވުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ދަމަހައްޓައި ޢިރާޤަށް ފޯރުކޮށްދެމުންދާ ސަލާމަތީ އެއްބާރުލުން އެމެރިކާއިން އިތުރުކުރާނެ ކަމަށް ވެސް ސަލިވަން ވިދާޅުވިއެވެ.

ޢިރާޤުގައި ހުންނަ ޔަހޫދީންގެ ޖާސޫސީ އިދާރާ މޮސާދުގެ މައި މަރުކަޒަށް އީރާނުން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައި ވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢިރާޤުގެ އުތުރުގައި އޮންނަ ކުރްދިސްތާން ސަރަޙައްދުގެ ވެރިރަށް އިރްބީލުގައި ހުންނަ ޢިމާރާތަކަށެވެ. އެ ސަރަޙައްދަށް ބޮން އެޅުމުން ޢިރާޤުން ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ތެހެރާނުގައި ހުންނަވާ ޢިރާޤުގެ ސަފީރު އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ޢިރާޤުގެ ކުރުދީންގެ ބޮޑުވަޒީރު މަސްރޫރު ބަރަޛާނީ ވެސް ވަނީ އީރާނުގެ ޙަމަލާތައް ކުށްވެރި ކުރައްވައިފައެވެ.