ޚަބަރު

ޗައިނާގެ އާބާދީ އަނެއްކާވެސް ދަށަށް


ޗައިނާގެ އާބާދީގެ ނިޞްބަތް ވިދިވިދިގެން ދެވަނަ އަހަރު ދަށަށް ހިނގައްޖެއެވެ.

ޗައިނާގެ ސަރުކާރުން ބުނެފައިވަނީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ޤައުމުގެ އާބާދީ ވަނީ ފާއިތުވި 2023 ވަނަ އަހަރުގެ ތެރޭގައި %0.15 ދަށަށް ގޮސްފައެވެ. އެއީ 2.08 މިލިއަން މީހުންގެ މަދުވުމެކެވެ. އެއާއެކު ޗައިނާގެ އާބާދީއަކީ މިހާރު 1.409 ބިލިއަން މީހުންނެވެ. އޭގެ ކުރީ އަހަރު ކަމުގައިވާ 2022 ވަނަ އަހަރުގެ ތެރޭގައި 850،000 މީހުން ވަނީ ޗައިނާގެ އާބާދީން މަދުވެފައެވެ. އެއީ 1961 ވަނަ އަހަރު އެ ޤައުމަށް ކުރިމަތިވި ބޮޑު ތަދަށް ފަހު އެ ޤައުމުގެ އާބާދީ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޗައިނާގެ އާބާދީ ދަށަށް ދާން މެދުވެރިވި މައިގަނޑު ސަބަބެއް ކަމުގައި އެ ޤައުމުގެ ސަރުކާރުން ފާހަގަކޮށްފައި ވަނީ ކޯވިޑް-19އެވެ. އެ ގޮތުން އެ ޤައުމުގައި އަލާފައިވާ ކޯވިޑް-19ގެ ފިޔަވަޅުތައް ތިން އަހަރަށް ފަހު ލުއިކުރުމުން އެ ޤައުމުގައި އަލުން ބަލިމަޑުކަން ފެތުރުނެވެ. އެ ޤައުމުގައި މިދިޔަ އަހަރު ކޯވިޑް-19 ޖެހިގެން 11.1 މިލިއަން މީހުން މަރުވިއެވެ. އެއީ 1974 ވަނަ އަހަރުގެ ފަހުން އެ ޤައުމުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވި އަހަރެވެ.

އޭގެ އިތުރުން ޗައިނާގެ ސަރުކާރުން ފާހަގަކޮށްފައިވާ ގޮތުގައި އެ ޤައުމުގައި ކުދިން ވިހައި ނިޞްބަތް ވެސް ވަނީ ދަށަށް ގޮސްފައެވެ. އެ ގޮތުން މިދިޔަ އަހަރު އެ ޤައުމުގައި ވިހައިފައި ވަނީ 9.02 މިލިއަން ކުދިންނެވެ. އެއީ %5.7ގެ ދަށްވުމެކެވެ. އަދި އެއީ އެ ޤައުމުގެ ކޮންމެ 1،000 މީހަކަށް 6.39 ކުދިންނެވެ. އޭގެ ކުރީ އަހަރު އެ ނިޞްބަތް ހުރީ ކޮންމެ 1،000 މީހަކަށް 6.77ގައެވެ.

ޗައިނާގެ އާބާދީ ދަށަށް ދާން ފެށި އެއް ސަބަބަކީ 1980 ވަނަ އަހަރުން 2015 ވަނަ އަހަރަށް އެ ޤައުމުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ހިންގި ޕްރޮގްރާމެވެ. އޭގެ އިތުރުން އެ ޤައުމުގެ އިޤްތިޞާދު ފައްކާވެ ރަށްފުށުގެ ސަރަޙައްދުތަކުން ބޮޑެތި ސިޓީތަކަށް ގިނަ ބަޔަކު ބަދަލުވުން ވެސް ވެގެން ދިޔައީ އާބާދީ ދަށަށް ދާން ފެށީ ސަބަބެކެވެ. އެއީ ސިޓީތަކުގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަކީ މިހާރު އިންޑިޔާއެވެ.