ޚަބަރު

އުތުރު ކޮރެޔާއިން އައު ވައްތަރެއްގެ ހައިޕަސޮނިކް މިސައިލެއް ތަޖުރިބާކޮށްފި


އުތުރު ކޮރެޔާއިން އަނެއްކާ ވެސް އަޑަށްވުރެ ހަލުވިކޮށް ދަތުރުކުރާ ހައިޕަސޮނިކް މިސައިލެއް ތަޖުރިބާ ކޮށްފިއެވެ.

އުތުރު ކޮރެޔާގެ ދަޢުލަތު މީޑިޔާ ކަމުގައިވާ ކޭސީއެންއޭން ބުނީ އެ ޤައުމުގެ އަސްކަރިއްޔާއިން އަޖުމަ ބަލާފައި ވަނީ ސޮލިޑް ފިޔުލް ބޭނުންކޮށްގެން ދަތުރު ކުރާ ހައިޕަސޮނިކް މިސައިލެއް ކަމުގައެވެ. އެމެރިކާއާއި ދެކުނު ކޮރެޔާގެ އިތުރުން ޖަޕާނުން ވެސް ވަނީ އެ ޢަމަލު ކުށްވެރި ކޮށްފައެވެ.

ކޭސީއެންއޭން ބުނީ މިސައިލް ތަޖުރިބާގެ ބޭނުމަކީ އެ ޤައުމުން އަލަށް އީޖާދު ކޮށްފައިވާ ސޮލިޑް ފިޔުލް އިންޖީނުގެ ކުޅަދާނަކަން ދެނެގަތުން ކަމުގައެވެ. އަދި މިސައިލް ތަޖުރިބާކުރުމުން އަވައްޓެރި އެއްވެސް ޤައުމެއްގެ ސަލާމަތަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް ކޭސީއެންއޭން ބުންޏެވެ.

ދެކުނު ކޮރެޔާއިން ވަނީ އުތުރު ކޮރެޔާގެ މިސައިލް ތަޖުރިބާ ވަރަށް ގާތުން ބަލާފައެވެ. އެ ގޮތުން އެ މިސައިލް ދަތުރު ކޮށްފައި ވަނީ ދެކުނު ކޮރެޔާގެ އިރުމަތީ އައްސޭރިފަށުން 1,000 ކިލޯމީޓަރު ދުރުން ކަމުގައި އެ ޤައުމުން ބުންޏެވެ. ޖަޕާނުގެ ދިފާޢީ ވުޒާރާއިން ބުނީ އުތުރު ކޮރެޔާގެ މިސައިލް ދަތުރު ކޮށްފައި ވަނީ 50 ކިލޯމީޓަރު އުހުން ކަމުގައެވެ.
ހައިޕަސޮނިކް މިސައިލަކީ އަޑަށްވުރެ ފަސް ގުނަ ހަލުވި ދުވެއްޔެގައި ދަތުރު ކުރުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. އެއީ ގާތްގަނޑަކަށް ގަޑިއަކު 6,200 ކިލޯމީޓަރުގެ ބާރުމިނުގެ ދުވެއްޔެކެވެ.

އުތުރު ކޮރެޔާއިން ކުރާ ކޮންމެ މިސައިލް ތަޖުރިބާއަކާ ގުޅިގެން އެންމެ ފުރަތަމަ ތުހުމަތުގެ އިނގިލި ދިއްކުރާ ޤައުމަކީ ދެކުނު ކޮރެޔާއެވެ. ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކޮށްފައި ވަނީ ހަދާފައި އދގެ ސަލާމަތީ މަޖިލީހުން ފާސް ކޮށްފައިވާ ޤަރާރުތަކާ ޚިލާފަށް ކަމުގައެވެ. އަދި އެ ފަދަ ޢަމަލުތައް ހިންގައިގެން ދެކުނު ކޮރެޔާގެ ސަލާމަތަށް ނުރައްކާ ކުރަމުންދާނަމަ ރައްދުގައި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ވެސް ދެކުނު ކޮރެޔާއިން ދީފައިވެއެވެ.

އެއީ އުތުރު ކޮރެޔާއިން މި އަހަރުގެ ތެރޭގައި ބެލިސްޓިކް މިސައިލެއްގެ އަޖުމަ ބެލި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެ ކަމާ ގުޅިގެން ދެކުނު ކޮރެޔާއާއި އެމެރިކާގެ އިތުރުން ޖަޕާނުން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. އެ މަޝްވަރާތަކަށް ފަހު އެ ތިން ޤައުމުން ބުނީ ކޮރެޔާ ސަރަޙައްދުގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އުތުރު ކޮރެޔާ ކަމުގައެވެ.

އުތުރު ކޮރެޔާއިން މިސައިލެއް ތަޖުރިބާކޮށްފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ރަޝިޔާއަށް ދަތުރުފުޅެއް ފެއްޓެވުމާ ދިމާކޮށެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު ރަޝިޔާއަށް ވަޑައިގަންނަވާފައި ވަނީ ދެ ކޮރެޔާގެ ދެމެދުގައި މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި، ދެކުނަކީ އުތުރު ކޮރެޔާގެ ދަޢުލަތުގެ އެންމެ ބޮޑު ދުޝްމަނު ކަމުގައި އުތުރު ކޮރެޔާގެ ޒައީމް އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ވިދާޅުވީ އުތުރު ކޮރެޔާއާ އެކު ސުލްޙަވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. އެއީ ދެކުނު ކޮރެޔާއަށް ނިއުކްލިޔަރ ޙަމަލާއެއް ދިނުމަށް އުތުރަށް ދެއްކިދާނެ ބަހަނާއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އުތުރު ކޮރެޔާއިން ދެކޭ ގޮތުގައި ކޮރެޔާ ސަރަޙައްދުގެ ސަލާމަތަށް ނުރައްކާވެފައި ވަނީ ދެކުނު ކޮރެޔާގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެ ގޮތުން، އެމެރިކާއާ ގުޅިގެން ދެކުނު ކޮރެޔާއިން އަސްކަރީ ތަމްރީނުތައް ހިންގުމަކީ ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އުތުރު ކޮރެޔާއިން ގަބޫލު ކުރެއެވެ.