ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
މި މިސްކިތުގެ މަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީންނެވެ.
އެޗްޑީސީން ބުނީ ރޯދަމަހާއި ދިމާކޮށް ހުޅުމާލޭގައި ހަދާ ވަގުތީ މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށެވެ. އަދި މި މިސްކިތަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އިތުރުވުމާއި ގުޅިގެން، އެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ގެނެސްދިނުމަށް ހަދަމުންދާ މިސްކިތެއްކަމަށް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީން ބުނީ ވަގުތީ މިސްކިތް ހަދަނީ ހިޔާ ސަރަޙައްދުގައި ކުޑަކުދިންގެ ޕާކު ހަދާފައިވާ ސަރަޙައްދުގައި އޮތް ހުސްބިމެއްގައިކަމަށެވެ. އަދި ރޯދައިގެ ކުރިން މިސްކިތުގެ މަސައްކަތް ނިންމާލުމަށްފަހު، ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ބުނެއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް މިކުންފުނިން މިދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ. އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިކޮށް ހަދަމުންދާ… pic.twitter.com/ernY32PT4v
— Urbanco (@hdcmaldives) January 17, 2024
އެހެން މަސްމަހާއި ޚިލާފަށް، ރަމަޞާންމަހުގެ ތަރާވީޚް ނަމާދާއި ގުޅިގެން ފިރިހެނުންގެ އިތުރުން ގިނަ ޢަދަދެއްގެ އަންހެނުންވެސް މިސްކިތްތަކަށް ނަމާދަށް ދެއެވެ. އެގޮތުން ވަގުތީ މިސްކިތްތައް ހަދާފައި ހުންނަނީ، އަންހެނުންނަށްވެސް ނަމާދުގައި ބައިވެރިވެވޭނެ ޖާގައާއި، އިންތިޒާމްތަކާއެކުއެވެ.
މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކުރާ 3 ވަނަ ވަނަ ވަގުތީ މިސްކިތެވެ. ވަގުތީ މިސްކިތްތަކުގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތް ބިނާކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.