ޚަބަރު

ޙޫޘީންނަކީ ނިރުބަވެރިން ކަމަށް ކަނޑައަޅައި އެމެރިކާއިން ވަރުގަދަ ޙަމަލާތަކެއް ދީފި


ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީ ޖަމާޢަތަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ. އެއީ ހޫޘީންގެ އަމާޒުތަކަށް ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން ވައިގެ ޙަމަލާތަކެއް ދިން ހަތަރު ވަނަ ފަހަރެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބެލިސްޓިކް މިސައިލްތަކެއް ހުރި ތަނަކަށް ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.

އެމެރިިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ވައިގެ ޙަމަލާތަކުގައި ހޫޘީންގެ 14 ބެލިސްޓިކް މިސައިލެއް ނައްތައިލާފައިވާނެ ކަމުގައެވެ. އަދި އެ މިސައިލްތަކަށް ޙަމަލާދީފައި ވަނީ ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގުބޯޓުފަހަރާއި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދިނުމަށް މިސައިލްތައް ތައްޔާރު ކުރަމުންދިޔަ ވަޤުތު ކަމަށް ސެންޓްރަލް ކޮމާންޑުން ބުންޏެވެ.

ހޫޘީންގެ މިސައިލްތަކަށް ޙަމަލާ ދިނުމުގެ ބޭނުމަކީ ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރަށް އެ ޖަމާޢަތުން ދެމުންދާ ޙަމަލާތަކަށް ހުރަސް އެޅުން ކަމަށާއި 14 ބެލިސްޓިކް މިސައިލް ނައްތައިލުމުން ހޫޘީންނަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުންޏެވެ. އަދި ރަތް ކަނޑުގެ އިތުރުން ބާބް އަލް-މަންދަބީ ކަނޑާއި ޢަދަން ކަނޑުގައި ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ހޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި އެމެރިކާއިން ބުނެއެވެ.

ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރަމުން ދިޔަ ގްރީސްގެ އުޅަނދަކަށް ވެސް ދާދިފަހުން ހޫޘީން ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގެ ރައްދުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަމަނަށް ބޮން އަޅާފައެވެ. އެ ޙަމަލާތައް ވެސް އަމާޒު ކޮށްފައި ވަނީ ބެލިސްޓިކް މިސައިލް އުދުއްސައިލުމަށް ތައްޔާރު ކޮށްފައިވާ ލޯންޗް ސައިޓުތަކަށް ކަމުގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެއެވެ.

ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީ ފައުޖުން އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމުންނެވެ. ޙަމަލާތައް ދީފައި ވާނީ ޔަހޫދީންނާ ގުޅުންހުރި މުދާ އުފުލާ އުޅަނދުފަހަރަށް ކަމުގައި ހޫޘީން ބުނެއެވެ.

ޙޫޓީންގެ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުން މުދާ އުފުލާ އުޅަނދުފަހަރުތައް ހިންގާ ކުންފުނިތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެފައެވެ. ހޫޘީީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފައެވެ. އެ ކަމާ ގުޅިގެން، އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައެވެ.

ހޫޘީންނަށް މާލީ ގޮތުން ދަތިކުރުމުގެ ގޮތުން އެމެރިކާއިން ވަނީ އެއީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އަލުން ކަނޑައަޅާފައެވެ. އެމެރިކާއިން އެކުލަވައިލާފައިވާ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން ހޫޘީން އުނިކޮށްފައި ވަނީ 2021 ވަނަ އަހަރުއެވެ. އެ ކަން ކޮށްފައި ވަނީ މިހާރުގެ ރައީސް ޖޯ ބައިޑަންކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ހޫޘީންގެ ޢަމަލުތަކުގެ ސަބަބުން ޔަހޫދީންނަށް އިޤްތިޞާދީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެ ކަމުގެ އަސަރު އެމެރިކާގެ އިޤުތިޞާދަށް ވެސް ކުރާނެ ކަމުގައި މާހިރުން ބުނެއެވެ. ސްވިޓްޒަލެންޑުގެ ޑާވޯސްގައި ކުރިއަށްދާ ދުނިޔޭގެ އިޤުތިޞާދީ ފޯރަމްގައި ބައިވެރިވި ބައިނަލްއަޤުވާމީ ދެ ބޭންކަކުން ވަނީ ހޫޘީންގެ ޙަމަލާތަކުގެ ސަބަބުން އެމެރިކާގެ ތަކެތީގެ އަގުތަކަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމުގައި ބުނެފައެވެ. އެއާއެކު އިންޓްރެސްޓް ރޭޓު ދަށްކުރަން އެމެރިކާއިން ނިންމާފައިވާ ނިންމުންތައް މުރާޖަޢާ ކުރަން ޖެހުން އެކަށީގެންވެއެވެ.

ހޫޘީންގެ ޙަމަލާތަކާ ގުޅިގެން ރަތް ކަނޑުގެ ދަތުރުފަތުރަށް ހުރަސް އެޅި އެ ކަމުގެ އަސަރު ވިލާތުގެ ޤައުމުތަކުގެ އިޤުތިޞާދުތަކަށް ކުރާނެ ކަމަށް ވެސް ބެލެވެއެވެ. ދުބާއީގައި ހިންގާ މުދާ އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ކަމުގައިވާ ޑީޕީ ވޯލްޑްގެ އިސްވެރިއެއް ކަމުގައިވާ ޔުވްރާޖް ނާރަޔަން ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ވިލާތުގެ ޤައުމުތަކަށް މުދާ އެތެރެ ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވޭ ކަމުގައެވެ.

"އޭޝިޔާގެ ޤައުމުތަކުން ވިލާތުގެ ޤައުމުތަކަށް އެތެރެކުރާ މުދަލުގެ އަގުތައް އުފުލިގެންދާނެ. މި ކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ވިލާތުގެ ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް. ކުރިއަރަމުންދާ ޤައުމުތަކަށް ވުރެ ބޮޑަށް ކުރިއަރާފައިވާ ޤައުމުތަކުގެ އިޤުތިޞާދުތަކަށް މި ކަމުގެ ސަބަބުން ލޮޅުން އަރާނެ،" ނާރަޔަން ވިދާޅުވިއެވެ.

އެ ކަމުގެ އަސަރުތައް ވިލާތުގެ ޤައުމުތަކުގެ އިޤުތިޞާދުތަކަށް ކުރަން ފަށާފައިވާ ކަމުގެ ނިޝާންތައް މިހާރު ވެސް ވަނީ ފެންމަތި ވާން ފަށާފައެވެ. އެ ގޮތުން، ފަރަންސޭސިވިލާތުގެ ޓަޔަރު އުފައްދާ ކުންފުންޏެއް ކަމުގައިވާ މިޝެލިނުން ސްޕެއިންގައި ހިންގާ ހަތަރު ކާރުޚާނާއެއްގެ މަސައްކަތްތައް ހުއްޓައިލައި އެ ތަންތަން ބަންދު ކުރަން ވަނީ ނިންމާފައެވެ.