ޚަބަރު

އިނގިރޭސި ރަސްގެފާނު ޞިއްޙީ ފަރުވާއަށް އެޑްމިޓު ކުރަނީ


އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ، ޕްރޮސްޓޭޓުގެ ފަރުވާއަކަށް ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ހަމަޖެހިފައިވާކަން ހާމަވެއްޖެއެވެ. އިނގޭރިސިވިލާތުގެ ޝާހީ ގަނޑުވަރު ކަމުގައިވާ ބަކިންގްހަމް ޕެލެސްސުން ބުނީ ރަސްގެފާނު ޗާލްސްގެ ޕްރޮސްޓޭޓް ދުޅަވެފައިވާ ކަމަށާއި، އެ ކަމަށް ފަރުވާ ހޯދުމަށް އަންނަ ހަފުތާގައި ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ހަމަޖެހިފައިވާ ކަމުގައެވެ.

އެ ކަމާ ގުޅިގެން، ރަސްމީ މަސައްކަތްޕުޅާ ރަސްގެފާނު ވަޤުތީ ގޮތުން ދުރުވެވަޑައިގަންނަވާނެއެވެ. ނަމަވެސް، އޭނާއަށް ކުރިމަތިވެފައި ވަނީ ސީރިޔަސް ޞިއްޙީ މައްސަލައެއް ނޫން ކަމުގައި ޝާހީ ގަނޑުވަރުން ބުނެއެވެ. އަދި، އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ޙާލަތެއް މެދުވެރިވެފައި ނުވާ ކަމުގައި ވެސް ގަނޑުވަރުން ބުނެއެވެ.

"ކޮންމެ އަހަރަކު ވެސް އެތަކެއް ހާސް ފިރިހެނުންނަކަށް ކުރިމަތިވާ ޢާންމު މައްސަލައެއް ކަމުގައިވާ ޕްރޮސްޓޭޓް ދުޅަވުމުގެ މައްސަލައަށް ރަސްގެފާނު ގެންދަވަނީ ފަރުވާ ހޯއްދަވަމުން،" އެ ކަމާ ގުޅޭ ގޮތުން ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޞިއްޙީ ފަރުވާއާ ބެހޭ ވެބްސައިޓްތަކުން ބުނާ ގޮތުގައި ޕްރޮސްޓޭޓް ދުޅަވުމުގެ މައްސަލައަކީ އުމުރުން 50 އަހަރުން މަތީގެ ފިރިހެނުންގެ މެދުގައި ޢާންމު މައްސަލައެކެވެ. އެއީ ސީރިޔަސް މައްސަލައެއް ނޫން ކަމުގައި ވެސް ވެބްސައިޓްތަކުގައި ބުނެފައިވެއެވެ. އަދި، މ
އެއީ ޕްރޮސްޓޭޓަށް ޖެހޭ ކެންސަރަށް މަގުފަހި ކުރުވާ މައްސަލައެއް ނޫން ކަމުގައި ވެސް ޞިއްޙީ މާހިރުން ބުނެއެވެ.

ޕްރޮސްޓޭޓް ދުޅަވުމުގެ މައްސަލައަށް ފަރުވާ ދިނުމަށް ރަސްގެފާނު ޗާލްސް އެޑްމިޓުކުރަން ނިންމާފައިވާކަން އިނގިރޭސި ޝާހީ ގަނޑުވަރުން ހާމަކޮށްފައި ވަނީ އިނގިރޭސި ވަލީއަޙުދު ވިލިޔަމްގެ އަނބިކަނބަލުން ޕްރިންސަސް އޮފް ވެލްސް ކެތެރިން މިޑްލްޓަނަށް ވެސް ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެ، ފަރުވާ ހޯއްދަވަމުން ގެންދަވާކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ކަމަނާގެ ބަނޑުގެ ސަރޖަރީއެއް ދާދިފަހުން ހަދާފައިވެއެވެ. ޢަދިވެސް އެ ކަމަނާ އޮންނެވީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައެވެ.