ޚަބަރު

ބަދަލުހިފަން ޕާކިސްތާނުން އީރާނަށް ޙަމަލާ ދީފި


ބަދަލުހިފުމުގެ ނިޔަތުގައި އީރާނާ ދެކޮޅަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އީރާނަށް އަމާޒުކޮށް ޕާކިސްތާނުން ޙަމަލާ ދީފައި ވަނީ އެ ޤައުމުގައި ޙަރަކާތްތެރިވާ ޖައިޝް އަލް އަދްލް ނަމަކަށް ކިޔާ ޖަމާޢަތެއްގެ މަރުކަޒުތަކަކަށް އީރާނުގެ އިންޤިލާބީ ލަޝްކަރުން ޙަމަލާ ދިނުމުން ދެ ޤައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން އީރާނުގެ އަވަށަކަށް ޙަމަލާ ދީފައި ވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެންނެވެ. އެ ޙަމަލާތަކުގައި ހަތަރު ކުޑަކުދިންނާއި ތިން އަންހެނުންނެވެ. އެ ޙަމަލާއާ ގުޅޭ ގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާއިން ޙަމަލާ ދީފައި ވަނީ އީރާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ކަމަށެވެ. އަދި އެ ޙަމަލާގައި ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ޙަމަލާ ދިނުމުގެ ކުރިން ޕާކިސްތާނުން ވަނީ އެ ޤައުމުގައި ހުންނަ އީރާނުގެ ސަފީރު އަނބުރާ ޤައުމަށް ފޮނުވާލުމަށް ނިންމައިފައެވެ.

އީރާނުގެ އިންޤިލާބީ ލަޝްކަރުން ޙަމަލާ ދިން ޖައިޝް އަލް އަދްލް ވަނީ މީގެ ހަފުތާތަކެއް ކުރިން އީރާނުގެ ފުލުހުންގެ މަރުކަޒަކަށް ޙަމަލާ ދިނުމަށް ފަހު 11 މީހުން މަރައިލައިފައެވެ. އީރާނުން ވަނީ އެ ޙަމަލާގެ ބަދަލުހިފާނެ ކަމަށް ބުނެފައެވެ. ޕާކިސްތާނަށް ޙަމަލާ ދިނުމުގެ ކުރިން އީރާނުން ވަނީ ޔަހޫދީ ޖާސޫސުން ޢިރާޤުގައި ބޭނުންކުރަމުންދިޔަ ޢިމާރާތަކަށާއި ސޫރިޔާގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވެސް ޙަމަލާ ދީފައެވެ.