ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީ ޖަމާޢަތުން ޙަމަލާ ދިން އާގުބޯޓެއްގައި ތިބި ފަޅުވެރިން އިންޑިޔާގެ އަސްކަރިއްޔާއިން ސަލާމަތް ކޮށްފިއެވެ. ހޫޘީން ޙަމަލާ ދީފައި ވަނީ އެމެރިކާގެ ކުންފުންޏަކުން ހިންގާ އާގުބޯޓެއް ކަމުގައިވާ ޔޫއެސް ޖިންކޯ ޕިކާރްދީއަށެވެ. އެ އުޅަނދަށް ޙަމަލާ ދީފައި ވަނީ ޢަދަން ކަނޑުން ދަތުރު ކުރަމުން ދަނިކޮށެވެ.
ހޫޘީން އެ އުޅަނދަށް ޙަމަލާ ދިނުމުން އިންޑިޔާގެ އަސްކަރިއްޔާއިން ވަނީ އެ ޤައުމުގެ އަސްކަރީ މަނަވަރެއް އެ ސަރަޙައްދަށް ފޮނުވާފައެވެ. އެ އުޅަނދުގައި ތިބި 22 ފަޅުވެރިންގެ ތެރޭގައި އިންޑިޔާގެ ނުވަ ރައްޔިތުން ވެސް ހިމެނެއެވެ. އިންޑިޔާގެ ކަނޑުގެ ސިފައިން ބުނީ އުޅަނދުގައި ތިބި ހުރިހާ ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމަށާއި އެ އެންމެންގެ ހާލު ރަނގަޅު ކަމުގައެވެ. އަދި ހޫޘީންގެ ޙަމަލާގައި އުޅަނދުގައި އަލިފާނުގެ ޙާދިޘާއެއް ހިނގި ނަމަވެސް އަލިފާންގަނޑު ނިއްވައިލާފައިވާ ކަމުގައެވެ.
ޙޫޘީންގެ ޙަމަލާތަކުގެ ރައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަމަނަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ހޫޘީންގެ ބެލިސްޓިކް މިސައިލް ސައިޓުތަކަށް ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނެއެވެ. އަދި ހޫޘީންގެ 14 ބެލިސްޓިކް މިސައިލެއް ނައްތައިލާފައިވާ ކަމުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ. ހޫޘީންނަކީ ނިރުބަވެރިންގެ ޖަމާޢަތެއްގެ ގޮތުގައި ވެސް އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ.
ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީ ފައުޖުން އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމުންނެވެ. ޙަމަލާތައް ދީފައި ވާނީ ޔަހޫދީންނާ ގުޅުންހުރި މުދާ އުފުލާ އުޅަނދުފަހަރަށް ކަމުގައި ހޫޘީން ބުނެއެވެ.
ޙޫޓީންގެ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުން މުދާ އުފުލާ އުޅަނދުފަހަރުތައް ހިންގާ ކުންފުނިތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވެފައެވެ. ހޫޘީީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފަށާފައި ވަނީ ރަތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރު ޙިމާޔަތް ކުރުމުގެ ނަމުގައެވެ. އެ ކަމާ ގުޅިގެން އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ހޫޘީން ވަނީ ދީފައެވެ.