ޚަބަރު

ވ.ރަކީދޫގައި ސޯލާ ހައިބްރިޑް ނިޒާމް އިފްޠިތާޙްކޮށްފި


ވ ރަކީދޫގައި އިފްޠިތާހްކުރެއްވި، އަވިން ހަކަތަ އުފައްދާ ހައިބްރިޑް ނިޒާމްގެ ސަބަބުން އެރަށުގައި ކަރަންޓް އުފައްދަން އަންދާ ތެލުގެ ފަންސާސް އިންސައްތަ ކުޑަކުރެވޭނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ރަކީދޫގައި ކަރަންޓް އުފެއްދުމަށް ކުރިން ބޭނުންކުރަމުން ދިޔައީ ޑީސަލްކަމަށެވެ. ނަމަވެސް މިއަދު އިފްޠިތާޙްކުރި ނިޒާމާއެކު ދެން ދުވާލުގަޑީގައި އެރަށަށް ކަރަންޓްދޭނީ، ޑީސަލް ޖަނަރޭޓަރުތައް ނިންވާލުމަށްފަހު، އަވިންލިބޭ ހަކަތައާ، ބެޓެރި ބޭނުން ކޮށްގެންކަމަށް އެފަރާތުން މަޢުލޫމަތުދެއްވައެވެ. ރަކީދޫގައި ޤާއިމުކުރައްވާފައިވާ ހައިބްރިޑް ނިޒާމުގައި ނަވާވީސް ކިލޯވޮޓް ޕީކުގެ ސޯލާ ޕީވީ ޕެނަލް ހަރުކޮށްފައިވާއިރު، ފަސްދޮޅަސް ކިލޯވޮޓް އަވަރގެ ލިތިއަމް-އަޔޮން ބެޓެރި އިންސްޓޯލްކޮށްފައިވެއެވެ. އަދި ރޭގަނޑަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށާ، ބެޓެރިތައް ޗާޖްކުރުމަށް ޑީސަލް ބެކަޕެއް ޤާއިމުކޮށްފައިވެއެވެ. 

މި ސޯލާ ޕީވީ ޕެނަލްތައް ހަރުކޮށްފައިވާ ތަންތަނަކީ އެރަށު ކައުންސިލް އިދާރާއާއި، ހެލްތް ސެންޓަރާއި، އެރަށު ސްޓެލްކޯ އިންޖީނުގެއެވެ. 

ސްޓެލްކޯއިން ހިނގި މިމަޝްރޫޢަކީ އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކްގެ ރީޖަނަލް ޓެކްނިކަލް އެސިސްޓެންޓް ޕްރޮގްރާމްގެ ހިލޭއެހީއާ ސްޓެލްކޯގެ ޚަރަދުގައި ހިނގި ޕްރޮގްރާމެކެވެ. ރަކީދޫ ހައިބްރިޑް ނިޒާމު އިފްޠިތާޙްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި ނިޒާމް އިފްޠިތާޙްކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރުގެ އިތުރުން ރަކީދޫ ދާއިރާގެ މަޖްލީސް މެންބަރާއި، އޭޝިޔަންޑިވޮލޮޕްމެންޓް ބޭންކުގެ ޑިރެކްޓަރ ޖެނެރަލް، އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ.