ޚަބަރު

ހަރްކިވަށް މިސައިލް ޙަމަލާތަކެއްދީ 17 މީހުން މަރައިލައިފި


ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމުގައިވާ ހަރްކިވަށް ރަޝިޔާއިން ދިިން މިސައިލް ޙަމަލާތަކެއްގައި ޢާންމުންގެ 17 މީހުން މަރުވެއްޖެއެވެ. ޔޫކްރެއިނުން ބުނީ ރަޝިޔާގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ހަރްކިވްގައި ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށް ކަމުގައެވެ. އަދި ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ 10 ވަރަކަށް ޢިމާރާތަށް ދެ މިސައިލް ޙަމަލާއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެެވެ. އެ ޙަމަލާތަކުގައި 17 މީހުން ޒަޚަމުވިއެވެ.

ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު ބަޔަކު ތާށިވެފައިވޭތޯ ބެލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ޔޫކްރެއިންގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނީ ރަޝިޔާގެ އެއް މިސައިލް އަރާފައި ވަނީ ޞިއްޙީ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތިން ފަންގިލާގެ ޢިމާރާތަކަށް ކަމުގައެވެ. މިސައިލް ޙަމަލާތަކާ އެކު ދެ ޢިމާރާތެއްގައި އަލިފާން ރޯވި ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ.

ހަރްކިވް ސަރަޙައްދުގެ ގަވަރުނަރު އޮލެހް ސިނެހުބޮވް ވިދާޅުވީ ރަޝިޔާގެ ޙަމަލާގައި ޒަޚަމުވެފައިވާ 17 މީހުންގެ ތެރެއިން 14 މީހަކަށް ހޮސްޕިޓަލުގަައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަމުގައެވެ. އަދި އޭގެ ތެރެއިން ދެ އަންހެނެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހަރްކިވްގެ މޭޔަރު އީހޯރް ތެރެޚޮވް ވިދާޅުވީ ރަޝިޔާގެ މިސައިލް ޙަމަލާތައް އަމާޒު ކޮށްފައިވާ ސަރަޙައްދަކީ ޔޫކްރެއިންގެ އަސްކަރިއްޔާގެ އެއްވެސް މަރުކަޒެއް ހުންނަ ސަރަޙައްދެއް ނޫން ކަމުގައެވެ. އަދި އަސްކަރިއްޔާގެ ސިފައިން ޙަރަކާތްތެރިވަމުން ގޮސްފައިވާ ސަރަޙައްދެއް ވެސް ނޫން ކަމުގައެވެ. އޭނާ މިހެން ވިދާޅުވި ނަމަވެސް ޔޫކްރެއިންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ރަޝިޔާއިން ބޮން އަޅަމުންދާ ކަމަށް ޔޫކްރެއިނުން ކުރާ ތުހުމަތުތައް ރަޝިޔާއިން ދޮގު ކުރެއެވެ.

ހަރްކިވަކީ ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ސަރަޙައްދެކެވެ. ރަޝިޔާގެ ބާރުގެ ދަށަށް އެ ސަރަޙައްދު ގެންނަން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް އެ ކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ހުސްވި ހަފުތާގައި ވެސް ރަޝިޔާއިން ވަނީ ހަރްކިވްގެ ހޮޓަލަކަށް ވަރުގަދަ މިސައިލް ޙަމަލާތަކެއްދީ 11 މީހުން މަރައިލައިފައެވެ.

ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް އަރާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ހަނގުރާމައިގައި ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ލުހާންސްކާއި ދޮންޔެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.