ކުޅިވަރު

ޗެމްޕިއަންސްލީގުން ބާސާ ކަޓައިފި


ޗެމްޕިއަންސް ލީގު ސެމީފައިނަލުން ޖާގަ ނުލިބި ޗެމްޕިއަން ބާސެލޯނާ ކަޓައިފިއެވެ. ބާސެލޯނާ މުބާރާތުން ކެޓީ ކްއާޓަރ ފައިނަލްގައި 3-2 ގެ އެގްރިގޭޓުން ވާދަވެރި އެތްލެޓިކޯމެޑްރިޑް އަތުން ބަލިވުމުންނެވެ. 

ފުރަތަމަ ލެގު ބާސާގެ ދަނޑުގައި ކުޅެ ދޭއް އެކަކުން ކާމިޔާބުކުރެވުނު ނަމަވެސް، ޗެމްޕިއަނުންނަށް ފުރުޞަތު ގެއްލުނީ ރޭ ކުޅުނު ދެވަނަ ލެގުގައި އެތްލެޓިކޯގެ ދަނޑުގައި 2-0 ން ބަލިވެގެންނެވެ. ރޭގެ މެޗުގައި އެތްލެޓިކޯގެ ދެ ލަނޑުވެސް ޖެހީ ގްރިޒްމަންއެވެ. އޭނާ ދެވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. 

ސެމީގެ ފުރުޞަތު ގެއްލުނު މެޗަށްފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ ބަލިވުމުގެ ޒިންމާ އޭނާ ނަގާކަމަށާއި، ޓީމް މިވަގުތު އޮތީ އެންމެ ރަނގަޅު ހާލަތުގައިނޫންކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސްލީގުގައި ކުރިއަށްދިއުމުގެ ފުރުޞަތު ބަންދުވިޔަސް ހަމަޖެހެން ޖެހޭކަމަށާއި، ލޯކަލް ދެމުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. ނަމަވެސް ލަލީގާގައިވެސް ބާސާ އޮތީ އެތްލެޓިކޯއަށްވުރެ އެންމެ ތިން ޕޮއިންޓް ކުރީގައެވެ. 

ބާސާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އަދި ރޭގެ ބައްޔާއެކު އެގާރަ އަހަރުގެ ތެރޭގައި ސެމީން ބާސާއަށް ފުރުޞަތު ގެއްލުނި މިއީ ތިންވަނަ ފަހަރެވެ.