ޚަބަރު

މައްސަލަ ޙައްލުކުރަން އީރާނުގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް


އީރާނާއި ޕާކިސްތާނާ ދެމެދު ގޯސްވެފައިވާ ގުޅުންތައް ބަދަހިކޮށް، މައްސަލަތައް ޙައްލު ކުރުމާ ގުޅޭ މަޝްވަރާތަކެއް ބޭއްވެވުމަށް އީރާނުގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ އެ ޤައުމަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމުގައެވެ. އީރާނުން ވެސް އެ ކަން ކަށަވަރު ކޮށްދެއެވެ.

ޢަބްދުއްލުހައްޔާނީ ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނީ ދެ ޤައުމުގެ ދެމެދުގައި މިސައިލް ޙަމަލާތަކެއް ބަދަލުކޮށް ގުޅުންތައް ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޙަމަލާ ބަދަލު ކުރުންތަކާ ގުޅިގެން، ދެ ޤައުމުގެ އެމްބަސީތަކުގެ ސަފީރުން ވެސް ވަނީ އަނބުރާ ޤައުމަށް ގޮސްފައެވެ. ނަމަވެސް، ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޖަނަވަރީ 26 ވަނަ ދުވަހުގެ ކުރިން ސަފީރުން އަނބުރާ އެމްބަސީތަކަށް ފޮނުވަން ދެ ޤައުމުން ވެސް އެއްބަސްވެފައިވާ ކަމުގައެވެ.

"ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޖަލީލް އައްބާސް ޖިލާނީގެ ދަޢުވަތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ޖަނަވަރީ 29 ވަނަ ދުވަހު ޕާކިސްތާނަށް ވަޑައިގަންވާނެ،" ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އީރާނާއި ޕާކިސްތާނާ ދެމެދު ދާދި ފަހުން ބަދަލު ކޮށްފައިވާ މިސައިލް ޙަމަލާތަކަކީ ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ބަދަލު ކޮށްފައިވާ އެންމެ ނުރައްކާތެރި ޙަމަލާތަކެވެ. ޙަމަލާތަކަށް ފަހު ޕާކިސްތާނުން ވަނީ އީރާނާ އެކު ޚާރިޖީ ދާއިރާއިން މަޝްވަރާތައް ބޭއްވުން ވެސް މެދުކަނޑައިލާފައެވެ.

އީރާނުން ބުނީ އެ ޤައުމުގެ އަސްކަރިއްޔާއިން ޙަމަލާ ދީފައި ވަނީ ޕާކިސްތާނުގައި ޙަރަކާތްތެރިވަމުން ދިޔަ ޖަޔިޝް އަލް-ޢަދްލް ޖަމާޢަތުގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމުގައެވެ. އެއީ، އީރާނުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ޖަމާޢަތެކެވެ. އަދި ޕާކިސްތާނުން ބުނީ އެ ޤައުމުގެ އަސްކަރިއްޔާއިން ޙަމަލާ ދީފައި ވަނީ އީރާނުގައި ޙަރަކާތްތެރިވަމުން ދިޔަ ބަލޯޗް ލިބަރޭޝަން ފްރޮންޓާއި ބަލޯޗް ލިބަރޭޝަން އާމީގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ކަމުގައެވެ. އެއީ ޕާކިސްތާނުގެ ސަރުކާރާ ދެކޮޅު ޖަމާޢަތެކެވެ. އެ ދެ ޖަމާޢަތަކީ ވެސް ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮންނަ ބަލޯޗިސްތާން ޕުރޮވިންސާއި އީރާނުގެ އިރުދެކުނުގައި އޮންނަ ސިސްތާން-ބިލޫޝިސްތާން ޕުރޮވިންސުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާ ޖަމާޢަތްތަކެކެވެ. އެ ދެ ސަރަޙައްދަކީ ވެސް މަޢުދަނުގެ ގޮތުން މުއްސަނދި ދެ ސަރަޙައްދެވެ. އީރާނުން ދީފައިވާ ޙަމަލާތަކުގައި ދެ ކުޑަކުދިން މަރުވި ކަމަށް ޕާކިސްތާނުން ބުނެއެވެ. އަދި ޕާކިސްތާނުން ދިން ޙަމަލާތަކުގައި ނުވަ މީހުން މަރުވި ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުދަކުދިން ހިމެނޭ ކަމުގައި އީރާނުން ބުނެއެވެ.