މާލެސިޓީގެ ތަރައްޤީއަށް ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާހާ ހިނދަކު، މަޝްރުޢޫތައް ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގައި އެއްވެސް އުޒުރެއް ނެތްކަމަށް މާލެ ސިޓީގެ އައު މޭޔަރު ޢާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ޢާޒިމް ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ އެމަނިކުފާނުގެ ބައެއް ސިޔާސަތުތައް ހާމަކުރައްވާފައެވެ.
މާލެ ސިޓީގެ އައު މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ ބޭނުންފުޅުވަނީ މާލޭގެ ރައްޔިތުންނަށް ހިތްހަމަޖެހިގެން ދިރިއުޅެވޭނެ ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށްކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެދަށުން ހިންގުމަށް ނިންމާފައިވާ 11 މަޝްރުޢުއެއް މިދިޔަ ހަފްތާގެ ތެރޭގައި އެ ކައުންސިލުން ވަނީ ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކުގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައެވެ. މިކަމާއި ގުޅޭގޮތުން ޢާޒިމް ވިދާޅުވީ، އެ މަޝްރޫޢުތަކުގެ ތަފްސީލް ދެނެގަތުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.
ޢާޒިމް ވިދާޅުވީ ޕްރޮޖެކްޓްތައް ކައުންސިލުން މިނިސްޓްރީތަކާއި ހަވާލުކޮށްފައިވަނީ، 6 މަސްތެރޭ އެ މަސައްކަތް ނުފަށައިފިނަމަ އަލުން ސިޓީ ކައުންސިލްގެދަށަށް ބަދަލުކުރާގޮތަށްކަމަށެވެ. އެކަމުގައި ޝާކުވާއެއް ނެތްކަމަށާއި، މަޝްރޫޢުތައް ހިންގުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސަރުކާރަށް ދޭންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމަށް ޢާޒިމް ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެއް ނުކުރެވިގެން މަސައްކަތްތައް ލަސްނުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ. އެހެންނަމަވެސް މި މަޝްރޫޢުތައް ކުރިއަށްދާގޮތް ގާތުން ބައްލަވާނެކަމަށް ޢާޒިމް ވަނީ ވިދާޅުވެފައެވެ.
"މި މަސައްކަތްތައް ކުރިއަށްގެންދާ ބިންތައްވެސް ވަނީ ކަނޑައެޅިފައި. ތަރުތީބުން އުސޫލުގެ ތެރެއިން ކުރިއަށްދާ އެއްވެސް ކަމެއްގައި ހުރަހެއް ނާޅާނަން. އަޅުގަނޑުގެ ޢަމާޒަކީވެސް ރައްޔިތުން ބޭނުންވެފައި ތިބި ކަންކަމަށް އަވަސް ޙައްލުތައް ގުޅިގެން ހޯދައިދިނުން." މޭޔަރު އާދަމް ޢާޒިމް ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވީ މާލެއަށް އިތުރަށް އާބާދީ އިތުރުވާގޮތަށް މަޝްރޫޢުތައް ހިންގުމަކީ އެންމެ ބޭނުންވާ ގޮތް ނޫންކަމަށެވެ. މިހާރުވެސް މާލޭގައި ހުރި ޔުޓިލިޓީ އާންމު ޚިދުމަތްތަކަށް ނުކަތާވަރަށް މާލޭގެ އާބާދީ ބޮޑުވެފައިވާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ތަކުލީފުތައް އުފުލަންޖެހިފައިވާކަމަށެވެ.
ޢާޒިމް ވިދާޅުވީ މަސައްކަތްކުރައްވާނީ މާލެއަކީ އާއިލާތަކަށް ހިތްފަސޭހަ، ހިތްހަމަޖެހޭ ތަނަކަށް މާލެ ހެދުމަށްކަމަށެވެ. މި މަސައްކަތުގައި ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރައްވާނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވިއެވެ.