ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ޢާއިލާގެ މެންބަރުންތަކެއް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާއަށް ވަދެ، އެ ތަނުގައި ކުރިއަށް ދިޔަ ބައްދަލުވުމަކަށް ހުރަސް އަޅައިފިއެވެ. މަޖިލީހުގެ ޖަލްސާއަށް ހުރަސް އެޅި މީހުން ބުނީ، އެ މީހުންގެ ބޭނުމަކީ އަސީރުން މިނިވަން ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް މަޖިލީހާއި ސަރުކާރަށް ބާރުއެޅުން ކަމުގައެވެ.
މަޖިލީހުގެ އިދާރާގެ ތެރެއަށް ވަނުމުގެ ކުރިން އަސީރުންގެ ޢާއިލާގެ މެންބަރުން ވަނީ އެ ޢިމާރާތުގެ ކުރިމަތީގައި ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ. އަދި، އޭނާގެ އިސްތިއުފާއަށް ގޮވައިލާފައެވެ. މަޖިލީހުގެ ޖަލްސާއަކަށް ހުރަސް އެޅުމުން ދޭހަ ކޮށްދެނީ، ނަތަންޔާހޫގެ ސަރުކާރުގެ އަމަލުތަކާ މެދު އަސީރުންގެ ޢާއިލާތަކާއި އާންމު ރައްޔިތުން ނުރުހޭ މިންވަރެވެ.
"އަހަރުމެންގެ ޢާއިލާގެ މެންބަރުން އަސީރުންގެ ގޮތުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބިހާ ދުވަހަކު، ކަލޭމެންނަށް މި ތަނުގައި ޖަލްސާ ކުރާކަށް ނުތިބެވޭނެ،" އަސީރެއްގެ ޢާއިލާގެ މެންބަރަކު ބުންޏެވެ.
އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އަސީރުން މިނިވަން ކުރުމަށް ޖައްބާރު ނަތަންޔާހޫގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ނުކުރުމެވެ. އެ މީހުން ދެކޭ ގޮތުގައި، އަސީރުން މިނިވަން ކުރެވެން އޮތް ފުރުޞަތުތައް ޖައްބާރު ނަތަންޔާހޫ ދަނީ ނަގައިލަމުންނެވެ. އަދި، އެ ކަމަށް ފާޅުގައި ހުރަސް އަޅަމުންނެވެ. އަސީރުން މިިނިވަން ކުރުމަށް ޙަމާސުން ހުށަހަޅާފައިވާ ޝަރުޠުތަކަށް ނަތަންޔާހޫ ފާޅުގައި ދެކޮޅު ހެދުމަކީ، އަސީރުންގެ ޢާއިލާތަކަށް ބަލައިގަނެވޭ ކަމެއް ނޫނެވެ.
ޙަމާސުން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ ޣައްޒާއަށް އަރާފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ފޭބުމާއި ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރަށް ބޮންއެޅުން ހުއްޓައިލުމާއި އެ ސަހަރުގެ ވެރިކަމުގައި ދެމިއޮތުމަށް ޙަމާސަށް ފުރުޞަތު ދިނުމެވެ. ނަމަވެސް، ޖައްބާރު ނަތަންޔާހޫ ވަނީ މި ޝަރުޠުތަކާ ދެކޮޅު ހަދާފައެވެ.
ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން 100 މީހުން އެ ޖަމާޢަތުން މިހާރު ވެސް ވަނީ މިނިވަން ކޮށްފައެވެ. އެ މީހުން މިނިވަންކޮށްފައި ވަނީ ޤަޠަރާއި، މިޞްރާއި އެމެރިކާ ގުޅިގެން ޙަމާސާއި ޔަހޫދީންނާ ދެމެދު އެކުލަވައިލި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން ވެސް ވަނީ، ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމުންގެ ތެރެއިން 240 މީހުން މިނިވަން ކޮށްފައެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 136 އަސީރުން ތިބި ކަމަށް ބެލެވެއެވެ. އެ މީހުންގެ ޢާއިލާތަކުން ދަނީ އެ މީހުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ. އަސީރުންނާ ބެހޭ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ހިސްޓޭޖަސް އެންޑް މިސިންގް ޕާސަންސް ފެމިލީސް ފޯރަމުން ބުނީ އެ މީހުން މިނިވަން ކުރަން މަސައްކަތް ކުރާނެ ކަން ނުވަތަ ނޫން ކަން ނަތަންޔާހޫ ސާފުކޮށް ބުނެދޭން ޖެހޭނެ ކަމުގައެވެ. މި ކަމަށް ގޮވައިލާ ތެލް އަވީވުގެ މަގުތަކުގައި އަސީރުންގެ ޢާއިލާތަކުގެ މެންބަރުންނާއި، ނަތަންޔާހޫގެ ސަރުކާރާ ދެކޮޅު މީހުން ދަނީ މުޒާހަރާ ކުރަމުންނެވެ.